އާސެނަލްގެ ޕްރީ ސީޒަން ޓުއާގައި ބައިވެރިވާން ކޮޝިއެލްނީ ދެކޮޅު ހަދައިފި

މުޙައްމަދު ޤާސިމް

އާސެނަލުން އެމެރިކާ އަށް ކުރުމަށް ހަމަޖެހިފައިވާ ޕްރީ-ސީޒަން ޓުއާ ގަައި ބައިވެރިވާން އެ ޓީމުގެ ކެޕްޓަން ލޯރެން ކޮޝިއެލްނީ ދެކޮޅު ހަދައިފިއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ކޮޝިއެލްނީ ވަނީ އާސެނަލްގެ މެނޭޖްމަންޓް ގާތުން އޭނާގެ އެއްބަސްވުން އުވާލުމަށްފަހު އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުޞަތުދިނުމަށް އެދިފައެވެ.

ނަމަވެސް، މިހާތަނަށް އައިއިރުވެސް އާސެނަލުން އޭނާ ދޫކޮށްލަން އެއްބަސްނުވުމުން ކޮޝިއެލްނީ ވަނީ މިއަދު ވަގުތެއްގައި ޓީމުގެ ހުރިހާ ކުޅުންތެރިން އެމެރިކާ އަށް ކުރި ދަތުރުގައި ބައިވެރިވާން ދެކޮޅު ހަދާފައެވެ.

ފްރާންސްގެ ލޯރިއަންޓް އިން 2010 ވަނަ އަހަރު އާސެނަލަށް ބަދަލުވެ، ކޮޝިއެލްނީ ވަނީ ޕްރިމިއާ ލީގުގައި މިހާތަނަށް 350 އަށް ވުރެ ގިނަ މެޗު އެ ޓީމަށް ކުޅެދީފައެވެ. 

އުމުރުން 33 އަހަރުގެ ކޮޝިއެލްނީގެ ފުޓްބޯޅަ ކެރިއަރުގައި އެންމެ ހިތްދަތި ދުވަސްތަކާއި ކުރިމަތިލާން ޖެހިފައިވަނީ 2017/2018 ވަނަ އަހަރުގެ ސީޒަނުގައެވެ. އެގޮތުން، 2018 ވަނަ އަހަރުގެ މެއި މަހުގައި ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލްގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން ރަޝިޔާގައި ބޭއްވުނު ވޯލްޑްކަޕްގައި ކުޅުމުގެ ފުރުޞަތުވަނީ ގެއްލިފައެވެ. ފްރާންސުން ވަނީ އެ މުބާރާތް ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން، އާސެނަލްއާއެކު ކޮޝިއެލްނީ ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ އެންމެ އަހަރެއް އޮތްއިރު، މިހާތަނަށް އައިއިރު އެ ކްލަބުން ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް ފައްޓާފައިނުވާއިރު، އޭނާ ބޭނުންވަނީ އެނބުރި ފްރާންސަށް ދިއުމަށެވެ. 

ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކޮޝިއެލްނީ ގެންދިއުމަށް ފްރާންސްގެ ތިން ކްލަބަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން، އޭނާ ބަދަލުވުން އެންމެ ގާތީ ރެނެސް އަށް ކަމަށްވެސް ފްރާންސްގެ ބައެއް ނޫސްތަކުން ބުނެއެވެ.

އާސެނަލްގެ ޕްރީ-ސީޒަން ޓުއާގެ ފެށިގެންދާނީ މި މަހުގެ 16 ވަނަ ދުވަހު އެމެރިކާގެ ކޮލޮރާޑޯ ރެޕިޑްސްއާ ބައްދަލުކުރާ މެޗުންނެވެ. އެއަށްފަހު، އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ބަޔާން މިއުނިކާއި، ފިއޮރެންޓީނާގެ އިތުރުން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު