ރޮނާލްޑޯގެ މައްޗަށް ފެލިކްސް ކުރި ހޯދައިފި

މުޙައްމަދު ޤާސިމް
ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ (ވ) އާއި އެތުލެޓިކޯ މެޑްރިޑްގެ ޒުވާން ތަރި ޔާއޯ ފެލިކްސް. --ފޮޓޯ: ގެޓީ އިމޭޖަސް

މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޔުވެންޓަސްގެ މައްޗަށް އެ ގައުމުގެ ޒުވާން ތަރި ޔާއޯ ފެލިކްސް ކުޅެމުން އަންނަ އެތުލެޓިކޯ މެޑްރިޑު 2-1 އިން ކުރިހޯދައިފިއެވެ.

ޔުވެންޓަސްއާ ދެކޮޅަށް އެތުލެޓިކޯ ކުޅުނު މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެލަނޑުވެސް ޖަހައިދިނީ އުމުރުން 19 އަހަރުގެ ފެލިކްސް އެވެ.

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި، ޕޯޗުގަލްގެ ބެންފީކާ އިން ރެކޯޑް 141 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް އެތުލެޓިކޯ އަށް ބަދަލުވި ފެލިކްސް އެހާ ބޮޑު އަގަކަށް ގެންދިއުމުން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މިހާތަނަށްއައިއިރު ޕްރީ-ސީޒަންގައި އެ ޓީމަށް ކުޅެދިން މެޗުތަކުގައި އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

ސްވިޑެންގެ ސްޓޮކްހޯމްގެ ފްރެންޑްސް އެރީނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ 24 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލީޑްނަގައިދިނީ ފެލިކްސް އެވެ. މިއީ އެ ޓީމަށް ދާދިފަހުން ބަދަލުވި އިންގްލެންޑްގެ ފުލްބެކް ކިއެރަން ޓްރިޕިއާ ތަނަވަސްކުރި ފުރުޞަތަކުން ލިބުނު ބޯޅައެއް ޔުވެންޓަސްގެ ދެ ޑިފެންޑަރުންގެ ދޭތެރެއިން އެއްފަހަރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ރީތި ގޯލެކެވެ.

ނަމަވެސް، އޭގެ ފަސް މިނެޓުފަހުން ޖަރުމަންގެ މިޑްފީލްޑަރު ސާމީ ކެދީރާ ވަނީ ޔުވެންޓަސް އަށް އެއްވަރުކޮށްދީފައެވެ. މެޗުގެ 33 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް އަލުން ލީޑްނަގައިދިނީވެސް ފެލިކްސް އެވެ. މިއީ އެ ޓީމުގެ ފްރާންސް ވިންގާ ތޯމަސް ލެމާ ދިން ރީތި ޕާހަކުން ކާމިޔާބުކުރި ގޯލެކެވެ.

ރޭގެ މެޗަށް ރޮނާލްޑޯގެ މޮޅު ކުޅުން ދެކިލުމަށް ދަނޑަށްވަން މީހުންނަށް އެކަންތައް ހާސިލްނުވިއިރު، އޭނާގެ ފަރާތުން އެތުލެޓިކޯގެ ގޯލަށް ނުރައްކާތެރި އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއްނުވެއެވެ. 


މި މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސް އަށް ލަނޑުޖަހައިދިނުމަށް އެންމެ ރަނގަޅު ފުރުޞަތެއްލިބުނީ ކެޕްޓަން އަދި ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ އަށެވެ. އޭނާ ފޮނުވާލި ބޯޅަ އެތުލެޓިކޯގެ ގޯލްކީޕަރު ޔަން އޮބްލަކް މަތަކުރިއިރު، އެ ޓީމުގެ ކެދީރާގެ އިތުރުން ގޮންޒާލޯ ހިގުއައިން އަދި އެޑްރިއެން ރަބިއޯ ފޮނުވާލި ހަމަލާތައް ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

ދެވަނަ ހާފުގައިވެސް ޔުވެންޓަސްގެ ލިއޮނާޑޯ ބޮނޫޗީ އާއި ޕައޮލޯ ޑިބާލާ އަށް ލަނޑުޖެހުމަށް ރަނގަޅު ދެ ފުރުޞަތުލިބި ބޭކާރުވެފައިވާއިރު، މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ އޮބަލްކް އެވެ.

ރޭގެ މެޗަށްފަހު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ އުއްމީދީ ފޯވާޑް ފެލިކްސް އަށް ތައުރީފުކޮށްފައެވެ.

"ޔާއޯ އަކީ ހުނަރުން ފުރިފައިވާ ކުޅުންތެރިއެއް. މި ޓީމުގެ ކުޅުމުގެ ސްޓައިލަށް އޭނާ ވަނީ ވަރަށް އަވަހަށް ހޭނިފައި." ސިމިއޯނީ ބުންޏެވެ.

ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ އެ ޓީމުގެ ތަފާތު މޮޅު ކުޅުންތެރިން ތިބުމުން ޕައޮލޯ ޑިބާލާ ފަދަ ކުޅުންތެރިއަކު ދޫކޮށްލުމާ ގާތަށް ޖެހިލުމަކީ ލިބުނު ލަދުވެތިކަމެއް ކަމަށާއި، ޔުއެފާ ޗެމްޕިއަންސް ލީގަށް ސްކޮޑު ކަނޑައަޅާއިރު މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އަދި ހަ ކުޅުންތެރިން ދޫކޮށްލަންޖެހޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު