އޭޝަސް 2019: ފުރަތަމަ މެޗު ބޮޑު ތަފާތަކުން އޮސްޓްރޭލިއާ ކާމިޔާބުކޮށްފި

މުޙައްމަދު ޤާސިމް

މިހާރު ކުރިއަށްދާ އައިސީސީ ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕްގައި އޭޝަސް ކްރިކެޓް ސީރީޒްގެ ފުރަތަމަ މެޗުގައި ނިމިދިޔަ ކްރިކެޓް ވޯލްޑްކަޕްގެ ޗެމްޕިއަން އިންގްލެންޑް އަތުން 251 ލަނޑުގެ ތަފާތަކުން އޮސްޓްރޭލިއާ މޮޅުވެއްޖެއެވެ.

ބާމިންހަމްގެ އެޖްބަސްޓަންގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާ އިން ކުޅެން އަރައި 80.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 284 ލަނޑަށެވެ. މި އިނިންގްސްގައި އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 144 ލަނޑުހެދި ސްޓީވެން ސްމިތެވެ. އިންގްލެންޑުން އެންމެ ރަނގަޅަށް އުކީ ފަސް ވިކެޓްނެގި ސްޓުއަޓް ބްރޯޑެވެ.

އިންގްލެންޑްގެ ފުރަތަމަ އިނިންގްސްގައި 135.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 374 ލަނޑުހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނު ރޯރީ ބާންސް 133 ލަނޑުހެދިއިރު، ޖޯ ރޫޓްގެ އިތުރުން ބެން ސްޓޯކްސް ވެސް ބައި ސައްތަ ހެދިއެވެ. އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް އުކި ޕެޓް ކަމިންސް އާއި ނަތަން ލިޔޯން ކުރެން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓްނެގިއެވެ.

އޮސްޓްރޭލިއާ އިން ދެވަނަ އިނިންގްސްގައި ކުޅެން އަރައި 112 އޯވަރުގެ ތެރޭގައި ހަތް ވިކެޓަށް 487 ލަނޑުހެދުމަށްފަހު ޑީކްލެއާކުރިއެވެ. އެންމެ ރަނގަޅަށް ކުޅުނު ސްމިތު 142 ލަނޑުހެދިއިރު، މެތިއު ވޭޑް ނުބައިވީ 110 ލަނޑަށެވެ. މި އިނިންގްސްގައި އިންގްލެންޑްގެ ސްޓޯކްސް ތިން ވިކެޓްނެގިއެވެ.

ޖަވާބުގައި އިންގްލެންޑަށް މި މެޗު ކާމިޔާބުކުރުމަށް ހަދަންޖެހިފައިވާ 398 ލަނޑުގެ ޓާގެޓަށް ވާސިލްނުވެވި، 52.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 146 ލަނޑަށެވެ. މި އިނިންގްސްގައި އިންގްލެންޑުގެ ކުޅުންތެރިން މިހާ ދަށް ސްކޯއަކަށް ނުބައިކޮށްލުމުގައި މުހިއްމު ދައުރެއް އަދާކުރި އޮސްޓްރޭލިއާގެ އުކުންތެރިޔާ ލިޔޯން ހަ ވިކެޓްނެގިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮސްޓްރޭލިއާގެ ބެޓްސްމަން ސްމިތެވެ. މިއީ 2001 ވަނަ އަހަރުގެ ފަހުން އެޖްބަސްޓަންގައި އިންގްލެންޑް އަތުން އޮސްޓްރޭލިއާ މޮޅުވި ފުރަތަމަ މެޗެވެ.

މި ސިލްސިލާގެ ފަސް މެޗުގެ ތެރެއިން، ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި އޯގަސްޓްމަހުގެ 14 އިން 18 ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.

ކިޔުންތެރިންގެ ހިޔާލު