އަންނަ ޖަނަވަރީ މަހު ބާސެލޯނާއިން ނޭމާ ނުގެންނާނެ: ބާޓޮމެއު

މުޙައްމަދު ޤާސިމް

އަންނަ ޖަނަވަރީ މަހުގެ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ ނުގެންނާނެކަމަށް ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު ބުނެފިއެވެ.

ބާޓޮމެއު މިހެން ބުނެފައިމިވަނީ އެންމެފަހުގެ ޓްރާންސްފާ ބާޒާރު ބަންދުވުމާއި ހަމައަށް ނޭމާ ގެންދިއުމަށްޓަކައި ބާސެލޯނާ އިން ބުރަ މަސައްކަތްތަކެއް ކުރުމަށްފަހު އެކަމުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވަނިކޮށްނެވެ.

އެގޮތުން، ބާސެލޯނާގެ ރަސްމީ ޓީވީ ޗެނަލަށް ދިން އިންޓަވިއުގައި ކުރި ސުވާލަކަށް ޖަވާބުދެމުން ބާޓޮމެއު ވަނީ ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ނޭމާ ގެނައުމުގެ މަސައްކަތްނުކުރާނެކަން ކަށަވަރުކޮށްދީފައެވެ.

މީގެ ދެ އަހަރު ކުރިން ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގެއްކަމަށްވާ 222 މިލިއަން ޔޫރޯ ގެ ޓްރާންސްފާ ފީއަކަށް ޕީއެސްޖީ އަށް ބަދަލުވި ނޭމާ އަންނަނީ ތަކުރާރުކޮށް އަލުން ބާސެލޯނާއާ ގުޅެން ބޭނުންވާ ކަމަށް ބުނަމުންނެވެ.

މެސީގެ ހިޔަނިން ސަލާމަތްވާން ކަމަށް ބުނެ ޕީއެސްޖީއަށް ބަދަލުވި ނޭމާ އަށް ތަފާތު އެކު ސަބަބުތަކާހުރެ އެ ޓީމުގައި މިހާތަނަށް ހޭދަކުރީ ދެ ސީޒަނުގައި މާއެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ. އެގޮތުން، މިދިޔަ ދެ ސީޒަނުގައި ލީގުގައި 34 ގޯލް ކާމިޔާބުކުރެވުނުއިރު، އަނިޔާގެ ސަބަބުން މުހިއްމު ގިނަ މެޗުތަކެއް ވަނީ ގެއްލިފައެވެ.

ބާސެލޯނާގެ ރައީސް ބާޓޮމެއު ބުނީ އެންމެފަހުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމުގެ އެންމެ ބޮޑު އަމާޒަކަށްވީ ނޭމާ ގެނައުން ނޫންކަމަށާއި، އެއީ ކުރީން ރޭވިގެން ކުރަން އުޅުނު ކަމެއް ނޫންކަމަށެވެ.

"ބާސެލޯނާގެ އެންމެ ބޮޑު އަމާޒަކަށްވީ ނޭމާ ގެނައުމެއް ނޫން، އެއީ ކުރީން ރޭވިގެން ކުރަން އުޅުނު ޓްރާންސްފާއެއް ނޫން. އޭގެ މާކުރީން، ބާސެލޯނާގެ އަމާޒުތަކަށްވަނީ ވާސިލްވެވިފައި." ބާޓޮމެއު ބުންޏެވެ.

ދުވަސްތަކަކަށްފަހު، އަނިޔާއިން އެނބުރިއައިސް ނޭމާ ވަނީ ބްރެޒިލްއާ ކޮލަމްބިއާ ބައްދަލުކުރި މެޗުގައި ގޯލެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް، އެ މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު