އެމްބާޕޭ ކޮންޓްރެކްޓް އާ ކުރާނެކަން ޔަގީނެއް ނޫން: ޕީއެސްޖީ

މުޙައްމަދު ޤާސިމް

ނޭމާއާ ގުޅިގެން މީޑިއާގައި ދެކެވޭ ވާހަކަތަކާއި އޭނާ ކްލަބް ދޫކޮށްލަން ބޭނުންވާތީ އެކަމަށް އިޝާރާތްކޮށް، ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ ނޭމާ ވިއްކާލާނެ ކަމަށް މީގެކުރީން ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ބުނެފައިވާއިރު، އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ މިހާރު ހަދާފައިވާ އެއްބަސްވުން އާ ކުރާނެކަމުގެ ޔަގީންކަން ދެވެން ނެތްކަމަށްވެސް ވަނީ ބުނެފައެވެ.

އެގޮތުން، ލިއޮނާޑޯ ބުނީ އެ ޓީމުގެ ހުރިހާ ކަމެއްގައި އެންމެފަހުގެ ނިންމުންތައް ނިންމަނީ އޭނާ ނޫންކަމަށާއި މުޅީން ކަށަވަރުނުވާ ކަންކަމާ ބެހޭގޮތުން ޔަގީންކަން ދެވެން ނޯންނާނެކަމަށެވެ. ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، އެ ކްލަބުގައި އޭނާ ހޭދަކުރި ދެވަނަ ސީޒަނަށްފަހު އިތުރު ޒިންމާތައް ނަގަން ބޭނުންވާކަމަށް ވަނީ ބުނެފައެވެ.

މިކަމަށް އިޝާރާތްކޮށް އެ ކްލަބުގެ ރައީސް އަދި ޗެއާމަން ނަސީރު އަލް-ޚެއްލާފީ ވިދާޅުވީ އަމިއްލަ ކެރިއަރު ބިނާކުރުމަށްޓަކައި އެމްބާޕޭ، ޕީއެސްޖީގެ ޕްރޮޖެކްޓްގައި ވަރަށް ބޮޑަށް ބައިވެރިވާން ބޭނުންވާކަމަށެވެ. މީގެއިތުރުން، ލިއޮނާޑޯ ވެސް ވަނީ އެމްބާޕޭ އަކީ އެ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއްކަމަށް ބުނެފައެވެ. 

އެކަމަކު، ސްޕެއިނުގެ ރެއާލް މެޑްރިޑުން އެމްބާޕޭ ގެންދިއުމަށް އެކި ފަހަރުމަތީން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ކުރިއަށް އޮތް ސީޒަނުގައިވެސް ޕީއެސްޖީގައި އޭނާ މަޑުކުރާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ޕީއެސްޖީގެ ރައީސް ޚެއްލާފީ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ނޭމާ އާމެދު ޕީއެސްޖީން ދެކޭ ގޮތް މިއާ މުޅީން ތަފާތެވެ. އެގޮތުން، ދާދި ފަހުން ޚެއްލާފީ ވަނީ އަހުލާގު ދަށް އަމަލުތަކެއް ފެންނަ ކުޅުންތެރިންނަށް އެ ކްލަބުގައި ފުރުސަތެއް ނޯންނާނެ ކަމަށް ބުނެ ނޭމާ އަށް ނުސީދާ އިންޒާރެއް ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު