ސެރީނާ ސިއްސުވާލުމަށްފަހު ބިއަންކާ ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

މުޙައްމަދު ޤާސިމް

ޔޫއެސް އޯޕަން ޓެނިސް މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައިވާ އެމެރިކާގެ ސެރީނާ ވިލިއަމްސް އަތުން ސީދާ ސެޓުން މޮޅުވެ ކެނެޑާގެ އުމުރުން 19 އަހަރުގެ ބިއަންކާ އަންޑްރީސްކޫ ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކޮށްފިއެވެ.

މިއާއެކު 24 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްގެން އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިޔާ މަގަރެޓް ކޯޓް ހަދާފައިވާ ރެކޯޑާ ހަމަކުރުމަށް އަމާޒުހިފާފައިވާ އުމުރުން 37 އަހަރުގެ ސެރީނާގެ އުއްމީދުތައް އަނެއްކާވެސް މިވަނީ ނިމުމަކަށް ގެނެސް އިތުރު އިންތިޒާރެއް ކުރަންޖެހިފައެވެ. މިއީ ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ބޮޑު މުބާރާތެއްގެ ފައިނަލުން ސެރީނާ ބަލިވި ހަތަރުވަނަ ފަހަރެވެ.

މީގެއިތުރުން، ބިއަންކާ ވަނީ ކެރިއަރުގައި މިހާތަނަށް ބޮޑު ހަތަރު މުބާރާތެއްގައި ވާދަކޮށް ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް ކާމިޔާބުކޮށް، 1990 ވަނަ އަހަރު އެމެރިކާގެ ކުރީގެ ޓެނިސް ކުޅުންތެރިޔާ މޮނިކާ ސެލެސް ގާއިމުކުރި ރެކޯޑަކާ އެއްވަރުކޮށްފައެވެ.

މި ފަހަރުގެ މުބާރާތުގެ ފައިނަލަށް 5 ވަނަ އަށް ސީޑްކުރެވިފައިވާ ސެރީނާ ދަތުރުކުރީ، ސެމީ ފައިނަލްގައި ޔޫކްރޭނުގެ އެލީނާ ސްވިޓޮލީނާގެ މައްޗަށް 6-3، 6-1 އިން ކުރި ހޯދައިގެންނެވެ. ކެނެޑާގެ 15 ވަނަ ސީޑް ބިއަންކާ ފައިނަލުން ޖާގަ ހޯދީ ސެމީގައި ސްވިޓްޒަލޭންޑްގެ ބެލިންޑާ ބެންޗިޗް 7-6، 7-5 އިން ބަލިކޮށްގެންނެވެ.

ޔޫއެސް އޯޕަންގެ އާތަރ އޭޝް ސްޓޭޑިއަމްގައި ކުޅުނު މެޗު ޒުވާން ބިއަންކާ ކާމިޔާބުކުރީ، ގާތްގަނޑަކަށް 1 ގަޑިއިރާއި 40 މިނެޓުގެ ތެރޭގައި ސެރީނާގެ މައްޗަށް ސީދާ ދެ ސެޓުން 6-3، 7-5 އިން ކުރިހޯދައިގެންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ބިއަންކާ ބުނީ މި އަހަރަކީ ވަރަށް ގިނަ ހުވަފެންތަކެއް ހަގީގަތަކަށް ވީ އަހަރެއް ކަމަށާއި، ޓެނިހުގެ ލެޖެންޑެއްކަމަށްވާ ސެރީނާ އަތުން މޮޅުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ. މިއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކެނޑިނޭޅި ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށްވެސް ބިއަންކާ ބުންޏެވެ.

މީގެއިތުރުން، ސެރީނާ ބުނީ ބިއަންކާ އަށް މި ކާމިޔާބީ ހައްގުވާ ކަމަށާއި އޭނާ ދެއްކީ އާދަޔާހިލާފު މޮޅު ކުޅުމެއް ކަމަށެވެ.

މި މުބާރާތުގެ މެންސް ސިންގަލްސް އިވެންޓްގެ ފައިނަލުގައި ދެވަނަ އަށް ސީޑްކޮށްފައިވާ ސްޕެއިނުގެ ރަފައެލް ނަޑާލް މިރޭ ނުކުންނާނީ ފަސްވަނަ ސީޑް ރަޝިއާގެ ޑެނީލް މެޑްވެޑޭވްއާ ދެކޮޅަށެވެ. 

ކިޔުންތެރިންގެ ހިޔާލު