ހާޓް އެޓޭކެއްޖެހި ކާފޫގެ ދަރިފުޅު ނިޔާވެއްޖެ

މުޙައްމަދު ޤާސިމް

ބްރެޒިލާއެކު ވޯލްޑްކަޕް ކާމިޔާބުކުރި ކެޕްޓަން ކާފޫގެ ފިރިހެން ދަރިފުޅު ޑަނީލޯ ފެލިޝިއާނޯ ޑެ މޮރައެސް އަށް ހާޓް އެޓޭކެއްޖެހިގެން ނިޔާވެއްޖެއެވެ.

އުމުރުން 29 އަހަރުގެ ޑަނީލޯ އަށް ހާޓްއެޓޭކެއް ޖެހުނީ ސައޮ ޕައުލޯގެ ހުޅަނގު އުތުރު ސަރަހައްދުގައި އެމީހުން ދިރިއުޅެމުން އަންނަ އަލްފަވީލް ނެއިބަހުޑްގައި ރައްޓެހިންނާއެކު ފުޓްބޯޅަ ކުޅެމުން ދަނިކޮށްނެވެ.

އެއާއެކު ސައޮ ޕައުލޯގެ އަލްބާޓް އެއިންސްޓެއިން ހޮސްޕިޓަލަށް އޭނާ ގެންދިޔަނަމަވެސް، ތިންވަނަ ފަހަރަށް ހާޓްއެޓޭކެއްޖެހުމުން ފުރާން ސަލާމަތްކުރެވޭގޮތެއްނުވިއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ދުނިޔޭގެ އެކި ކްލަބުތަކުން ކާފޫގެ އާއިލާ އަށް ތައުޒިޔާގެ މެސެޖުތައް ދަނީ ފޮނުވަމުންނެވެ.

ކާފޫ އަކީ ބްރެޒިލްގެ ތާރީޚުގައި ގައުމީ ޓީމަށް 142 މެޗު ހަމަކޮށްގެން މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް އޮންނަ ކުޅުންތެރިޔާ އެވެ. ބްރެޒިލްގެ ގައުމީ ޓީމާއެކު ހޭދަކުރީ 16 އަހަރުގައި ދެ ފަހަރެއްގެ މަތީން އޭނާ ވަނީ ފީފާ ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު