ދަގަނޑޭ އަށް މިފަހަރުވެސް ޖާގައެއް ނެތް!

މުޙައްމަދު ޤާސިމް

ވޯލްޑްކަޕް ކޮލިފައިންގައި އަންނަ ސެޕްޓެންބަރު މަހު ގުއާމް އާއި ޗައިނާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ނެގި ގައުމީ ސްކޮޑުން މިދިޔަ ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް ހާސިލްކުރި އަލީ އަޝްފާގް (ދަގަނޑޭ) އަށް ކޯޗު ޕީޓަ ސެގާޓް ފުރުޞަތެއްނުދިނެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ދަގަނޑޭ އަށް ގައުމީ ޓީމުން އެންމެ ފުރަތަމަ ޖާގަ ގެއްލުނީ މިދިޔަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުންނެވެ.

ދަގަނޑޭ އަށް ފުރުސަތު ނުދޭ މައްސަލައިގައި ކޯޗު ސެގާޓް އެކި ފަހަރު ދައްކަނީ އެކި ވާހަކައެވެ. އެގޮތުން، ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވި މައްސަލަ އަށް ފަހު، ސެގާޓް ބުނީ އެ އެކަމުގައި ދަގަނޑޭ މައާފަށް އެދުނީ މާ ލަހުން ކަމަށެވެ. އަދި ބައެއް ފަހަރު އޭނާ އަކީ އުމުރުން މާ ދޮށީ ކުޅުންތެރިއަކަށްވާތީވެ، ޒުވާން ކުޅުންތެރިންނަށް ފުރުޞަތުދެނީ ކަމަށްވެސް ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދިއިރު، އެ ފަހަރުގެ މުބާރާތަށް ދިޔަ ޓީމުންވެސް ދަގަނޑޭ އަށް ފުރުޞަތުދީފައިނުވާއިރު، މިދިޔަ ސީޒަނުގައިވެސް އުމުރުން 33 އަހަރުގެ ދަގަނޑޭ ވަނީ މޮޅު ކުޅުމެއް ދައްކާ އެނާ ކުޅުނު ދެ ކްލަބުން ހޯދީ ކާމިޔާބީތަކުގައި އިސް ދައުރެއް އަދާކޮށްފައެވެ. އެގޮތުން، މިދިޔަ ސީޒަނުގެ މާލޭ ލީގް ނިއުރޭޑިއަންޓަށް ކާމިޔާބުކޮށްދީ، އެއަށްފަހު ޓީސީ ސްޕޯޓްސް ކްލަބާއެކު ދިރާގު ދިވެހި ލީގު ޗެމްޕިއަންކަން ހޯދައިދީފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި 42 ލަނޑުޖަހާފައެވެ.

އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރުގެ ފަހުކޮޅު ވެލެންސިއާ އިން ފުޓްބޯޅަ ކެރިއަރު ފެށި ދަގަނޑޭ ވަނީ ޒުވާން އުމުރުގައި ދެއްކި މޮޅު ކުޅުމާއެކު އޭގެ ދޮޅު އަހަރުފަހުން ގައުމީ ޓީމުގެ ސްކޮޑުން ފުރުޞަތުދީފައެވެ. އެކަމަކު ފަހު ވަގުތު ދަގަނޑޭ ބާކީކުރުމަށްފަހު އޭނާގެ ބަދަލުގައި އަހުމަދު ތޯރިގް (ޓޮމް) ނެގުމަކީ ހެދުނު ގޯހެއް ކަމަށް އޭރުގެ ގައުމީ ކޯޗު ޔޯސެފް ޔަންކޭ ފަހުން އެއްބަސްވިއެވެ. 


ނަމަވެސް، 2004 ވަނަ އަހަރުގައި ގައުމީ ފައިނަލް ސްކޮޑުން ފުރަތަމަ ފަހަރަށް ޖާގަ ހޯދައި އެ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ދަގަނޑޭ ވަނީ ގަވާއިދުން ގައުމީ ޓީމުން ޖާގަ ހޯދާފައެވެ. އެގޮތުން، ގައުމީ ޖާޒީގައި ދަގަނޑޭ އެންމެ ފުރަތަމަ ވިދާލީ 2004 ވަނަ އަހަރު ކުޅެވުނު ވޯލްޑްކަޕް ކޮލިފައިން ޕްރެލިމިނަރީގައި މޮންގޯލީއާ އަތުން 12-0 އިން ރާއްޖެ މޮޅުވި މެޗުގައެވެ. އެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ދަގަނޑޭ ވަނީ ހަތަރު ގޯލް ކާމިޔާބުކޮށްފައެވެ. އެއާއެކު ދަގަނޑޭގެ ވިދުން ގައުމީ ޓީމުގައިވެސް ގަދަވެގެންދިޔައިރު، ދަގަނޑޭ ވަނީ 2008 ވަނަ އަހަރު ރާއްޖެއަށް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގައި ހިމެނި މޮޅު ކުޅުމެއް ދައްކާފައެވެ.

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައިވެސް މިހާތަނަށް އައިއިރު ދަގަނޑޭ ވަނީ ފަސް ގޯލް ޖަހާފައެވެ. އޭނާ އަށް ވުރެ އިތުރަށް ލަނޑުޖަހާފައިވަނީ، އީގަލްސްގެ އަހުމަދު ރިޒުވާންގެ އިތުރުން މާޒިޔާގެ އަސަދުﷲ އަބްދުﷲ އާއި އިބްރާހިމް ވަހީދު ހަސަން އެވެ.

މި ފަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގުއާމް އާއި ޗައިނާގެ އިތުރުން ސީރިއާ އަދި ފިލިޕީންސާ އެއް ގްރޫޕެއްގައެވެ. އެގޮތުން، މި ގްރޫޕުގައި ހިމެނޭ ޗައިނާ ފިޔަވާ ދެން ކުޅެން ޖެހޭ ކޮންމެ ޓީމަކާ ދެކޮޅަށްވެސް ރާއްޖެއަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރު ފަރާތްތަކުން ގަބޫލުކުރެއެވެ. އެހެންނަމަވެސް، މި ފެންވަރުގެ ބޮޑެތި މެޗުތަކަށް ކުރިމަތިލާއިރު، އެންމެ މުހިއްމު ކަމަކީ ރަނގަޅު ސްކޮޑެއް ނެގުންކަމަށް ދަގަނޑޭ ކުޅެމުން އަންނަ ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ވެސް ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު