ޕާކިސްތާނުގެ ކްރިކެޓް ކޯޗަކަށް މިސްބާހު ހަމަޖައްސައިފި!

މުޙައްމަދު ޤާސިމް

ޕާކިސްތާންގެ ކްރިކެޓް ޓީމުގެ އައު ހެޑްކޯޗުގެ އިތުރުން ޗީފް ސެލެކްޓާގެ މަގާމަށް ކުރީގެ ކުޅުންތެރިޔާ މިސްބާހުލް ހައްޤު ހަމަޖައްސައިފިއެވެ.

އުމުރުން 45 އަހަރުގެ މިސްބާހު އެ މަގާމަށް ގެނައީ، އެންމެ ފަހުގެ ވޯލްޑްކަޕްގެ ސެމީ ފައިނަލަށް އެ ޓީމު ދަތުރުނުކުރުމުން އޭރުގެ ކޯޗު މިކީ އާތަރގެ އެއްބަސްވުން އާނުކުރަން ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ނިންމުމާއި ގުޅިގެންނެވެ.

ޕާކިސްތާނުގެ ބޯލިން ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރީގެ ކެޕްޓަން އަދި ބާރު އުކުންތެރިޔާ ވަގާރު ޔޫނުސް އެވެ.

މިސްބާހު ބުނީ ޕާކިސްތާނުގެ ކޯޗުގެ މަގާމަށް އައުމުން ސަޕޯޓަރުންގެ އުއްމީދުތައް ހުރީ ވަރަށް މަތީގައިކަމަށާއި، އެ ޓީމުގައި ވަރަށް ޒުވާން ހުނަރުވެރި ކުޅުންތެރިން އެބަތިބިކަމަށާއި، ހުރިހާ ކުޅުންތެރިންނަށް އެހީތެރިވެދީ ޓީމާއެކު ކުރިއެރުންތައް ހޯދުމަށް ފުރިހަމަ އަށް ތައްޔާރުވެ ހުރި ކަމަށެވެ.

ޕާކިސްތާނު ކްރިކެޓް ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައިވާ މިސްބާހު ވަނީ އެ ޓީމަށް ކުޅެދިން 75 ޓެސްޓް މެޗުގައި 46.60 އެވްރެޖެއްގައި 5،222 ލަނޑުހަމަކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޕާކިސްތާނުން ކޯޗުގެ މަގާމަށް މިސްބާހު އައްޔަންކުރުމުގެ ކުރީން އޮސްޓްރޭލިއާގެ ކުރީގެ ބެޓްސްމަން ޑީން ޖޯންސް އާއި ޕާކިސްތާނުގެ ކުރީގެ ކޯޗު މޮހްސިން ޚާންއާ ވެސް އެ މަގާމަށް ގެނައުމަށް މަޝްވަރާކޮށްފައިވެއެވެ.

މިސްބާހު އާއި ވަގާރުގެ އިރުޝާދުގެ ދަށުން އެ ޓީމަށް އެންމެ އަވަހަށް އޮތީ ޕާކިސްތާނުގައި މި މަހުގެ 27 ވަނަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ އެއްދުވަހުގެ ބައިނަލް އަގްވާމީ ކްރިކެޓްގެ ތިން މެޗުގެ ސިލްސިލާގެ އިތުރުން ޓުވެންޓީ20 ކްރިކެޓްގެ ތިން މެޗެވެ.

ކިޔުންތެރިންގެ ހިޔާލު