އިކާޑީ އެންމެފަހުން ޕީއެސްޖީ އަށް

މުޙައްމަދު ޤާސިމް

ތަފާތު އެކި މައްސަލަތަކާ ހުރެ ކުޅޭނެ ކްލަބެއް ނޭނގިފައި ހުރި އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް މައުރޯ އިކާޑީ އެންމެފަހުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ބަދަލުވެއްޖެއެވެ.

އުމުރުން 26 އަހަރުގެ އިކާޑީ، ޕީއެސްޖީއާ ގުޅުނީ ލޯން އެއްބަސްވުމެއްގެ ދަށުން އެއް އަހަރު ދުވަހަށެވެ. އެހެންނަމަވެސް، މި އެއްބަސްވުމުގައިވާގޮތުން 65 މިލިއަން ޔޫރޯގެ ފީ އަކަށް ކޮންޓްރެކްޓް ދާއިމީ ކުރުމުގެ ފުރުޞަތު ޕީއެސްޖީއަށް ލިބިގެންވެއެވެ.

އިކާޑީގެ މުސްތަގްބަލާ މެދު ސުވާލު އުފެދިފައިވަނީ ނިމިދިޔަ ސީޒަނުގައި އިންޓަގެ ކޮންޓްރެކްޓް އާކުރުމާ މެދު އޭނާގެ އޭޖެންޓް ވެންޑާ ނާރާ ދެއްކި ވާހަކަތަކާ ގުޅިގެން އެ ކްލަބުގެ އިސްފަރާތްތަކާ ދެބަސްވުމަކަށް އައުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އިކާޑީ އަތުން ކެޕްޓަން ބޭންޑް އަތުލުމަށްފަހު އެ ޓީމުގެ ގޯލްކީޕަރު ސާމިރް ހެންޑަނޮވިޗްއާ ހަވާލުކޮށްފައިވާއިރު، ގިނަ މެޗުތަކުގައި އޭނާ އަށް ކުޅުމުގެ ފުރުޞަތެއްވެސް ނުލިބެއެވެ.

މީގެއިތުރުން، މި ފަހަރުގެ ސީޒަނަށް އެ ޓީމާ ހަވާލުވި އެންޓޯނިއޯ ކޮންޓޭގެ ޕްލޭންގައިވެސް އިކާޑީ އަށް ފުރުޞަތެއްނެތްއިރު، އިންޓަ އިން ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ގެނެސްފައެވެ. އެއާއެކު މި ޓްރާންސްފާ ބާޒާރުގައި އިކާޑީ ވިއްކާލުމަށްޓަކައި އެ ކްލަބުން ބުރަ މަސައްކަތްތަކެއްކުރި ނަމަވެސް ނަޕޯލީ އާއި ޔުވެންޓަސްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާ މޮނާކޯ އަށް މި ޓްރާންސްފާގެ ކަންތައް ފުރިހަމަކުރެވޭ ގޮތެއްނުވިއެވެ.

އިންޓަ އަށް މިހާތަނަށް ކުޅެދިން 219 މެޗުގައި 124 ލަނޑުޖަހައިދީފައިވާ އިކާޑީ އަށް ވޭތުވެދިޔަ ސީޒަނުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ. އެގޮތުން، ލީގުގައި ކުޅުނު 29 މެޗުގައި ޖެހުނީ 11 ލަނޑެވެ.

ޕީއެސްޖީ އަށް ބަދަލުވުމަށްފަހު އިކާޑީ ބުނީ އެ ކްލަބާއެކު ހުރިހާ މުބާރާތެއްގައިވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދަން ބޭނުންވާކަމަށާއި، ދުނިޔޭގެ ފުޓްބޯޅައިގައި ޕީއެސްޖީ އަކީ ގަދަބާރަކަށްވެފައިވާއިރު ގިނަ އަދަދެއްގެ މޮޅު ކުޅުންތެރިންތަކެއް އެ ކްލަބަށް ކުޅެފައިވާކަންވެސް އޭނާ ފާހަގަކުރިއެވެ.

އިކާޑީ އަކީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީ އަށް ގެނައި އަށްވަނަ ކުޅުންތެރިޔާއެވެ. މި ޓްރާންސްފާ ބާޒާރުގެ ފަހު ދުވަހު އެ ޓީމުން ވަނީ ފްރާންސްގެ ކީޕަރު އަލްފޮންސޯ އަރެއޯލާ ލޯން އުސޫލުން ރެއާލް މެޑްރިޑަށް ދޫކޮށްލުމަށްފަހު އެ ކްލަބަށް ކުޅެމުން އައި ކޮސްޓާ ރިކާގެ ގޯލްކީޕަރު ކޭލޯ ނަވާސް ގެނެސްފައެވެ. 

ކިޔުންތެރިންގެ ހިޔާލު