ފީފާ އެވޯޑަށް ވާދަކުރަނީ ރޮނާލްޑޯ، މެސީ އަދި ވެން ޑައިކް

މުޙައްމަދު ޤާސިމް

ފީފާ އިން އަހަރުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ފީފާ ދަ ބެސްޓްގެ މަގާމަށް، ޔުއެފާގެ އެވޯޑަށް ވެސް ވާދަކުރި ތިން ކުޅުންތެރިން ކަމަށްވާ ލިވަޕޫލްގެ ވާޖިލް ވެން ޑައިކް އާއި ބާސެލޯނާގެ ލިއޮނަލް މެސީ އަދި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ނޮމިނޭޓްވެއްޖެއެވެ.

ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ވެން ޑައިކް ވަނީ ނެދަލޭންޑްސްއާ އެކު ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި ލިވަޕޫލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ރަނަރަޕް މަގާމް އެ ޓީމުން ހޯދިއިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެސީ ވަނީ ބާސެލޯނާއާ އެކު ސްޕެނިޝް ލީގު އަދި ސުޕަ ކަޕް ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ހިތްދަތިގޮތަކަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ލިވަޕޫލް އަތުން ބަލިވިނަމަވެސް އެ މުބާރާތުގައި ކާމިޔާބުކުރި 12 ގޯލާއެކު އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ ވެސް މެސީ އެވެ. މީގެއިތުރުން، ނިމިދިޔަ ސީޒަނުގައި ކުޅުނު 50 މެޗުގައި މެސީ ވަނީ ޖުމްލަ 51 ގޯލް ޖަހާފައެވެ.

ދެން ހިމެނޭ ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ވަނީ އެ ޓީމާ އެކު ނޭޝަންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން ޔުވެންޓަސްއާ އެކު އިޓާލިއަން ސެރިއޭ އަދި ސުޕަ ކަޕް ވެސް ހޯދާފައެވެ.


އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ، އެންމެފަހުގެ ފީފާ ވިމެންސް ވޯލްޑްކަޕް މުބާރާތް ކާމިޔާބުކުރި އެމެރިކާގެ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އެލެކްސް މޯގަން އާއި މޭގަން ރެޕީނޯގެ އިތުރުން ޔޫރަޕްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދި އިންގްލެންޑްގެ ލުސީ ބްރޯންޒް އެވެ.

ދަ ބެސްޓް ފީފާ މެންސް ކޯޗުގެ މަގާމަށް ވާދަކުރަނީ، ލިވަޕޫލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޔާގެން ކްލޮޕް އާއި މެންޗެސްޓާ ސިޓީއާ އެކު އިނގިރޭސި ޑޮމެސްޓިކް ޓްރެބަލް ހޯދި ޕެޕް ގާޑިއޯލާގެ އިތުރުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓޮޓެންހަމް ހޮޓްސްޕާ ގެންގޮސްދިން ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ޓީމުތަކުގެ ކޯޗުގެ މަގާމަށް ޝޯޓްލިސްޓްކޮށްފައިވަނީ، އެމެރިކާ އަށް ވިމެންސް ވޯލްޑްކަޕް ކާމިޔާބުކޮށްދިން ޖިލް އެލިސް އާއި ނެދަލޭންޑްސްއާ އެކު އެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ސަރީނާ ވިއެގްމަންގެ އިތުރުން އިންގްލެންޑްގެ ކޯޗު ފިލް ނެވިލް އެވެ.

ފީފާ ދަ ބެސްޓް މެންސް ގޯލްކީޕަރުގެ މަގާމަށް ނޮމިނޭޓްވެފައިވަނީ، ލިވަޕޫލް އަދި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އާއި މެންޗެސްޓާ ސިޓީގެ އެޑަސަން މޮރައެސް އަދި ބާސެލޯނާގެ ޖަރުމަން ކީޕަރު މާކް އަންދްރެ ޓަ ސްޓެގަން އެވެ. 


އަހަރުގެ އެންމެ މޮޅު އަންހެން ގޯލްކީޕަރުގެ މަގާމަށް ވާދަކުރަނީ، ޕީއެސްޖީ އަަށް ކުޅެމުން އަންނަ ޗިލީގެ ކީޕަރު ކްރިސްޓިއާން އެންޑްލާ އާއި މިހާރު ވުލްފްސްބާގަށް ކުޅެމުން އަންނަ ސްވިޑެންގެ ހެޑްވިގް ލިންޑާލްގެ އިތުރުން އެންމެ ފަހުގެ ވިމެންސް ވޯލްޑްކަޕްގެ ފައިނަލަށް ނެދަލޭންޑްސް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އާސެނަލްގެ ކުރީގެ ކީޕަރު ސަރީ ވެން ވީނެންޑާލް އެވެ.

މީގެއިތުރުން، އަހަރުގެ އެންމެ މޮޅު ރީތި ގޯލަށްދޭ ފީފާ ޕުސްކަސް އެވޯޑްގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، މެސީ އާއި އާޖެންޓީނާގެ ރިވަ ޕްލޭޓަށް ކުޅެމުން އަންނަ ހުއާން ފެނާންޑޯ ކުއިންޓޭރޯ އަދި ހަންގޭރީގެ ޑެބްރީޝެންގެ ޑެނިއެލް ސޯރީ އެވެ.

ފީފާގެ ލެޖެންޑުންނާއި ތަޖުރިބާކާރުން ނޮމިނޭޓްކުރި ކުޅުންތެރިންނާއި ކޯޗުންގެ ތެރެއިން އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާނީ ފީފާގެ މެމްބަރު ހުރިހާ ގައުމެއްގެ ގައުމީ ކޯޗުންނާއި ކެޕްޓަނުންނާއި ކުޅިވަރު ނޫސްވެރިން އަދި ސަޕޯޓަރުންގެ ވޯޓުންނެވެ. ކޮންމެ ގްރޫޕެއްގެ މާކްސް އިން 25 ޕަސެންޓް ނަގާނެ އެވެ.

މި ހަފުލާ އޮންނާނީ މި ސެޕްޓަންބަރު މަހުގެ 23 ވަނަ ދުވަހު އިޓަލީގެ މިލާން ގައެވެ.

ކިޔުންތެރިންގެ ހިޔާލު