ޖަރުމަން އަތުން ނެދަލެންޑްސް މޮޅުވިއިރު، ފަހުވަގުތު ވޭލްސް ސަލާމަތްވެއްޖެ

މުޙައްމަދު ޤާސިމް
ޖަރުމަން ކޮޅަށް ލަނޑުޖެހުމަށްފަހު ނެދަލޭންޑްސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

އަންނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު ފޯރިގަދަ މެޗުން ނެދަލޭންޑްސް އިން ރަށުން ބޭރުގައި ފަހަތުން އަރައި ޖަރުމަން އަތުން 4-2 އިން މޮޅުވިއިރު، ފަހުވަގުތު ގަރެތު ބޭލް ކާމިޔާބުކުރި ލަނޑުން އަޒަރުބައިޖާން އަތުން ވޭލްސް އެއްވަރުނުވެ ސަލާމަތްވެއްޖެއެވެ.

ޔޫރޯ ކޮލިފައިންގެ ގްރޫޕް ސީގެ އެއްވަނައިގައި މިވަގުތު އޮތީ ހަތަރު މެޗުން ސައްތައިގެ ރެކޯޑާއެކު ނޮދަން އަޔަލެންޑެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ޖަރުމަން ދެވަނައިގައި އޮތްއިރު، ރޭގެ މެޗުން މޮޅުވި ނެދަލޭންޑްސް އަށް ހަ ޕޮއިންޓާއެކު ލިބިފައިވަނީ ތިންވަނައެވެ.

ޖަރުމަނުން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ލެރޯއީ ސާނޭ ނުކުޅޭއިރު، މި މެޗުގައި އެ ޓީމުގެ ފޯވާޑްލައިންގައި ހަރަކާތްތެރިވެފައިވަނީ ސާޖް ނެބްރީ އާއި ޓިމޯ ވާނާގެ އިތުރުން މާކޯ ރޮއިސް އެވެ.

ހެމްބާގްގެ ވޯލްސްޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީވެސް ޖަރުމަނެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި މިލަނޑުޖަހައިދިނީ ނެބްރީ އެވެ. މިއީ އެ ޓީމުގެ ލޫކަސް ކްލޮސްޓަމަން ފޮނުވާލި ހަމަލާއެއް ނެދަލޭންޑްސްގެ ގޯލްކީޕަރު ކެސްޕާ ސިލެސަން ދިފާއުކުރިވަގުތު ދެވަނަ ފަހަރަށް އެ ބޯޅަ ނެބްރީ އަށް ލިބުމުން ވަރަށް ހަމަޖެހިލާފައި ކުޅުންތެރިންގެ ތެރެއިން ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ. 

މި ހާފުގައި ޖަރުމަނުގެ ލީޑް ފުޅާކުރުމަށް ލިބުނު ފުުރުޞަތުތަކުގައި ފޮނުވާލި ދެ ހަމަލާއެއް ގޯލްގެ ރޮނގުމަތީން ނެދަލޭންޑްސްގެ މަތައިސް ޑިލިޓް އާއި ވާޖިލް ވެން ޑައިކް ސަލާމަތްކުރިއިރު، ފުރަތަމަ ހާފު ނިމެން ދަނިކޮށް ޖަރުމަނުގެ ރޮއިސް ފޮނުވާލި ހަމަލާ ނެދަލޭންޑްސްގެ ކީޕަރު ސިލެސަން މަތަކުރިއެވެ.


ފުރަތަމަ ހާފުގައި ނެދަލޭންޑްސްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިއުމުގެ ދިއުމުން އެ ޓީމުން ދެވަނަ ހާފު ފެށީ ދެ ބަދަލަކާއެކުއެވެ. އެ ގޮތުން ޒުވާން ފޯވާޑް ޑޮންޔޭލް މާލެން އަދި މިޑްފީލްޑަރު ޑޭވީ ޕްރޮޕާ ކުޅެން އަރުވައިފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މި ހާފުގެ ކުޅުން ފެށިގެން ސާދަ ވަރަކަށް މިނެޓުގެ ތެރޭގައި، ފްރެންކީ ޑި ޔޮންގެ ގޯލުން އެއްވަރުކުރިއިރު، އޭގެ ހަތް މިނެޓުފަހުން ޖަރުމަންގެ ޑިފެންޑަރު ޖޮނަތަން ޓާ އަތުން ބައިކޮޅަށް ވަން ގޯލަކުން ނެދަލޭންޑްސް ފުރަތަމަ ފަހަރަށް ލީޑް ނެގިއެވެ. 

އެކަމަކު، މެޗުގެ 73 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަރުމަނަށް އެއްވަރުކޮށްދިނީ ޓޯނީ ކްރޫސް އެވެ. މިއީ ނެދަލޭންޑްސްގެ ޑިފެންޑަރު ޑިލިޓް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ނަމަވެސް، އޭގެ ހަ މިނެޓުފަހުން، މާލެންގެ ގޯލުން ނެދަލޭންޑްސް ދެވަނަ ފަހަރަށް ލީޑްނެގިއިރު، އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ އިތުރުވަގުތުގައި ޖޯޖީނިއޯ ވައިނަލްޑަމް ޖެހި ގޯލުންނެވެ.

ކޮލިފައިންގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި، ވޭލްސް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން އަޒަރުބައިޖާން ބަލިކޮށްފައެވެ. މި މެޗުގެ 26 ވަނަ މިނެޓުގައި އަޒަރުބައިޖާންގެ ޕަވްލޯ ޕަޝަޔެވް އަތުން ބައިކޮޅަށް ވަން ގޯލަކުން ވޭލްސް ލީޑްނެގިނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު މާހިރް އެމްރެލީ ވައްދާލި ލަނޑުން މެޗު އެއްވަރުވާން ދަނިކޮށް މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ވޭލްސް ސަލާމަތްކޮށްދިނީ ބޭލް އެވެ.

މީގެއިތުރުން، ކޮލިފައިންގައި ރޭ ކުޅެވުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ތެރޭގައި، ސެން މަރީނޯ އަތުން 4-0 އިން ބެލްޖިއަމް މޮޅުވިއިރު، އެ ޓީމުގެ ހަތަރު ގޯލްގެ ތެރެއިން ދެ ލަނޑުޖަހައިދިނީ ޗެލްސީގެ ފޯވާޑް މިޝީ ބަޓްޝުއާޔީ އެވެ. އަނެއް ދެލަނޑުޖަހައިދިނީ ޑްރީސް މާޓެންސް އާއި ނާސިރް ޗެޑްލީ އެވެ. ސްލޮވޭކިއާ އަތުން 4-0 އިން ކްރޮއޭޝިއާ މޮޅުވިއިރު، ސްލޮވީނިއާ ވަނީ 2-0 އިން ޕޯލެންޑް ބަލިކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު