ޔޫއެސް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށް ނަޑާލް އަށް ބޮޑު ހިތްހަމަޖެހުމެއް

މުޙައްމަދު ޤާސިމް

މި ފަހަރުގެ ޔޫއެސް އޯޕަންގެ ފައިނަލްގައި ފޯރިގަދަ ކުޅުމަކަށްފަހު ރަޝިއާގެ ޑެނީލް މެޑްވެޑޭވްއާ ދެކޮޅަށް ދެއްކި މޮޅުކުޅުމާއެކު ފަސް ސެޓު ކުޅެގެން ސްޕެއިނުގެ ރަފައެލް ނަޑާލް ހަތަރުވަނަ ފަހަރަށް އެ މުބާރާތް ކާމިޔާބުކޮށްފިއެވެ.

މިއާއެކު ނަޑާލް ވަނީ ގްރޭންޑް ސްލޭމް 19 މުބާރާތް ހަމަކުރުމަށްފަހު، އެންމެ ކުރީގައި އުޅޭ ރޮޖާ ފެޑެރާގެ ރެކޯޑާ ގާތަށް ޖެހިލައިފައެވެ. މިހާތަނަށް ފެޑެރާ ވަނީ 20 ގްރޭންޑް ސްލޭމް ހަމަކޮށްފައެވެ. މި ދެ ކުޅުންތެރިންނާ ދެން އެންމެ ގާތުން ވާދަކުރަމުން އަންނަ ސާބިއާގެ ނޮވަކް ޖޮކޮވިޗް ވަނީ 16 މުބާރާތް ކާމިޔާބުކޮށްފައެވެ.

އުމުރުން 33 އަހަރުގެ ނަޑާލް މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ، ސެމީގައި އިޓަލީގެ 24 ވަނަ ސީޑް މަޓެއޯ ބެރެޓިނީއާ ދެކޮޅަށް ކުޅުނު މެޗު 7-6، 6-4 އަދި 6-1 އިން ކުރިހޯދައިގެންނެވެ. މީގެއިތުރުން، ނަޑާލް ވަނީ މި މުބާރާތުގެ ދެވަނަ ބުރުގައި ކްރޮއޭޝިއާގެ މަރިން ސިލިޗްއާ ދެކޮޅަށް ވަރުގަދަ މެޗެއްކުޅެ ހަތަރު ސެޓުން ކުރިހޯދާފައެވެ.

ރަޝިއާގެ ފަސްވަނަ ސީޑް މެޑްވެޑޭވް ފައިނަލަށް ދަތުރުކުރީ، ސެމީގައި ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އަތުން 7-6، 6-4 އަދި 6-3 އިން ކުރިހޯދައިގެންނެވެ. މީގެއިތުރުން، މި މުބާރާތުގެ ފައިނަލަށް ނަޑާލްއާ ދެކޮޅަށް މެޑްވެޑޭވް ނިކުތްއިރު މި ދެ ކުޅުންތެރިން އެންމެފަހުން ކެނެޑިއަން އޯޕަންގެ ފައިނަލްގައި ކުޅުނު މެޗު ވަރަށް ފަސޭހަކަމާއެކު ކާމިޔާބުކުރީ ނަޑާލް އެވެ. އެ މެޗުގެ ސެޓުތައް ނަޑާލް ގެންދިޔައީ 6-3، 6-0 އިންނެވެ.

ނިއު ޔޯކްގެ އާތަރ އާޝް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ހަތަރު ގަޑިއިރާއި 51 މިނެޓަށް ދެމިގެންދިޔައިރު، މި މެޗުގެ ފުރަތަމަ ދެ ސެޓް ނަޑާލް ގެންދިޔައީ 7-5، 3-6 އިންނެވެ. ނަމަވެސް، ދެން ޖެހިގެންއައި ދެ ސެޓު 7-5 އަދި 6-4 އިން ގެންދިޔައީ މެޑްވެޑޭވް އެވެ. އެއާއެކު ދެން ޖެހިގެން އައި ފަހު ސެޓު، ދެވަނަ އަށް ސީޑްކުރެވިފައިވާ ނަޑާލް ގެންދިޔައީ 6-4 އިންނެވެ.

ރޭގެ މެޗަށްފަހު ވާޙަކަދައްކަމުން ނަޑާލް ބުނީ މިއީ އޭނާގެ ކެރިއަރުގައި ވަރަށް ހާއްސަ ޓްރޮފީއެއް ކަމަށާއި، ފިޒިކަލީ އާއި މެންޓަލީ ގިނަ އުނދަގޫތަކަކާ ކުރިމަތިލުމަށްފަހު މިފަދަ ބޮޑު މުބާރާތެއް ކާމިޔާބުކުރެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާކަމަށެވެ.

އެގޮތުން، ނަޑާލް ވަނީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގެ ސެމީގައި ހުއާން މާޓިން ޑެލް ޕޮޓްރޯއާ ދެކޮޅަށް ކުޅުނު މެޗު އަނިޔާގެ ސަބަބުން ފުރިހަމަނުކުރެވުނުއިރު، މި އަހަރުގެ ބީއެންޕީ ޕެރިބާސް އޯޕަން ސެމީގައި ފެޑެރާއާ ދެކޮޅަށް ކުޅުނު މެޗު ވެސް ނަޑާލަށް ދިމާވި އަނިޔާގެ މައްސަލައަކާ ހުރެ ކުރިއަށްގެންދެވޭ ގޮތެއްނުވިއެވެ.

މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ނަޑާލް އެންމެފަހުން ކުޅުނު 28 މެޗުގެ ތެރެއިން 27 މެޗުން މޮޅުވެފައިވާއިރު، އެންމެފަހުން ކުޅުނު 10 މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، މި ފަހަރުގެ ޔޫއެސް އޯޕަން މުބާރާތް ކާމިޔާބުކުރެވުމަކީ، އެންމެފަހުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލްގައި ފެޑެރާއާ ދެކޮޅަށް ކުޅެ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވުމުން، އެ ހިތްދަތިކަން ފިލުވާލައި ނަޑާލަށް ލިބުނު ހިތްހަމަޖެހުމެކެވެ.

ކިޔުންތެރިންގެ ހިޔާލު