އިންސްޓަގްރާމުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓަކީ ރޮނާލްޑޯ!

މުޙައްމަދު ޤާސިމް

އިންސްޓަގްރާމް މެދުވެރިކޮށް އެންމެ ބޮޑު އާމްދަނީ ލިބޭ އެތުލީޓަކީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް އެނަލިޓިކްސް ވެބްސައިޓް ހޮޕާ އިން ހާމަކޮށްފިއެވެ.

މި ލިސްޓުގެ އެންމެ ކުރީން، ރޮނާލްޑޯ ޖާގަ ހޯދާފައިވަނީ ލިއޮނަލް މެސީ އާއި ލެބްރޮން ޖޭމްސްގެ އިތުރުން ވިރާތު ކޯލީ އާއި ފްލޮއިޑް މޭވެދާ ފަދަ އެތުލީޓުން ފަހަތަށް ޖައްސާލުމަށްފަހުގައެވެ.

މީގެއިތުރުން، މުޅި ދުނިޔޭގައިވެސް އިންސްޓަގްރާމްގައި އެންމެ ގިނަ އަދަދެއްގެ މީހުން ފޮލޯކުރާ ތަރިއަކީވެސް ރޮނާލްޑޯ އެވެ. އެގޮތުން، ރޮނާލްޑޯގެ ފޮލޯވާސްގެ އަދަދު 172 މިލިއަނަށް ވުރެ އިތުރުވެފައިވާއިރު، އޭނާގެ ޕްރޮމޯޝަނަލް ކޮންމެ ޕޯސްޓަކުން 975،000 ޑޮލަރު ލިބެއެވެ. 

ރޮނާލްޑޯއާ އެންމެ ގާތުން ވާދަކުރާ ބްރެޒިލްގެ ތަރި ނޭމާގެ ކޮންމެ ޕޯސްޓަކަށް 722،000 ޑޮލަރު ލިބޭއިރު، ތިންވަނައިގައި އުޅޭ އާޖެންޓީނާ އަދި ބާސެލޯނާގެ ކެޕްޓަން މެސީ އަށް ލިބެނީ 648،000 ޑޮލަރެވެ. މި ލިސްޓުގެ ގަދަ 5 ގައި ދެން ހިމެނެނީ، މިހާރު ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވާ ޑޭވިޑް ބެކަމް އާއި އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ލެބްރޮން ޖޭމްސް އެވެ. ބެކަމްގެ ކޮންމެ ޕޯސްޓަކަށް 357،000 ޑޮލަރު ލިބޭއިރު، ޖޭމްސް އަށް ލިބެނީ 272،000 ޑޮލަރެވެ.

ހޮޕާ އިން ނެރުނު ލިސްޓުގެ ގަދަ 10 ގައި ހިމެނޭ ކުޅިވަރު ކުޅޭ އިތުރު ތަރިންގެތެރޭގައި، ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯ އާއި ވޭލްސްގެ ތަރި ގަރެތު ބޭލް އަދި ޒްލަޓާން އިބްރާހިމޮވިޗްގެ އިތުރުން އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާތު ކޯލީ އަދި ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ހިމެނެއެވެ. މި ފަހަރުގެ ލިސްޓުގައި މިސްރު އަދި ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހަށް ލިބުނީ 12 ވަނައެވެ.

އެކަމަކު، މުޅި ދުނިޔޭގައި އުޅޭ ހުރިހާ ފަންނާނުންގެ ތެރެއިން، އިންސްޓަގްރާމް އިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސެލްބްރިޓީއަކީ ކައިލީ ޖެނާ އެވެ. ކައިލީ އަށް އިންސްޓްގްރާމް މެދުވެރިކޮށް ކޮންމެ ޕޯސްޓަކަށް 1.26 މިލިއަން ޑޮލަރު ލިބޭއިރު، ދެވަނައިގައި އުޅޭ އަރިއަނާ ގްރަންޑޭ އަށް ލިބެނީ 996،000 ޑޮލަރެވެ. މި ލިސްޓުގެ ގަދަ 5 ގައި ދެން ހިމެނުނީ ރޮނާލްޑޯގެ އިތުރުން ކިމް ކާޑޭޝިއަން އާއި ސެލީނާ ގޯމޭޒްއެވެ. މި ފަހަރުގެ ލިސްޓުގެ ގަދަ 10 ގައި ހިމެނޭ ތަރިންނަކީ، ޑްވޭން ޖޯންސަން (ދަ ރޮކް) އާއި ބިޔޯންސޭ ނޯލްސޭ އަދި ޓޭލާ ސްވިފްޓްގެ އިތުރުން ނޭމާ އަދި ޖަސްޓިން ބީބާ އެވެ.

ކިޔުންތެރިންގެ ހިޔާލު