ޕީއެސްޖީގެ ސްޓޯރުގައި ނޭމާގެ ޖާޒީތައް ވިއްކުން ހުއްޓާލައިފި

މުޙައްމަދު ޤާސިމް

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާގެ ޖާޒީތައް އެ ކްލަބުގެ އޮފިޝަލް ސްޓޯރުގައި ވިއްކުން ހުއްޓާލައިފިއެވެ.

ފްރާންސްގެ މީޑިއާ ހަބަރުތައް ބުނާގޮތުން، މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރެއާލް މެޑްރިޑް ނުވަތަ ބާސެލޯނާ އަށް ނޭމާ ބަދަލުވާނެކަމަށް ބެލެވޭތީވެ، އެ ކްލަބުގެ ސްޓޯރުން އޭނާ އަށް ހާއްސަކޮށް ނައިކީއިން ތައްޔާރުކޮށްފައިވާ ބޫޓުތައް ފިޔަވާ ހުރިހާ ތަކެއްޗެއް ވިއްކުން ހުއްޓާލައިފައިވާއިރު، މިހާރު އެންމެ ވިކެމުންދަނީ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭގެ ޖާޒީއެވެ.

މީގެ ދެ އަހަރު ކުރިން ޕީއެސްޖީން ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށް ބާސެލޯނާ އިން ގެނައި ނޭމާ އެ ކްލަބް ދޫކޮށްލަން ބޭނުންވެފައިހުރިއިރު، މީގެ ކުރިން ޕީއެސްޖީގެ މެނޭޖްމަންޓުން އޭނާ ވިއްކާނުލައި މަޑުކުރީ އެ ކްލަބުން ގަބޫލުކުރާވަރުގެ ހުށަހެޅުމެއް އެއްވެސް ކުލަބަކުން ލިބިފައިނުވާތީވެ އާއި އެކަމާ މެދުގައި ކްލަބުގެ ބައެއް އިސްފަރާތްތަކުގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އޮތުމުންނެވެ.

އުމުރުން 26 އަހަރުގެ ނޭމާ ވަނީ މީގެކުރީން އެތައް ފަހަރެއްގެ މަތީން ބާސެލޯނާ އަށް ބަދަލުވާން ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން، ޕީއެސްޖީން ވަނީ ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ އޭނާ ދޫކޮށްލާނެކަމަށް ބުނެފައެވެ.

ނަމަވެސް، މިހާތަނަށް އައިއިރު ޕީއެސްޖީން ބޭނުންވާވަރުގެ ބިޑެއް ނޭމާ ގެންދިއުމަށް އެއްވެސް ކުލަބަކުން ހުށަހަޅާފައިނުވާއިރު، ބާސެލޯނާ އިން އެކި ފަހަރުމަތިން ބަދަލުގައި ކުޅުންތެރިން ދޭގޮތަށް ހުށަހަޅާފައިވާކަމަށް މީޑިއާ ހަބަރުތައް ބުނެއެވެ. އެކަމަކު، ބާސެލޯނާގެ ހުށަހެޅުންތަކަށް ޕީއެސްޖީން ވަނީ ފުރަގަސްދީފައެވެ.

މީގެ ދުވަސްކޮޅެއް ކުރީން، ބާސެލޯނާއާ އެންމެ ވާދަވެރި ރެއާލް މެޑްރިޑުން ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ގެންދިއުމަށް ކުރި މަސައްކަތުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުމުން ބަދަލުގައި ނޭމާ ގެންދިއުމަށް މަސައްކަތް ފަށައިފިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް، މިހާތަނަށް އައިއިރު ރެއާލުން ރަސްމީކޮށް ޕީއެސްޖީއާއެކު މަޝްވަރާތައް ފަށާފައެއްނުވެއެވެ. ބެލެވޭގޮތުގައި، ރެއާލުން ހުށަހެޅުމަށް ތައްޔާރުވަނީ ޓްރާންސްފާ ފީ އަކާއެކު ބަދަލުގައި ކުޅުންތެރިއަކުވެސް ހިމެނޭ ގޮތަށެވެ.

ނޭމާގެ ޓްރާންސްފާ ކަންތައްތަކާމެދު ޕީއެސްޖީގެ ސަޕޯޓަރުންވެސް ވަނީ ނުރުހުމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން، ފްރެންޗް ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ނީމްސް އަތުން 3-0 އިން މޮޅުވިއިރު، ސްޓޭޑިއަމްގައި ބެނާތައް ހިފައިގެން ނޭމާއާ ދެކޮޅަށް އަޑުއުފުލައި އޭނާ ދޫކޮށްލުމަށް ކްލަބުގެ ކިބައިން އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު