އިންޑިއާ ބަލިކޮށް ނިއުޒީލެންޑް ފައިނަލަށް

މުޙައްމަދު ޤާސިމް
އިންޑިއާ ބަލިކުރުމަށްފަހު ނިއުޒީލެންޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އައިސީސީ ޓުވިޓާ

ވިއްސާރައިގެ ސަބަބުން ދެ ދުވަހު ކުޅުން ކުރިއަށް ގެންދިޔަ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އިންޑިއާ ބަލިކޮށް ނިއުޒީލެންޑުން ކްރިކެޓް ވޯލްޑްކަޕްގެ ފައިނަލަށް ދަތުރުކޮށްފިއެވެ. ނިއުޒީލެންޑުން މި މެޗު ކާމިޔާބުކުރީ 18 ލަނޑުންނެވެ.

މިއީ އެންމެފަހުން ކުޅެވުނު ހަތަރު ވޯލްޑްކަޕްގެ ސެމީގައި ކުޅުނު ނިއުޒީލެންޑުން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލްގައި އެ ޓީމު ވަނީ ވާދަވެރި އޮސްޓްރޭލިއާ އަތުން ބަލިވެފައެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗުވެސް ވިއްސާރައިގެ ސަބަބުން ކުޅުން އެއްވެސް ވަރަކަށް ކުރިއަށް ގެންދެވިފައިނުވާއިރު، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ސެމީގައި ބައްދަލުކުރި މެޗުގެ ފުރަތަމަ އިނިންގްސްގެ ކުޅުން ކުރިއަށް ގެންދެވުނީ 46.1 އޯވަރާއި ހަމައަށެވެ. 

އިއްޔެގެ މެޗު ޓޮސް ދިމާވުމުން ނިއުޒީލެންޑުން ކުޅެން އަރައި ފަސް ކުޅުންތެރިން ނުބައިވެގެން 211 ލަނޑުހަމަކޮށްފައިވަނިކޮށް ބޯކޮށް ވާރޭވެހެން ފެށުމުން ކުޅުން އިތުރަށް ކުރިއަށް ނުގެންދެވުމުން ވަނީ މެޗު މެދުކަނޑާލާފައެވެ. އަދި، އޭގެފަހުން އެކި ފަހަރުމަތީން ކުޅުން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރިނަމަވެސް، ވާރޭ ހުއްޓާނުލުމުން އިއްޔެގެ ކުޅުން އެއްކޮށް މެދު ކަނޑާލިއެވެ.

ކްރިކެޓްގެ ގަވާއިދުގައި އޮންނަ ގޮތުން، ވޯލްޑްކަޕްގެ ނޮކްއައުޓް ބުރުގެ މެޗެއް، ވިއްސާރައިގެ ސަބަބުން މެދު ކަނޑާލަންޖެހިއްޖެނަމަ ދެން ޖެހިގެން އަންނަ ދުވަހު އެ މެޗުގެ އިނިންގްސްގެ ބާކީ ބައި ކުރިއަށް ގެންދަންޖެހެއެވެ. 

އެގޮތުން، ނިއުޒީލެންޑުން ވަނީ 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 239 ލަނޑުހަދާފައެވެ. އެންމެ ރަނގަޅަށް ކުޅުނީ 74 ލަނޑުހެދި ރޮސް ޓޭލާ އާއި 67 ލަނޑުހެދި ކެޕްޓަން ކޭން ވިލިއަމްސަން އެވެ. މި އިނިންގްސްގައި އިންޑިއާގެ ބުވަނޭޝްވަރު ކުމާރު ތިން ވިކެޓްނެގިއެވެ.


ޖަވާބުގައި ކުޅެންއެރި އިންޑިއާގެ ފުރަތަމަ ތިން ކުޅުންތެރިން ނުބައިވީ ފަސް ލަނޑަށެވެ. އެގޮތުން، އެ ޓީމުގެ ކޭއެލް ރާހުލް އާއި ރޯހިތު ޝަރުމާ އަދި ކެޕްޓަން ވިރާތު ކޯލީ ކުރެން ކޮންމެ ކުޅުންތެރިއަކަށް ހެދުނީ އެންމެ ލަނޑެކެވެ. އޭގެފަހުން، ނިއުޒީލެންޑްގެ އުކުންތެރިން ދެއްކި މޮޅު ކުޅުމާއެކު، އިންޑިއާގެ ހަ ކުޅުންތެރިން ނުބައިވިއިރު ހެދުނީ 92 ލަނޑެވެ. 

ނަމަވެސް، އެ ޓީމުގެ ކުރީގެ ކެޕްޓަން މަހެންދްރަ ސިންގް ދޯނީ އާއި ރަވިންދުރަ ޖަދޭޖާ ގުޅިގެން 116 ލަނޑުގެ ޕާޓްނާޝިޕެއް ހެދިއެވެ. އެކަމަކު، މެޗުގެ 47.5 ވަނަ އޯވަރުގައި ޖަދޭޖާ ނުބައިވިއިރު، ޖެހިގެންއައި އޯވަރުގައި ދޯނީ ނުބައިވުމުން އެ ޓީމަށް މި މެޗު ކާމިޔާބުކުރުމަށް އޮތް ހުރިހާ ދޮރެއް ބަންދުވިއެވެ. ދޯނީ ނުބައިވީ ނިއުޒީލެންޑުގެ މާޓިން ގަޕްޓިލް ދުރުން އެއްލި ބޯޅައެއް ވިކެޓުގައި ޖެހުމުންނެވެ. އިންޑިއާގެ ހުރިހާ ކުޅުންތެރިން ނުބައިވީ 221 ލަނޑަށެވެ. 

މި މެޗުގައި އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ 59 ބޯޅައިން 77 ލަނޑުހެދި ޖަދޭޖާ އާއި 50 ލަނޑުހެދި ދޯނީ އެވެ. ނިއުޒީލެންޑަށް މި މެޗު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ ތިން ވިކެޓްނެގި މެޓް ހެންރީ އެވެ. މީގެއިތުރުން، އެ ޓީމުގެ ޓްރެންޓް ބޯލްޓް އާއި މިޗޭލް ސެންޓްނާ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.

މި މުބާރާތުގެ ފައިނަލްގައި ނިއުޒީލެންޑް ނިކުންނާނީ، މާދަމާ ކުޅެވޭ ސެމީގެ ދެވަނަ މެޗުގައި އިންގްލެންޑްއާ އޮސްޓްރޭލިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު