ހަޒާޑް ނެތްތަން ފޫނުބެއްދޭނެ: ލަމްޕާޑް

މުޙައްމަދު ޤާސިމް
ލީގުގައި ޗެލްސީ ކުޅުނު މެޗެއްގައި ލަނޑުޖެހުމަށްފަހު އެޑެން ހަޒާޑް (ވ) އާއި ފްރޭންކް ލަމްޕާޑް އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ ލީގުގައި ޗެލްސީ ކުޅުނު މެޗެއްގައި ލަނޑުޖެހުމަށްފަހު އެޑެން ހަޒާޑް (ވ) އާއި ފްރޭންކް ލަމްޕާޑް އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޗެލްސީ ދޫކޮށްލުމަށްފަހު 100 މިލިއަން ޔޫރޯ (92.7 މިލިއަން ޕައުންޑް) ގެ ޓްރާންސްފާ ފީ އަކަށް ރެއާލް މެޑްރިޑަށް ބަދަލުވި ބެލްޖިއަމްގެ ހުނަރުވެރި ވިންގާ އެޑެން ހަޒާޑް ނެތްތައް ފޫނުބެއްދޭނެކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

އިންގްލެންޑް އަދި ޗެލްސީގެ ކުރީގެ މިޑްފީލްޑަރު ލަމްޕާޑް މިހެން ބުނެފައިވަނީ، ޔުއެފާ ސުޕަކަޕްގެ ފައިނަލްގައި ވާދަވެރި ލިވަޕޫލްއާ ދެކޮޅަށް މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން މީޑިއާ އަށް ދިން އިންޓަވިއުއެއްގައެވެ.

އެގޮތުން، ލަމްޕާޑް ބުނީ ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ޗެލްސީގައި މޮޅު ކުޅުމެއް ދައްކާފައިވާ ހަޒާޑް ފަދަ ކުޅުންތެރިއަކު ނެތްތައް ފޫބެއްދުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި، ނިމިދިޔަ ސީޒަނުގައި އެކަނިވެސް އޭނާގެ ފަރާތުން ފެނިގެންދިޔަ ތަފާތު މޮޅު ކުޅުން އެކަމަށް ހެކިދޭކަމަށެވެ.

ފްރާންސްގެ ލިއްލޭ އިން 2012 ވަނަ އަހަރު ޗެލްސީއާ ގުޅުނު ހަޒާޑް ވަނީ އެ ޓީމަށް ކުޅެދިން 352 މެޗުގައި 110 ގޯލް ކާމިޔާބުކޮށްފައެވެ. އެ ޓީމުގައި ހޭދަކުރީ ދުވަސްވަރު، އޭނާ ވަނީ ޕްރިމިއާ ލީގާއި ޔުރޮޕާ ލީގު ދެ ފަހަރު އެފްއޭކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، ނިމިދިޔަ ސީޒަނުގައި ލީގުގައި 16 ލަނޑުޖަހައި އިތުރު 15 ލަނޑުޖެހުމަށް އެހީތެރިވެދީފައިވާއިރު، ޗެލްސީން އެންމެފަހުގެ ޔުރޮޕާ ލީގު ކާމިޔާބުކުރިއިރު ފައިނަލް މެޗުގައިވެސް ހަޒާޑް ވަނީ ދެ ގޯލްޖަހާފައެވެ.

"އަހަރެންނަކީ ހަޒާޑްގެ ސަޕޯޓަރެއް. އޭނާ އާއެކު ޗެލްސީ އަށް ކުޅެފައިވާތީވެ ވަރަށް ރަނގަޅަށް އޭނާގެ ކުޅުން އެނގޭ." ސުޕަކަޕް ފައިނަލް މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލަމްޕާޑް ބުންޏެވެ.

"އަހަރެން ދެކޭ ގޮތުގައި ހަޒާޑަކީ މިވަގުތު ދުނިޔޭގައި ތިބި މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެއް. ނިމިދިޔަ ސީޒަނުގައިވެސް އޭނާގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުން އެކަމަށް ހެކިދޭ. ގޯލްޖެހުމުގެ އިތުރުން ލަނޑުޖެހުމަށް އެހީތެރިވެދިނުމުގައި އޭނާގެ ހުނަރު ދައްކުވައިދީފި."


"އެ ފެންވަރުގެ ކުޅުންތެރިއަކު ނެތްތައް ފޫބެއްދުމަކީ ކުރެވޭނެ ކަމެއް ނޫން. އެހެންނަމަވެސް، މި ޓީމުގައި މިހާރު ތިބި ޒުވާން ކުޅުންތެރިންގެ އިތުރުން ސްކޮޑުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންނާއެކު ކުރިއެރުންތައް ހޯދޭނެކަމަށް ގަބޫލުކުރަން. މިކަން ކާމިޔާބުވާން އޮތީ ޓީމެއްގެ ގޮތުގައި ރަނގަޅު ކުޅުމެއް ދައްކައިގެން." ލަމްޕާޑް ބުންޏެވެ.

ޗެލްސީގެ ކުރީގެ ލެޖެންޑް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ލީގުގައި އެ ޓީމުގެ ފެށުން ވަރަށް ދަށްކޮށް ދިޔަނަމަވެސް، ކުރިއަށް އޮތް މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަމުގެ އުއްމީދު އެބައޮތްކަމަށް އޭނާ ބުންޏެވެ.

"މި ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނާ މެދު އަހަރެންނަށް އިތުބާރު އެބައޮތް. ގަބޫލުކުރަނީ ކުރިއަށް އޮތް މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަމަށް." ލަމްޕާޑް ބުންޏެވެ.

"ޗެލްސީ އަށް ކޯޗުކޮށްދެވޭތީ އަހަރެން އެކަމަށް ފަޚުރުވެރިވަން. އެކަމަކު، ލިވަޕޫލް ފަދަ ކްލަބަކާ ދެކޮޅަށް މިއޮތީ ބޮޑު އިމްތިހާނެއްކަމަށް ދެކެނީ. އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން ޔުއެފާ ޗެމްޕިއަންސް ލީގު އުފުލާލައިފައިވުމުން އެ ކްލަބުގެ ފެންވަރާމެދު ސުވާލު އުފައްދާކަށް ޖާގައެއް ނެތް. އެކަމަކު، އަހަރެން ގަބޫލުކުރަނީ ޗެލްސީގައި މިތިބަ ކުޅުންތެރިންނާއެކު ލިވަޕޫލް ބަލިކުރެވޭނެކަމަށް." ނިންމާލަމުން ލަމްޕާޑް ބުންޏެވެ.

ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގެ ވަރުގަދަ ދެ މުބާރާތުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ސުޕަކަޕް ފައިނަލް މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 00:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު