ސްޕެއިން މޮޅުވެ ކޮލިފައިވުމާ ގާތަށް ޖެހިލިއިރު، އިޓަލީ އަށް އުނދަގޫ މޮޅެއް

މުޙައްމަދު ޤާސިމް

އަންނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުން މޮޅުވެ ސްޕެއިނުން ކޮލިފައިވުމާ ގާތަށް ޖެހިލިއިރު، އިޓަލީ ވަނީ އުއްމީދު ބޮޑުކޮށްފައެވެ.

އަމިއްލަ ދަނޑުގައި ފެރޯ އައިލެންޑްސްއާ ދެކޮޅަށް ކުޅެ 4-0 އިން ސްޕެއިން މޮޅުވިއިރު، ފިންލެންޑްއާ ދެކޮޅަށް ރަށުންބޭރުގައި ކުޅުނު މެޗުން އިޓަލީ މޮޅުވީ 2-1 އިންނެވެ.

ރޭގެ މެޗުތަކުގެ ނަތީޖާއަށްފަހު، ގްރޫޕް އެފްގައި ހިމެނޭ ސްޕެއިނަށް ހަ މެޗުން ހޯދީ 18 ޕޮއިންޓާއެކު ދެން ކޮލިފައިވުމަށް ބޭނުންވަނީ ބާކީ އޮތް ހަތަރު މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް ސްވިޑެން އަށް ހަ މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. 

ގްރޫޕް ޖޭ ގައި ހިމެނޭ އިޓަލީ އަށް ވެސް މިހާތަނަށް ކުޅުނު ހަ މެޗުން ސައްތައިގެ ރެކޯޑެއް އޮތްނަމަވެސް، ދެވަނައިގައި އޮތް ފިންލެންޑްއާ ދެމެދު ހަ ޕޮއިންޓްގެ ފަރަގެއް އޮތުމުން އަދި އިތުރަށް އިންތިޒާރުކުރަންޖެހިފައިވެއެވެ.

ސްޕެއިނުން ރޭގެ މެޗަށް ނިކުތީ ކޮލިފައިންގައި އެންމެފަހުން ރޫމޭނިއާ އާ ދެކޮޅަށް ކުޅެ 2-1 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ނުވަ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުން ފުރުޞަތުދީފައިވަނީ ކެޕްޓަން ސާޖިއޯ ރާމޮސްގެ އިތުރުން ފޯވާޑް ރޮޑްރިގޯ މޮރޭނޯ އަށެވެ. ރޫމޭނިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑު ދެއްކި ޑިއެގޯ ލޮރެންޓޭ ސަސްޕެންޝަނުގެ ސަބަބުން ރޭގެ މެޗުގައި ނުކުޅޭއިރު، ކުރީ މެޗުގައި އެ ޓީމުގެ ގޯލް ބެލެހެއްޓި ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލަގާ ގެ ބަދަލުގައި ރޭގެ މެޗުން ފުރުޞަތުދީފައިވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ އަށެވެ.


ސްޕެއިންގެ ގިހޯންގައި ރޭ ކުޅުނު މި މެޗު ފެށިގެން 13 ވަނަ މިނެޓުގައި ކުރީން ލީޑްނެގީވެސް އެ ޓީމުންނެވެ. މިކޭލް އޮޔަޒަބާލް ދިން ބޯޅައަކުން މިލަނޑުޖަހައިދިނީ ރޮޑްރިގޯ އެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިންގެ ލީޑް ފުޅާކުރުމަށް ތިއާގޯ އަލްކަންތަރާ އަށް ލިބުނު ދެ ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަރަކަށް މިނެޓުގެ ތެރޭގައި ސްޕެއިނުގެ ދެވަނަ ލަނޑު، ރޮޑްރިގޯ ޖަހައިދިންއިރު މިހާފުގައި ކުޅެން ނިކުތް ޕަކޯ އަލްކަސާ ވަނީ މެޗުގެ 89 ވަނަ މިނެޓާއި އިތުރުވަގުތުގައި ކާމިޔާބުކުރި ދެލަނޑާއެކު ނަތީޖާ ވަނީ 4-0 އަށް ބަދަލުކޮށްލާފައެވެ.

ކޮލިފައިންގައި ރޭ ކުޅެވުނު ފާހަގަކޮށްލެވޭ އިތުރު މެޗުތަކަށް ބަލާއިރު، ފަހުވަގުތު ޖޯޖީނިއޯ ވައްދާލި ޕެނަލްޓީން އިޓަލީ ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ދެވަނަ ހާފުގައި ކާމިޔާބުކޮށްފައިވާއިރު، ޗީރޯ އިމޯބިލޭގެ ގޯލުން އިޓަލީއަށް ލީޑްނަގައިދިންއިރު، ފިންލެންޑަށް އެއްވަރުކޮށްދިނީ ޓީމު ޕުކީ އެވެ.

ސްވިޓްޒަލޭންޑުން 4-0 އިން ޖިބްރާލްޓާ ބަލިކުރިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޑެނިސް ޒަކަރިޔާ އާއި އެޑްމިރް މެހްމަދީގެ އިތުރުން ރިކާޑޯ ރޮޑްރިގޭޒް އަދި މާރިއޯ ގަވްރަނޮވިޗް އެވެ. ލީޗްޓެންސްޓެއިންއާ ދެކޮޅަށް ގްރީސް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ނޯވޭއާ ސްވިޑެން ކުޅުނު މެޗު ނިމުނީވެސް ހަމަ މިނަތިޖާއިންނެވެ. މީގެއިތުރުން، އާމީނިއާ ވަނީ 4-2 ގެ ނަތީޖާއަކުން ބޮސްނިއާ އެންޑް ހާޒެގޮވީނާ ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު