އީއެސްޕީއެންގެ އަހަރުގެ މޮޅު ކުޅުންތެރިއަކަށް މެސީ

މުޙައްމަދު ޤާސިމް
އީއެސްޕީއެން އިން ކުޅިވަރުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ އެސްޕީ އެވޯޑްސްގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އާޖެންޓީނާ އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދައިފިއެވެ.

އެމެރިކާގެ ލޮސް އެންޖެލެސްގެ މައިކްރޮސޮފްޓް ތިއޭޓާގައި އިއްޔެ ބޭއްވި ހަފްލާގައި މެސީ މި އެވޯޑް ހޯދިއިރު، މި މަގާމަށް އޭނާއާ އެންމެ ގާތުން ވާދަކުރީ ޕޯޗުގަލް އަދި ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކްގެ އިތުރުން ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.

މެސީ މި އެވޯޑް ކާމިޔާބުކުރިއިރު، އޭނާ ވަނީ ނިމިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި ޖުމްލަ 51 ލަނޑުހަމަކުރިއިރު ޔޫރަޕްގެ ރަންބޫޓްވެސް ހާސިލްކުރީ މެސީ އެވެ. ބާސެލޯނާއާއެކު ސްޕެނިޝް ލީގުގެ ތަށި އުފުލާލައިފައެވެ. މީގެއިތުރުން، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ އަށް ދަތުރުކުރިއިރު، ސްޕެނިޝް ކަޕްގެ ފައިނަލްގައި ވަނީ ވެލެންސިއާ އަތުން ބަލިވެފައެވެ. 

މި އެވޯޑަށް ވާދަކުރި ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު ލީގު ކާމިޔާބުކޮށް، ޕޯޗުގަލްއާއެކު ޔުއެފާ ނޭޝަންސް ލީގު ހޯދާފައެވެ. ނަމަވެސް، ނިމިދިޔަ ސީޒަނުގައި ރޮނާލްޑޯ ޖެހުނީ 28 ގޯލެވެ. ވެން ޑައިކް ވަނީ ލިވަޕޫލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ، ލީގުގެ ދެވަނަ ހޯދައިދިނުމުގެ އިތުރުން ނޭޝަންސް ލީގުގައި ނެދަލޭންޑްސްއާއެކު ރަނަރަޕް ހޯދާފައެވެ. އުމުރުން 20 އަހަރުގެ އެމްބާޕޭ ވަނީ މިދިޔަ ސީޒަނުގައި 39 ލަނޑުޖަހައި ގިނަ ގޯލްތަކެއް ޖެހުމަށް މަގުފަހިކޮށްދީ، ޕީއެސްޖީއާއެކު ލީގުވެސް ކާމިޔާބުކޮށްފައެވެ. 

މި ހަފްލާގައި ހޮވި އިތުރު މަގާމުތަކުގެ ތެރޭގައި، އެންމެ މޮޅު ޓީމުގެ މަގާމު އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމު ހޯދިއިރު، ބެސްޓް އިންޓަނޭޝަނަލް ވިމެންސް ސޮކާ ޕްލޭޔާ އަށް ހޮވުނީ އޮސްޓްރޭލިއާގެ ސޭމް ކާ އެވެ. އެންމެ މޮޅު އަންހެން އެތުލީޓަކަށް އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމުގެ ފޯވާޑް އަލެކްސް މޯގަން ހޯދިއިރު، އެންމެ މޮޅު ފިރިހެން އެތުލީޓުގެ އިތުރުން ބެސްޓް އެންބީއޭ ޕްލޭޔާ އަށް ހޮވުނީ ގްރީސްގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ޖިއާނިސް އެންޓެޓޮކޫންޕޯ އެވެ. އެންމެ މޮޅު ފިރިހެން ޓެނިސް ކުޅުންތެރިޔާގެ މަގާމް ރޮޖާ ފެޑެރާ ހޯދިއިރު، އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ ސެރީނާ ވިލިއަމްސް އެވެ. މޭޖާލީގު ސޮކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޒްލަޓާން އިބްރަހިމޮވިޗް އެވެ.

ކިޔުންތެރިންގެ ހިޔާލު