ރޫނީ އެނބުރި އިންގްލެންޑަށް

މުޙައްމަދު ޤާސިމް

އިންގްލެންޑް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ އެ ގައުމުގެ ދެވަނަ ޑިވިޝަނުގެ ކްލަބެއްކަމަށްވާ ޑާބީ ކައުންޓީގައި ކޯޗެއްގެ އިތުރުން ކުޅުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށް އެއްބަސްވެއްޖެއެވެ.

އުމުރުން 33 އަހަރުގެ ރޫނީ އެ ޓީމާ ގުޅޭނީ 18 މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިހާރު ކުރިއަށްދާ މޭޖާ ލީގު ސޮކާގެ ސީޒަން ނިމުމުން، ކުރިއަށް އޮތް އަހަރުގެ ޖަނަވަރީ މަހުގައެވެ. 

މިދިޔަ އަހަރުގެ ޖޫން މަހުގައި އެވަޓަނުން އެމްއެލްއެސްގެ ޑީސީ ޔުނައިޓެޑަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޫނީ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 45 މެޗުގައި 25 ލަނޑުޖަހާފައެވެ.

އިންގްލެންޑްގެ ގައުމީ ޓީމުގެ އިތުރުން ޔުނައިޓެޑަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ފޯވާޑް، ރޫނީ ބުނީ އެނބުރި ގައުމަށްދާން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއްކަމަށާއި، އެހެންނަމަވެސް މިފަދަ ބަދަލުތައް ގެންނަނީ އާއިލާއާ ވީހާވެސް ގާތުގައި ވުމަށްކަމަށެވެ.

"އެނބުރި އިންގްލެންޑަށް ދިއުމަށް ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް. އެކަމަކު، އާއިލާގެ އެންމެންނާ ގާތުގައި ހުރުމަށްޓަކައި މި ފަދަ ބަދަލުތައް ގެންނަންޖެހޭ."

"އަހަރެން މި ހުރީ ޑާބީ އިން މި ކަހަލަ ފުރުޞަތެއްދިނުމުން ވަރަށް ބޮޑަށް އުފާވެފައި. އެ ޓީމުގެ މިހާރުގެ ކޯޗު ފިލިޕް ކޮކޫއާ އެކު މަސައްކަތްކުރުމަށް މިހުރީ ކެތްމަދުވެފައި." ރޫނީ ބުންޏެވެ.

ރޫނީ އިތުރަށް ބުނިގޮތުގައި ޑާބީއާއެކު އޭނާގެ ކޯޗިން ކެރިއަރު ފަށައި، އެ ޓީމުގެ ސީނިއާ ޓީމާއި އެކަޑެމީގެ ކުޅުންތެރިންނާއެކު މަސައްކަތްކުރުމަށް ލިބުނު ފުރުޞަތަށްޓަކައި ވަރަށް ބޮޑު ހިތްހަމަޖެހުމެއްލިބިފައިވާކަމަށެވެ.

ޑާބީގެ ހޮލެންޑް ކޯޗު ކޮކޫ ވަނީ ރޫނީ އެ ޓީމާ ގުޅޭތީވެ، އޭނާ އަށް ލިބިފައިވާ ތަޖުރިބާ އާއި ހުނަރުގެ ސަބަބުން އެ ކްލަބުގެ ހުރިހާ ކުޅުންތެރިންނަށާއި، ހާއްސަކޮށް ޒުވާން ކުޅުންތެރިންނަށް،  އިތުރު ކުރިއެރުންތައް ހޯދުމަށް ފަސޭހަވެގެންދާނެކަމަށެވެ.

މިދިޔަ ޖުލައި މަހު ޑާބީގެ ކޯޗުގެ މަގާމުން ވަކިވި ފްރޭންކް ލަމްޕާޑަށްފަހު އެ މަގާމާ ހަވާލުވި ކޮކޫގެ އިރުޝާދުގެ ދަށުން ޗެމްޕިއަންޝިޕްގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހޯމަ ދުވަހު ހަޑަސްފީލްޑް ޓައުން އަތުން މޮޅުވީ 2-1 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު