ސެނެގޯލްއާ ނައިޖީރިއާ ސެމީ އަށް

މުޙައްމަދު ޤާސިމް

އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ސެނެގޯލްއާ ނައިޖީރިއާ އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބެނިން އަތުން 1-0 އިން މޮޅުވެ ސެނެގޯލުން ސެމީ އަށް ދަތުރުކުރިއިރު، ނައިޖީރިއާ ވަނީ 2-1 އިން ދެކުނު އެފްރިކާ ބަލިކޮށްފައެވެ.

މިއި 2006 ވަނަ އަހަރުގެ ފަހުން ސެނެގޯލުން ސެމީ ގައި ކުޅޭ ފުރަތަމަ ފަހަރަށްވާއިރު، މި މުބާރާތުގެ ތާރީޚުގައި އެ ޓީމުން ސެމީ އަށް ދަތުރުކުރި ހަތަރު ވަނަ ފަހަރެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސެނެގޯލަށް ލަނޑުޖަހަން ލިބުނު ހަމައެކަނި ފުރުޞަތުގައި ޗީކް ކުޔާޓޭ ބޮލުން ފޮނުވާލި ބޯޅަ ދަނޑިކައިރިން ބޭރަށްދިޔައިރު، ބެނިންގެ މައިކަލް ޕޯޓޭ އާއި ޖޯޑަން އަޑެއޯޓީ އަށް ވަނީ ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެގޮތުން، އަޑެއޯޓީ ފޮނުވާލި ބޯޅަ ސެނެގޯލްގެ ކީޕަރު އަލްފްރެޑް ގޯމިސް މަތަކުރިއިރު، ޕޯޓޭ ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަ ކިރިޔާއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ބެނިންގެ ސެސީ ޑިއަލްމެއިޑާ އާއީ ޕޯޓޭ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ސެނެގޯލްގެ އެމްބައޭ ނިއަންގް އާއި ކަލިދޫ ކުލިބަލީ އަށް ލިބުނު ފުރުޞަތުތައްވެސްވީ ބޭކާރެވެ.

އެކަމަކު، މެޗުގެ 69 ވަނަ މިނެޓުގައި ސެނެގޯލުގެ ހަމައެކަނި ލަނޑުޖަހައިދިނީ އިދްރިސާ ގޭ އެވެ. މިއީ އެ ޓީމުގެ ލިވަޕޫލް ފޯވާޑް ސަޑިއޯ މާނޭ ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، ބެނިން އަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ސެބިއޯ ސޫކޫ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މެޗު ނިމެން އަށް މިނެޓަށްވެފައިވަނިކޮށް، ބެނިންގެ އޮލިވިއާ ވާޑޮން އަށް ދެއްކި ރަތްކާޑާއެކު އެ ޓީމަށް ވަނީ އިތުރު މައްސަލަތައް ކުރިމަތިވެފައިވެއެވެ.


މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި، ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ނައިޖީރިއާ ވަނީ 2-1 އިން ދެކުނު އެފްރިކާ ބަލިކޮށް ސެމީ އިން ފުރުޞަތު ހޯދާފައެވެ. 

މެޗުގެ 27 ވަނަ މިނެޓުގައި ސެމުއެލް ޗުކުވުއެޒޭ ވައްދާލި ގޯލާއެކު ނައިޖީރިއާ އިން އެއް ލަނޑުގެ ލީޑެއްގައި އޮވެ ފުރަތަމަ ހާފު ނިންމާލިއިރު، މެޗުގެ 71 ވަނަ މިނެޓުގައި ބޮންގާނީ ޒުންގޫ ވަނީ ދެކުނު އެފްރިކާ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. 

ނަމަވެސް، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ނައިޖީރިއާގެ އަލެކްސް އިވޯބީ ނަގައިދިން ހުރަހަކުން ޗުކުވުއެޒޭ އަށް ލިބުނު ބޯޅަ ފޮނުވާލުމުން ދެކުނު އެފްރިކާގެ ޑިފެންޑަރަކު ދިފާއުކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ލިބުމުން ޗުކުވުއެޒޭ ވަނީ ގޯލްގެ ތެރެއަށް ފޮނުވާލައިގެން އެ ޓީމަށް ސެމީން ޖާގަ ކަށަވަރުކޮށްފައެވެ.

ސެމީގައި ސެނެގޯލް ބައްދަލުކުރާނެ ޓީމެއް އެނގޭނީ، މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މަޑަގަސްކާއާ ޓިއުނީޝިއާ މެޗުން މޮޅުވާ ޓީމަކާއެވެ. މީގެއިތުރުން، ނައިޖީރިއާ ސެމީގައި ނިކުންނާނީ، މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާ އައިވަރީ ކޯސްޓްއާ އަލްޖީރިއާ ކުރެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު