ކޮރަޕްޝަންގެ ތުހުމަތުކުރުމުން މެސީ އަށް އަދަބު ދެނީ

މުޙައްމަދު ޤާސިމް

ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާ، ކޮންމެބޯލްގައި ކޮރަޕްޝަން އެބައޮތް ކަމަށާއި، މިފަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ބްރެޒިލަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދީފައިވާކަމަށް ބުނެ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުރި ތުހުމަތުތަކާއި ގުޅިގެން އޭނާ އަށް ސަސްޕެންޝަނެއް އައުމުގެ ފުރުޞަތު ބޮޑުވެއްޖެއެެވެ.

މި މުބާރާތުގައި ޗިލީއާ ދެކޮޅަށް ކުޅުނު ތިންވަނަ ހޮވި މެޗަށްފަހު މެސީ ދެއްކި ވާހަކަތަކުގައި, ކޮޕާ އެމެރިކާ އިންތިޒާމްކުރާ ފަރާތުގެ އިތުރުން ރެފްރީންނަށްވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ ހާފުގައި އޭނާ އަށް ދެއްކި ރަތް ކާޑަކީވެސް އެ ފަރާތްތަކަށް މީގެކުރީން ފާޑުކިޔާފައިވާތީވެ، އެކަމުގެ ރައްދެއްގެ ގޮތުން ދީފައިވާ އަދަބެއްކަމަށްވެސް މެސީ ވަނީ ބުނެފައެވެ.

ބްރެޒިލްއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގައި ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެންވެސް މެޗުގެ ރެފްރީ އާއި އިންތިޒާމްކުރާ ފަރާތްތަކަށް ނިސްބަތްކޮށް މެސީ ވަނީ ކޮރަޕްޝަންގެ ތުހުމަތުތައްކޮށްފައެވެ. އެގޮތުން، މެސީ ވަނީ އެ މެޗުގައި ވީއޭއާރްގެ އެހީ ހޯދުމަށް ރެފްރީ ދެކޮޅުހެދުމުގެ އިތުރުން އެ މެޗުގައި އޮފިޝަލުންގެ ފަރާތުން ފެނުނު އެތައް މައްސަލަތަކެއް ފާހަގަކޮށް ފާޑުކިޔާފައެވެ.

މެސީ ވަނީ މުބާރާތުގެ ކަންކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް، ތިންވަނަ ހޮވީ މެޗުގައި ބޭއްވުނު މެޑަލް ދިނުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވާން ދެކޮޅުހަދާފައެވެ. އެކަމަށް އިޝާރަތްކޮށް މެސީ ބުނީ، އެ ރަސްމިއްޔާތަށް ހާޟިރުނުވީ، ކޮރަޕްޝަންގެ އަމަލެއްގައި ބައިވެރިވާން ބޭނުންނުވާތީކަމަށެވެ.

ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ އަށް ދެއްކި ރަތް ކާޑާ ގުޅިގެން އެއް މެޗުގެ ސަސްޕެންޝަނެއް އަންނާނެއެވެ. އެެއީ ކުރިއަށް އޮތް ދެކުނު އެމެރިކާގެ ވޯލްޑްކަޕް ކޮލިފައިންގައެވެ. އެކަމަކު، ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ކޮންމެބޯލާ ބެހޭގޮތުން މެސީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ ޑިސިޕްލިނަރީ މައްސަލައެއް ވަނީ ބަލަންފަށައިފައެވެ.


ކޮންމެބޯލްގެ ޑިސިޕްލިނަރީ ގަވާއިދުގައިވާ ގޮތުގެ މަތީން، އެ އިދާރާގެ އިތުރުން ގުޅުންހުރި ފަރާތެއްގެ އަގުވެއްޓޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަ ދައްކައިފިނަމަ އެކަމާ ގުޅިގެން އެންމެ ހަރުކަށި އަދަބުދެވެން އޮވެއެވެ. އެގޮތުން، ކުރިއަށް އޮތް ދެ އަހަރުގައި ގައުމީ ޓީމުގެ މެޗުތަކުން މެސީ ސަސްޕެންޑްކުރުމުގެ ފުރުޞަތު އެބައޮތެވެ.

އުމުރުން 32 އަހަރުގެ މެސީ އަށް ދެ އަހަރުގެ ސަސްޕެންޝަނެއް އަތުވެއްޖެނަމަ، އޭނާ އަށް ކުރިއަށް އޮތް ވޯލްޑްކަޕް ކޮލިފައިންގެ މެޗުތަކުގެ އިތުރުން އަންނަ އަހަރު ކޮލަމްބިއާ އާއި އަމިއްލަ ގައުމުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައިވެސް ނުކުޅެވޭނެއެވެ.

މެސީ ދެއްކި ވާހަކަތަކާއި ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޗުތަކުން ބަލިވުމާއި ރަތް ކާޑު ދެއްކުން ފަދަ ފުޓްބޯޅަ ދަނޑުމަތީގައި އާންމުކޮށް ހިނގާ ކަމެއްގެ ސަބަބުން، ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާއިގެ އަގުވެއްޓޭ ގޮތަށް މެސީ ފަދަ ކުޅުންތެރިއަކު ވާހަކަ ދެއްކުމަކީ މުޅި މުބާރާތަށާއި، ވާދަކުރާ އެންމެހާ ކުޅުންތެރިންނަށް ގަދަރާއި އިހުތިރާމްނުކުރާކަން ދޭހަކޮށްދޭ ކަމެކެވެ. 

އަދި، ދެކުނު އެމެރިކާ ސަރަހައްދުގައި ފުޓްބޯޅަ ކުރިއެރުވުމަށް އެ އިދާރާއިން ކެނޑިނޭޅި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކުރަމުން އަންނަ ބުރަ މަސައްކަތްތައް ހުއްޓުވުމަށްޓަކައި ގަދަރު އުފުލިފައިވާ މުބާރާތެއްގެ އަގުވައްޓާލުމުގެ ނިޔަތުގައި ކޮށްފައިވާ މި އަމަލަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު