ބްރެޒިލްގެ ޓޫރިޒަމް އެމްބެސެޑަރަކަށް ރޮނާލްޑީނިއޯ ހަމަޖައްސައިފި!

މުޙައްމަދު ޤާސިމް

ބްރެޒިލްގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންސްޓިޓިއުޓް އިން އެ ގައުމުގެ ޓޫރިޒަމް އެމްބެސެޑަރުގެ މަގާމަށް ކުރީގެ ފުޓްބޯޅަ ތަރި ރޮނާލްޑީނިއޯ ގައުޗޯ ހަމަޖައްސައިފިއެވެ.

ޓޫރިޒަމް އެމްބެސެޑަރެއްގެ ގޮތުގައި ރޮނާލްޑީނިއޯ އައްޔަންކޮށްފައިވާއިރު، އެކަމުގައި އޮތް އެންމެ ބޮޑު ހުރަހަކީ މިދިޔަ ޖުލައި މަހު ބްރެޒިލްގެ ހައި ކޯޓުގައި ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީވެ ގައުމުން ބޭރަށް ދަތުރުނުކުރެވުމެވެ. އޭނާ އަތުގައި ބްރެޒިލްގެ އިތުރުން ސްޕެއިނުގެ ޕާސްޕޯޓެއް އޮތްނަމަވެސް ދައުލަތުން ވަނީ މި ދެ ޕާސްޕޯޓްވެސް ހިފަހައްޓާފައެވެ.

ރޮނާލްޑީނިއޯ އަކީ ބްރެޒިލްގެ މިހާރުގެ ރައީސް ޖައިރު ބޮލްނޮސާރޯގެ ކެމްޕެއިން ދުވަސްވަރު އޭނާ އަށް ވަރަށް ބޮޑަށް ތާއިދުކުރައްވާފައިވާ ފަރާތަކަށްވާއިރު، ޓޫރިޒަމް އެމްބެސެޑަރެއްގެ ގޮތުން ރޮނާލްޑީނިއޯގެ މައިގަނޑު މަސްއޫލިއްޔަތަކަށްވާނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުގެ މަގްބޫލް މަންޒިލަކަށް އެ ގައުމު ހެދުމެވެ.

އެގޮތުން، ބްރެޒިލްގެ ފަތުރުވެރިކަން އިސްތިހާރުކޮށް، ޕްރޮމޯޓުކުރުމުގެ ގޮތުން އެކި ގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ މެދުގައި ބްރެޒިލްގެ ވީޑިއޯތައް ފޮނުވުމުގެ ހާއްސަ މުބާރާތެއް ބާއްވާ އޭގެއިން ވަނަވަނައަށް އަންނަ ފަރާތްތަކަށް އެ ގައުމަށް ޒިޔާރަތްކުރުމުގައި ފުރުޞަތުލިބިގެންދާނެއެވެ. އަދި މިކަމުގެ ތެރެއިން ރޮނާލްޑީނިއޯއާ ބައްދަލުކުރުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.

އެހެންނަމަވެސް، ރޮނާލްޑީނިއޯ އަށް އެމްބެސެޑަރެއްގެ ގޮތުން އެ މަގާމު އަދާކުރުމުގައި އެންމެ ބޮޑު އޮތް ހުރަހަކީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީވެ ގައުމުން ބޭރަށް ދަތުރުނުކުރެވުމެވެ. އެއީ ރޮނާލްޑީނިއޯގެ މިލްކިއްޔާތުގައިވާ ތަފާތު 57 ތަނެއް މިވަގުތު ދައުލަތުން ނަގާފައިވާއިރު، އޭގެއިން ހަތަރު ތަނެއް ތިމާވެށީގެ އުސޫލުތަކާ ހިލާފުވެފައިވާތީވެ ޖޫރިމަނާގެ ގޮތުގައި 2.2 މިލިއަން ޔޫރޯ ދައްކަންޖެހިފައިވެއެވެ. މާލީގޮތުން ވަރަށް ދަށް ހާލަތެއްގައި މިވަގުތު ހުރި ރޮނާލްޑީނިއޯގެ މައްޗަށް އިތުރު 1.8 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ދައްކަންވެސް ކޯޓުންވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު