އާސެނަލްގެ ޓެކްނިކަލް ޑިރެކްޓަރަކަށް އެޑޫ ހަމަޖައްސައިފި

މުޙައްމަދު ޤާސިމް

އާސެނަލްގެ ޓެކްނިކަލް ޑިރެކްޓަރަކަށް އެ ކްލަބަށް ކުރީން ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު އެޑޫ ހަމަޖައްސައިފިއެވެ.

އުމުރުން 41 އަހަރުގެ އެޑޫ މިހާތަނަށް ހުރީ ބްރެޒިލްގެ ގައުމީ ޓީމުގެ ޖެނެރަލް ކޯޑިނޭޓަރުގެ މަގާމުގައެވެ. އެ ޓީމާއެކު އެންމެފަހުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވާއިރު، އޭނާ އެ މަގާމާ ހަވާލުވީ 2016 ވަނަ އަހަރުގައެވެ.

އާސެނަލުން ވަރުގަދަ ޑިރެކްޓަރެއް ހޯދުމުގެ މަސައްކަތްކުރާތާ ދުވަސްތަކެއްފަހުން އެޑޫ އެ މަގާމަށް އައްޔަންކޮށްފައިވާއިރު، މިހާރު ސެވިއްޔާގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި ހުރި މޮންޗީގެ އިތުރުން އަޔެކްސް އެމްސްޓެޑަމްގެ މާކް އޮވަމާސް ގެނައުމަށް މީގެކުރީން މަސައްކަތްކޮށްފައިވާކަމަށް އެކި ފަހަރު މަތީން މީޑިއާގައި ދިޔައީ އަޑުއަރަމުންނެވެ.

އާސެނަލްގެ ފޭނުންގެ ފޭވަރިޓެއްކަމަށްވާ އެޑޫ ވަނީ 2001 އިން ފެށިގެން 2005 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމާއެކު ޕްރިމިއާ ލީގާ، އެފްއޭކަޕް ތަށި ދެ ފަހަރު ހޯދާފައެވެ. އެގޮތުން، 2003/2004 ވަނަ އަހަރުގެ ސީޒަނުގައި އެއްވެސް މެޗަކުން ބަލިނުވެ އެ ޓީމުން ލީގު ކާމިޔާބުކުރިއިރު އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އޭގެފަހުން، 2010 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ކޮރިންތިއަންސްގެ ޑައިރެކްޓަރ އޮފް ފުޓްބޯލްގެ މަގާމުވެސް ވަނީ އަދާކޮށްފައެވެ.


އިނގިރޭސި މީޑިއާ އިން ސިފަކުރާގޮތުގައި، އެޑޫ އަކީ މި ސީޒަނަށް އާސެނަލަށް ގެންނާނެ އެންމެ މުހިއްމު ފަރާތެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި، މިދިޔަ އޮކްޓޫބަރުމަހުގައި އާސެނަލްގެ ޗީފް އެގްޒެކެޓިވް އިވާން ގަޒީޑިސް އެ މަގާމު ދޫކޮށްލުމަށްފަހު އޭސީ މިލާނަށް ބަދަލުވެފައިވުމާއި، ކުރީން އާސެނަލްގެ ހެޑް އޮފް ރެކްރޫޓްމަންޓްގެ މަގާމު އަދާކުރި ޖަރުމަންގެ ސްވެން މިސްލީންޓާޓް މިދިޔަ ފެބުރުއަރީ މަހު އެ ޓީމު ދޫކޮށްލުމުގެ އިތުރުން ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ހޯދުމުގައި ހާއްސަ ޑިރެކްޓަރެއްގެ މުހިއްމުކަން ބޮޑުވުމެވެ.

"އެޑޫ މި ޓީމާ ގުޅޭތީވެ އަހަރެމެން މިތިބީ ވަރަށް އުފަލުން. އޭނާ އަކީ ފުޓްބޯޅައާ ގުޅުންހުރި ޓެކްނިކަލް ކަންތައްތައް ވަރަށް ރަނގަޅަށް އެނގޭ ތަޖުރިބާހުރި މީހެއް. އަނެއްކޮޅުން، އޭނާ އަކީ ކްލަބުވެސް އެހާ ރަނގަޅަށް އެނގޭ ފަރާތަކަށްވުމުން ހުރިހާ ކަމެއްވެސް ފަސޭހަވެގެންދާނެ." އާސެނަލްގެ ހެޑް އޮފް ފުޓްބޯލް ރައުލް ސަންލޭހި ބުންޏެވެ.

ސަންލޭހީ އިތުރަށް ބުނިގޮތުގައި، އެޑޫ އައުމާއެކު އާސެނަލް މިހާރު އޮތް ހިސާބުން ކުރިއަށް ގެންގޮސް، އިތުރު ކުރިއެރުންތައް ހޯދައިދީ ސަޕޯޓަރުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އާސެނަލުން މިހާތަނަށް ގެނެސްފައިވާ ބްރެޒިލްގެ އުމުރުން 18 އަހަރުގެ ފޯވާޑް ގެބްރިއަލް މާޓިނެއްލީ ގެނައީވެސް އެޑޫގެ ލަފާގެމަތީންކަމަށްވެއެވެ. އެ ކްލަބުން މިހާރު ގެނައުމަށް މަސައްކަތްކުރާ ކުޅުންތެރިންގެ ތެރޭގައި، ސެއިންޓް އެޓިއެންގެ ޒުވާން ސެންޓްރަލް ޑިފެންޑަރު ވިލިއަމް ސަލިބާ އާއި ސެލްޓިކްގެ ފުލްބެކް ކިއެރަން ޓިއާނީ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު