ުޔުވެންޓަސްގެ ޑިބާލާ ނުވިއްކަން ނިންމައިފި

މުޙައްމަދު ޤާސިމް

ޔުވެންޓަސް އިން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ ނުވިއްކަން ނިންމައިފިއެވެ.

އިޓަލީގެ މީޑިއާތަކުން މީގެކުރީން ރިޕޯޓްކުރިގޮތުގައި، ޓޮޓެންހަމް ހޮޓްސްޕާއާ ޔުވެންޓަސް އިން ވަނީ އަނގަބަހުން ޑިބާލާގެ ޓްރާންސްފާ ކަންތައްތަކަށް އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން، ޓޮޓެންހަމުން ޑިބާލާ ގަންނަން ހުށަހެޅި 78 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަށް ޔުވެންޓަސް އެއްބަސްވެފައިވީނަމަވެސް، މިއަދުގެ ވަގުތެއްގައި އެ ކްލަބުން ވަނީ އޭނާ ނުވިއްކަން ނިންމާފައެވެ.

ޕަލާމޯ އިން 2015 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވެ ފުރަތަމަ ތިން ސީޒަނުގައި ޑިބާލާ ރަނގަޅު ކުޅުމެއް ދެއްކިނަމަވެސް، ނިމިދިޔަ ސީޒަނުގައި މާއެދެވޭ ކުޅުމެއްދެއްކިފައިނުވާއިރު، އެޓީމަށް ކުޅުނު 42 މެޗުގައި ޖެހުނީ އެންމެ 10 ގޯލެވެ.

ޔުވެންޓަސްގެ ޑިބާލާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ބަދަލުކުރަން އެ ދެ ކްލަބުން މަޝްވަރާކޮށްފައިވީނަމަވެސް، ޑިބާލާ ބޭނުންވާވަރުގެ މުސާރައެއްގެ އިތުރުން އޭނާ ހުށަހަޅާ ބައެއް ކަންތައްތައް ކޮންޓްރެކްޓްގައި ހިމެނުމަށް ޔުނައިޓެޑުން ދެކޮޅު ހެދުމުން އެ ޑީލް ކުރިއަށްދާގޮތެއްނުވިއެވެ.

މީގެއިތުރުން، އެ ޓީމުން ފޯވާޑެއް ހޯދުމަށް ކުރާ މަސައްކަތުގައި ވާދަވެރި އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ މައުރޯ އިކާޑީ ގެނައުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް މީޑިއާގައި އަޑުއަރާފައިވާއިރު، އިންޓަ އިން ޔުނައިޓެޑާއެކު ލުކާކޫގެ ޓްރާންސްފާގެ ކަންތައްތަކާމެދު އެއްބަސްވުމަކަށް އައިސްފައިވާތީވެ، އިކާޑީވެސް ޔުވެންޓަސް އަށް ބަދަލުވުން ވަރަށް ގާތްކަމަށް އިޓަލީގެ ނޫސްތަކުން ބުނެއެވެ.

އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީއާއެކު ޔުވެންޓަސް އިން އާ ސީޒަނަށް ކުރިމަތިލާއިރު ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށް އަމާޒުހިފާފައިވާއިރު، އެ ޓީމުން ވަނީ މިހާތަނަށް އައިއިރު މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އަށް ކުޅުންތެރިން ގެނެސްފައެވެ. އެގޮތުން، އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި އަޔެކްސް އެމްސްޓެޑަމުން ގެނައި ނެދަލޭންޑްސްގެ އުއްމީދީ ޑިފެންޑަރު މަތައިސް ޑި ލިޓްގެ އިތުރުން ވޭލްސްގެ އިތުބާރު މިޑްފީލްޑަރު އާރޮން ރަމްސޭ އާއި ޕީއެސްޖީން ގެނައި އެޑްރިއެން ރަބިއޯ އަދި ކުރީގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ހިމެނެއެވެ.

ޓްރާންސްފާގެ އެހެން ހަބަރުތަކަށް ބަލާއިރު، އާސެނަލުން ޗެލްސީގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އާއި ސެލްޓިކްގެ ފުލްބެކް ކިއެރަން ޓިއާނީ އާއެކު އެއްބަސްވުމަކަށް އައިސްފައިވާއިރު، ޓޮޓެންހަމުން ވަނީ ރެއާލް ބެޓިސްގެ އާޖެންޓީނާ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯގެ ޓްރާންސްފާގައި އެއްބަސްވުމަކަށް އައިސްފައެވެ. އަދި މެންޗެސްޓާ ސިޓީން ވަނީ އެ ޓީމުގެ ފުލްބެކް ޑެނީލޯ ދީފައި ޔުވެންޓަސް އަށް ކުޅުނު ޕޯޗުގަލްގެ އިތުބާރު ފުލްބެކް ޔާއޯ ކަންސޭލޯ ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު