އީދު ލަވައާއި އެކު މަންދީރައިގެ އެނބުރި އައުން ވަރަށް ތަފާތު
މަންދީރަ ބޮޑުބެރު ގުރޫޕަކީ ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލު ކަމެއް ހޯދައިފައިވާ ބޮޑުބެރު ޤުރޫޕެކެވެ. ނަމަވެސް މިއަހަރުގެ ތެރޭގައި އެ ގުރޫޕުގެ މެނޭޖުމެންޓު ބަދަލުވެ، ޤުރޫޕުގެ އަޑު ކުޑަކޮށް ފަޑުވެ އޮތުމަށް ފަހު އަލްހާ އީދާއި ދިމާކޮށް "އީދު ފޯރީ"ގެ ނަމުގައި މަންދީރައިން ނެރުނު ލަވަޔާއި އެކު އެ ޤުރޫޕުގެ ވިދުން އަނެއްކާވެސް މިވަނީ ގަދަވެފައެވެ.
"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން މަންދީރަ ބޮޑުބެރު ގްރޫޕުގެ މެނޭޖަރ ސާމީ އަހުމަދު ބުނީ އީދަށް ހާއްސަ ލަވަޔާއި އެކު މަންދީރައަށް އެތައް ބައެއްގެ ލޯބި ލިބިފައިވާ ކަމަށެވެ.
"ގިނަ ބަޔަކު ހީކުރީ މަންދީރައިގެ މެނޭޖުމެންޓް ބަދަލުވުމާއި އެކު މި ގްރޫޕު ދާނީ އޮއްސެމުން ކަމަށް. ނަމަވެސް އިރާދަކުރެއްވިއްޔާ މަންދީރައެއް ނުހުށްޓޭނެ. މަންދީރަ ދާނީ ކުރިއަށް. އީދާއި އެކު އަޅުގަނޑުމެން އާ ފެށުމަކުން މި ފަށައިގަތީ" ސާމީ ބުންޏެވެ.
އީދު ފޯރީގެ ނަމުގައި މަންދީރައިން ނެރުނު ލަވައަކީ ކުޅަދާނަ ވޯކަލިސްޓް އަހުމަދު ސާއިލް ކިޔާފައިވާ ލަވައެކެވެ. ހިންމަފުށީގައި ކުޅެފައިވާ އެ ލަވައިގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ އެއް ޝޮޓުންނެވެ.
މަންދީރަ ބޮޑުބެރު ގުރޫޕުގެ އަމާޒަކީ ބޮޑުބެރުގެ ދުނިޔޭގައި އެންމެ އުހުގައި ފައިތިލަ ސާބިތު ކުރުމެވެ.