މެސީގެ މުސްތަގުބަލާ މެދު ގޮތެއް ނިންމުމުގެ ހައްގު އޭނާ އަށް ލިބިގެންވޭ: ޕީކޭ

މުޙައްމަދު ޤާސިމް

ލިއޮނަލް މެސީގެ މުސްތަގުބަލާ މެދު ގޮތެއް ނިންމުމުގެ ހައްގު އޭނާ އަށް ލިބިގެންވާ ކަމަށާއި، ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެ އިހްތިޔާރު ލިބިފައިވާތީވެ، އެކަމާ ހައިރާން ނުވާ ކަމަށް އެ ޓީމުގެ ޑިފެންޑަރު ޖެރަޑް ޕީކޭ ބުނެފިއެވެ.

އުމުރުން 32 އަހަރުގެ މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އަދި ބާކީ ދެ އަހަރު އޮތްނަމަވެސް، އެ އެއްބަސްވުމުގައި ވާގޮތުން މި ސީޒަނަށްފަހު މެސީ ބޭނުންނަމަ އެ ކްލަބް ދޫކޮށްލަން ފުރުސަތު އެބައޮތްކަމަށް ބާސެލޯނާ އިން ވަނީ ޔަގީންކޮށްދީފައެވެ. އެކަމަކު އެ ކްލަބުން އަންނަނީ މެސީގެ އެއްބަސްވުން އާ ކުރަން މަސައްކަތްކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން، ބާސެލޯނާގެ ރައީސް ޖޯސެޕް ބާޓޮމެއު ވިދާޅުވީ، މީގެކުރިން ޒަވީ ހެނާންޑޭޒް އާއި އަންދްރެސް އިނިއެސްޓާ އަދި ކާލްސް ޕުޔޯލްއާ އެކު އެ ކުލަބުން ހަދާފައިވާ އެއްބަސްވުމުގައި ހިމެނޭ މާއްދާއެއް ކަމަށެވެ.

މެސީއާ އެކު ބާސެލޯނާ އަށް ކުޅެމުން އަންނަ ޕީކޭ ބުނީ އެއްބަސްވުމުގައި ހިމަނާފައިވާ މި މާއްދާއާ ގުޅޭގޮތުން އޭނާ އަށް ކުރިންވެސް މައުލޫމާތު ލިބިފައިވާކަމަށާއި، މެސީ އެ ކްލަބު ދޫކޮށްލާފާނެތީ ކަންބޮޑުނުވާކަމަށާއި، އޭނާ ކޮށްދީފައިވާ ހިދުމަތްތަކަށް ބަލާފައި އެ ހައްގު އޭނާ އަށް ލިބިގެންވާކަމަށެވެ. އަދި މެސީ އެ ކްލަބަށް އޮންނަ ލޯތްބާއި ގަދަރުގެ ސަބަބުން ބާސެލޯނާގައި ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

"މި ސީޒަނަށްފަހު ކްލަބު ދޫކޮށްލުމުގެ އިހްތިޔާރު މެސީ އަށް ލިބިގެންވާކަން އަހަރެންނަށް އެނގޭ. އެކަމަކު، މި ކްލަބާމެދު މެސީގެ ހިތުގައި އޮންނަ ލޯތްބެއްގެ ސަބަބުން އަހަރެން އެކަމާ ކަންބޮޑެއްނުވޭ." ޕީކޭ ބުންޏެވެ.

ބާސެލޯނާގެ ކެޕްޓަންކަން މިހާރު ކުރަމުން އަންނަ މެސީ އަށް ޕްރީ ސީޒަންގައި ލިބިފައިވާ އަނިޔާއެއްގެ ސަބަބުން މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗެއްގައި ފެނިފައިނުވާއިރު، އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ ވަރަށް އަވަހަށް މެސީ ކުޅުމަށް އެނބުރި އަންނާނެ ކަމަށެވެ. 

މެސީއާ ނުލައި ބާސެލޯނާ މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއް މެޗުން ބަލިވެފައިވާއިރު، އަނެއް މެޗުން ވީ އެއްވަރެވެ. އެގޮތުން، ލީގުގައި އެ ޓީމު މިވަގުތު އޮތީ ހަތަރު ޕޮއިންޓާއެކު އަށް ވަނައިގައެވެ.

ލީގުގައި ބާސެލޯނާ އަށް ދެން އެންމެ އަވަހަށް އޮތީ މި މަހުގެ 15 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ވެލެންސިއާ އާ ދެކޮޅަށް ކުޅޭ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު