މެސީއާ ހަޒާޑް އަރާ ހަމަކޮށްފި

މުޙައްމަދު ޤާސިމް

ފުޓްބޯޅަ ކުޅުންތެރިންގެ މާކެޓް ވެލިއު އަށް އަންނަ އެކި ބަދަލުތަކާއި، ދަނޑުމަތީގައި ދައްކާ ކުޅުމުގެ މައްޗަށް ބިނާކޮށް އެ ކުޅުންތެރިއެއްގެ އަގު ކަނޑައެޅުމުގައި ދުނިޔޭގައި އެންމެ ނަން ހިނގާ އެއް ޕޯޓަލް ކަމަށްވާ ޓްރާންސްމާކެޓް.ކޮމް (Transfermarkt.com) އިން އެންމެފަހުން ނެރުނު ލިސްޓުގައި ހިމެނޭގޮތުގައި ސްޕެނިޝް ލީގުގެ އެންމެ އަގުހުރި ކުޅުންތެރިޔާކަމަށްވާ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާ ރެއާލް މެޑްރިޑަށް ދާދިފަހުން ބަދަލުވި ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް އަރާ ހަމަކޮށްފިއެވެ.

ޓްރާންސްފާމެކްޓް އިން ނެރުނު ލިސްޓުގައި، މެސީ އާއި ހަޒާޑްގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 150 މިލިއަން ޔޫރޯ އެވެ. އެކަމަކު، މީގެ އެއް އަހަރު ކުރިއަށްޖެހިލާކަމަށްވާނަމަ ދެ ކުޅުންތެރިންގެ އަގުގެ މެދުގައި 70 މިލިއަން ޔޫރޯގެ ފަރަގެއް ހުރިއެވެ. އެގޮތުން، މިދިޔަ އަހަރުގެ މެއި މަހުގެ 31 ގައި މެސީގެ އަގަކީ 180 މިލިއަން ޔޫރޯ އެވެ. އޭރު ހަޒާޑްގެ އަގަކީ 110 މިލިއަން ޔޫރޯއެވެ. ނަމަވެސް، އެންމެފަހުން ރަޝިޔާގައި ބޭއްވުނު ވޯލްޑްކަޕްގައި ބެލްޖިއަމްއާއެކު ދެއްކި މޮޅުކުޅުމުގެ އިތުރުން ކުރީގެ ކްލަބު ޗެލްސީގައި އުމުރުން 28 އަހަރުގެ ހަޒާޑްގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމުގެ ސަބަބުން އަގަށް 40 މިލިއަން ޔޫރޯ ވަނީ އިތުރުވެފައެވެ.

އުމުރުން 32 އަހަރުގެ މެސީގެ އަގު ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި، ވޯލްޑްކަޕްގައި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ނުދެއްކުމުގެ އިތުރުން ޓްރާންސްފާމާކެޓް ޕޯޓަލްގައި ކަނޑައަޅާފައިވާގޮތުން އުމުރުން 30 އަހަރުން މައްޗަށް ދިއުމުން، ކޮންމެ އަހަރަކަށްފަހު ކުޅުންތެރިޔާގެ އަގު ދަށަށް ދާން ފަށެއެވެ. އެގޮތުން، ފާއިތުވެދިޔަ އެއް އަހަރުގެ ތެރޭގައި މެސީގެ އަގުން 30 މިލިއަން ޔޫރޯ ވަނީ އުނިވެފައެވެ.

މިފަހަރުގެ ލިސްޓުގައިވާގޮތުން، މިހާރު ދުނިޔޭގައި ހުރި އެންމެ އަގުހުރި ކުޅުންތެރިއަކީ 200 މިލިއަން ޔޫރޯގެ އަގަކާއެކު ފްރާންސް އަދި ޕީއެސްޖީގެ އުމުރުން 20 އަހަރުގެ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. 180 މިލިއަން ޔޫރޯގެ އެސްޓިމޭޓެޑް އަގަކާއެކު ބްރެޒިލްގެ ނޭމާ ދެވަނައިގައި އޮތްއިރު، ތިންވަނައިގައި ހިމެނެނީ މެސީއާ ހަޒާޑްގެ އިތުރުން ލިވަޕޫލް އާއި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އަދި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އެވެ. މި ހަތަރު ކުޅުންތެރިންގެ އަގަކީ ކުރީންވެސް ފާހަގަކޮށްލާފައިވާ ފަދައިން 150 މިލިއަން ޔޫރޯ އެވެ.


އެންމެފަހުން ނެރުނު ލިސްޓްގެ ގަދަ 25 ގައި ހިމެނޭ އެންމެ ޒުވާން ކުޅުންތެރިޔަކީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ އުމުރުން 19 އަހަރުގެ ވިންގާ ޖޭޑަން ސަންޗޯ އެވެ. އޭނާގެ އަގުގެ ގޮތުގައި 100 މިލިއަން ޔޫރޯ ކަނޑައަޅާފައިވާއިރު، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެނީ 90 މިލިއަން ޔޫރޯގެ އަގަކާއެކު މި ލިސްޓުގެ 25 ވަނައިގައެވެ. މި ފަހަރުގެ ލިސްޓު ނެރުނުއިރު، އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކުޅުންތެރިންގެ ތެރޭގައި، ދާދިފަހުން އެތުލެޓިކޯ މެޑްރިޑަށް ބަދަލުވި ޕޯޗުގަލްގެ ޒުވާން ތަރި ޔާއޯ ފެލިކްސް، ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި ޓްރެންޓް އެލެގްޒެންޑާ އާނޯލްޑްގެ އިތުރުން މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ އާއި ރެއާލްގެ ވިނީޝަސް ޖޫނިއާ ހިމެނެއެވެ.

މީގެއިތުރުން، މި ލިސްޓުގެ ގަދަ 25 ގައި ހިމެނޭ އިތުރު ކުޅުންތެރިންނަށް ބަލާއިރު، އެންމެ ކުރީގައި އުޅޭ ގޯލްކީޕަރުންނަކީ، 100 މިލިއަން ޔޫރޯގެ އަގަކާއެކު 17 ވަނައިގައި އޮތް އެތުލެޓިކޯގެ ކީޕަރު ޔާން އޯބްލަކް އަދި 24 ވަނައިގައި 90 މިލިއަން ޔޫރޯގެ އަގަކާއެކު އޮތް ބާސެލޯނާގެ ކީޕަރު މާކް އަންދްރެ ޓަ ސްޓެގަން އެވެ. މި ފަހަރުގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ޑިފެންޑަރު ވާޖިލް ވެން ޑައިކްގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީވެސް 90 މިލިއަން ޔޫރޯ އެވެ.

ޓްރާންސްފާމާކެޓް ޕޯޓަލްގައި ކުޅުންތެރިޔާގެ އަގު އެސްޓިމޭޓް ކުރުމުގައި ބަލާ ކަންތައްތަކަކީ، އެ ކުޅުންތެރިއަކު ދަނޑުމަތީގައި ދައްކާ ކުޅުމުގެ ސަބަބުން އަގަށް އަންނަ ބަދަލުގެ އިތުރުން ޓްރާންސްފާ ފީ އާއި މުސާރަ އަދި އިންޑިވިޖުއަލް ހުނަރެވެ. 

ކިޔުންތެރިންގެ ހިޔާލު