ވެސްޓް އިންޑީޒް އަތުން ބޮޑު ތަފާތަކުން މޮޅުވެ ޓެސްޓް ސީރީޒްވެސް އިންޑިއާ އަށް

މުޙައްމަދު ޤާސިމް
ވެސްޓް އިންޑީޒް އަތުން މޮޅުވުމުން އިންޑިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ކްރިކްއިންފޯ.ކޮމް ވެސްޓް އިންޑީޒް އަތުން މޮޅުވުމުން އިންޑިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ކްރިކްއިންފޯ.ކޮމް

މިހާރު ކުރިއަށްދާ އައިސީސީ ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕްގައި ވެސްޓް އިންޑީޒްއާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުން 257 ލަނޑުގެ ބޮޑު ތަފާތަކުން މޮޅުވެ ސީރީޒްވެސް އިންޑިއާ އިން ކާމިޔާބުކޮށްފިއެވެ.

ވެސްޓް އިންޑީޒްގެ ކިންގްސްޓަންގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އެ ޓީމުން ގަސްދުކުރީ ހޮވަން އަރާށެވެ. އިންޑިއާ އިން ކުޅެން އަރައި 140.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 416 ލަނޑަށެވެ. މި އިނިންގްސްގައި އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 111 ލަނޑުހެދި ހަނުމާ ވިހާރީ އާއި 76 ލަނޑުހެދި ކެޕްޓަން ވިރާތު ކޯލީ އެވެ. ވެސްޓް އިންޑީޒް އިން އެންމެ ރަނގަޅަށް އުކީ ފަސް ވިކެޓްނެގި ކެޕްޓަން ޖޭސަން ހޯލްޑާ އެވެ.

ވެސްޓް އިންޑީޒްގެ ފުރަތަމަ އިނިންގްސްގައި 47.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ އެންމެ 117 ލަނޑަށެވެ. އެ ޓީމުގެ ޝިމްރޮން ހެޓްމެޔާ ފިޔަވާ ރަނގަޅު ސްކޯއެއް ހެދުނު ކުޅުންތެރިއަކު ނެތެވެ. އޭނާ 34 ލަނޑުހެދިއެވެ. މި އިނިންގްސްގައި ވެސްޓް އިންޑީޒްގެ ކުޅުންތެރިން މިހާ ދަށް ސްކޯއަކަށް ނުބައިކޮށްލުމުގައި މުހިއްމު ދައުރެއް އަދާކުރި އިންޑިއާގެ ޖަސްޕްރިތު ބުމްރާ ހަ ވިކެޓްނެގިއެވެ.

އިންޑިއާ އިން ދެވަނަ އިނިންގްސްގައި ކުޅެން އަރައި 54.4 އޯވަރުގެ ތެރޭގައި ހަތަރު ވިކެޓަށް 168 ލަނޑުހެދުމަށްފަހު ޑީކްލެއާކުރިއެވެ. އެންމެ ރަނގަޅަށް ކުޅުނު އަޖިންކިޔަ ރަހާނޭ ނުބައިނުވެ 64 ލަނޑުހެދިއިރު، ވިހާރީ ވެސް 53 ލަނޑުހެދިއެވެ. މި އިނިންގްސްގައި ވެސްޓް އިންޑީޒްގެ ކެމާރް ރޯޗް ތިން ވިކެޓްނެގިއެވެ.

ޖަވާބުގައި ވެސްޓް އިންޑީޒް އަށް މި މެޗު ކާމިޔާބުކުރުމަށް ހަދަންޖެހިފައިވާ 468 ލަނޑުގެ ޓާގެޓަށް ވާސިލްނުވެވި، 59.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 210 ލަނޑަށެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް އުކި މުހައްމަދު ޝާމީ އާއި ރަވިންދްރަ ޖަދޭޖާ ކުރެން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓްނެގިއެވެ.

ކިޔުންތެރިންގެ ހިޔާލު