ހަތާވީސް އަހަރަށް ފަހު އިންގްލެންޑް ފައިނަލަށް

މުޙައްމަދު ޤާސިމް

މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި އެންމެފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާ ބަލިކޮށް އިންގްލެންޑުން 27 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. އިންގްލެންޑުން މި މެޗު ކާމިޔާބުކުރީ 8 ވިކެޓުންނެވެ.

މި ފަހަރުގެ މުބާރާތް ބާއްވާ ގައުމު، އިންގްލެންޑް އެންމެފަހުން ފައިނަލްގައި ކުޅުނީ 1992 ވަނަ އަހަރުގައެވެ. އެކަމަކު، އެ މުބާރާތުގެ ފައިނަލްގައި ޕާކިސްތާން އަތުން ބަލިވެ އިންގްލެންޑަށް ކުރިމަތިވީ ނާކާމިޔާބީއެވެ.

ބާމިންހަމްގެ އެޖްބަސްޓަންގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާ އިން ކުޅެން އަރައި 49 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 223 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނު ސްޓީވެން ސްމިތު 85 ލަނޑުހެދިއިރު، އަލެކްސް ކެރީ ވަނީ 46 ލަނޑުހަދާފައެވެ. 

މި އިނިންގްސްގައި އިންގްލެންޑުން އެންމެ ރަނގަޅަށް އުކީ 8 އޯވަރުގެ ތެރޭގައި 20 ލަނޑަށް ތިން ވިކެޓްނެގި ކްރިސް ވޯކްސް އެވެ. މީގެއިތުރުން، އެ ޓީމުގެ އަދީލް ރަޝީދު ތިން ވިކެޓްނެގިއިރު، މި ފަހަރުގެ ވޯލްޑްކަޕާ ދިމާކޮށް މުޅިން އަލަށް ޓީމަށް ގެނައި ޖޮފްރޭ އާޗަރ ދެ ވިކެޓްނެގިއެވެ.


ޖަވާބުގައި ކުޅެން އަރައި، އިންގްލެންޑުން މެޗު ކާމިޔާބުކުރި 32.1 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 226 ލަނޑުހަދައިގެންނެވެ. އިންގްލެންޑުން މޮޅަށް ކުޅުނީ 65 ބޯޅައިން 85 ލަނޑުހެދި ޖޭސަން ރޯއީގެ އިތުރުން ނުބައިނުވެ 49 ލަނޑުހެދި ޖޯ ރޫޓް އާއި 45 ލަނޑުހެދި ކެޕްޓަން އޮއިން މޯގަން އެވެ. 

އޮސްޓްރޭލިއާގެ އުކުންތެރިންނަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، އެ ޓީމުގެ ޕެޓް ކަމިންސް އާއި މިޗޭލް ސްޓާކް ކުރެން ކޮންމެ ކުޅުންތެރިއަކަށް ނެގުނީ އެންމެ ވިކެޓެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންގްލެންޑްގެ ކްރިސް ވޯކްސް އެވެ.

މިމަހުގެ 14 ވަނަ ދުވަހު ލޯޑްސްގައި ކުޅޭ ފައިނަލްގައި ބައްދަލުކުރާ އިންގްލެންޑް އަދި ނިއުޒީލެންޑަށްވެސް މި މުބާރާތް މިހާތަނަށް ކާމިޔާބުކުރެވިފައިނުވާތީވެ، ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދާނެކަމަށް ގަބޫލުކުރެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު