ޖޮކޮވިޗަށް އަނިޔާވެ ޔޫއެސް އޯޕަން މުބާރާތުން ވަކިވެއްޖެ

މުޙައްމަދު ޤާސިމް

މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން އަދި ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗްގެ ކޮނޑުހުޅަށް ލިބުނު އަނިޔާއަކާ އެ މުބާރާތުން ވަކިވާން ޖެހިއްޖެއެވެ.

މިއީ ޖޮކޮވިޗްގެ ކެރިއަރުގައި އަނިޔާގެ ސަބަބުން މިހާތަނަށް ފުރިހަމަނުކޮށް ހުއްޓާލަން ޖެހުނު 13 މެޗަށްވާއިރު، ގްރޭންޑް ސްލޭމް މުބާރާތެއްގެ މެޗަކުން ވަކިވާން ޖެހުނު ހަވަނަ ފަހަރެވެ.

ޖޮކޮވިޗަށް އަނިޔާވީ، ޔޫއެސް އޯޕަންގެ ދެވަނަ ބުރުގައި ސްވިޓްޒަލޭންޑްގެ ސްޓަނިސްލާސް ވަވްރިންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތިންވަނަ ސެޓުގައެވެ. އޭރު، މި މެޗުގެ ފުރަތަމަ ދެ ސެޓު 6-4 އަދި 7-5 އިން ވަވްރިންކާ ގެންގޮސްފައިވާއިރު، ތިންވަނަ ސެޓުގައިވެސް 2-1 އިން ކުރީގައި އޮތީ ވެސް އޭނާ އެވެ.

މި މެޗުގައި ޖޮކޮވިޗަށް ލިބުނު އަނިޔާއާ ގުޅިގެން ވަކިވާން ޖެހުމުން ކުޅިބަލަން ވަދެ ތިބި ގިނަ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެކަމަށް އިޝާރާތްކޮށް ޖޮކޮވިޗް ބުނީ ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ ކަންތައްތައް ބަލައިގަންނަ ކަމަށާއި ބެލުންތެރިން އުއްމީދުކޮށްގެން އައީ ފުރިހަމަ މެޗަށް ބެލުމަށްކަމަށްވާއިރު، އެކަންތައް ނުކޮށްދެވުމުން ދެރަވާ ކަމަށެވެ.

"ކުޅިބަލަން ވަދެ ތިބި ސަޕޯޓަރުންގެ ކިބައިން އަހަރެން މައާފަށް އެދެން. ޔަގީނުންވެސް ބެލުންތެރިން އައީ މި މެޗު އެއްކޮށް ބެލުމަށް ތައްޔާރުވެގެން، އެކަން ފުރިހަމަނުކޮށްދެވުނު. ކޮނޑުހުޅަށް ތަދުވެ ވޭނުގައި އުޅޭތާ ދުވަސްތަކެއްވެއްޖެ." ޖޮކޮވިޗް ބުންޏެވެ.

އުމުރުން 32 އަހަރުގެ ޖޮކޮވިޗް ބުނީ އޭނާ މެޗު ފުރިހަަމަ ނުވަނީސް ހުއްޓާލީ އިތުރަށް ކުޅުން ކުރިއަށް ނުގެންދެވޭނެކަން ޔަގީންވުމުން ކަމަށާއި، ވީހާވެސް ގިނަ ގްރޭންޑް ސްލޭމް މުބާރާތްތައް ކާމިޔާބުކޮށް ފެޑެރާގެ ރެކޯޑް މުގުރާލުމަށް ކެތްމަދުވެފައިވާކަމަށެވެ.

ޖޮކޮވިޗް މިހާތަނަށް 16 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާއިރު، މި ލިސްޓްގައި އޭނާ އަށް ވުރެ ކުރީގައި އުޅެނީ ސްވިޓްޒަލޭންޑްގެ ރޮޖާ ފެޑެރާ އާއި ސްޕެއިނުގެ ރަފައެލް ނަޑާލް އެވެ. ފެޑެރާ މިހާތަނަށް 20 ގްރޭންޑް ސްލޭމް ކާމިޔާބުކުރިއިރު، ނަޑާލް ވަނީ 18 މުބާރާތް ކާމިޔާބުކޮށްފައެވެ.

ޖޮކޮވިޗަށް އެންމެފަހުން ކުޅެވުނު ސިންސިނާޓީ މާސްޓާސްގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީ ސެމީ ފައިނަލްގައި ރަޝިޔާގެ ޑެނީލް މެޑްވެޑޭވް އަތުން ބަލިވުމުންނެވެ. ނަމަވެސް، އޭގެކުރީން ކުޅެވުނު ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކުރީ ފޯރިގަދަ މެޗަކަށްފަހު ފައިނަލްގައި ރޮޖާ ފެޑެރާގެ މައްޗަށް ފަސް ސެޓު ކުޅެ، 3-2 އިން ކުރިހޯދައިގެންނެވެ.

ޔޫއެސް އޯޕަން ފިރިހެން ސިންގަލްސް އިވެންޓްގެ ކުއާޓާ ފައިނަލްގައި، މެޑްވެޑޭވްއާ ދެކޮޅަށް ވަވްރިންކާ ނިކުންނައިރު ފެޑެރާ ނިކުންނާނީ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވްއާ ދެކޮޅަށެވެ. 

ކިޔުންތެރިންގެ ހިޔާލު