ޖަރުމަނާއި ނެދަލެންޑްސް އަދި ބެލްޖިއަމް މޮޅުވިއިރު، ކްރޮއޭޝިއާ ވީ އެއްވަރު

މުޙައްމަދު ޤާސިމް
ނޮދަން އަޔަލެންޑް ކޮޅަށް ލަނޑުޖެހުމަށްފަހު ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އަންނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން ޖަރުމަނާއި ނެދަލެންޑްސް އަދި ބެލްޖިއަމް މޮޅުވިއިރު، އެންމެފަހުގެ ވޯލްޑްކަޕްގެ ރަނަރަޕް ކްރޮއޭޝިއާ ވީ އެއްވަރެވެ.

ނޮދަން އަޔަލެންޑް އަތުން 2-0 އިން ޖަރުމަން މޮޅުވިއިރު، ނެދަލެންޑްސް ވަނީ 4-0 އިން އެސްޓޯނިއާ ބަލިކޮށްފައެވެ. ބެލްޖިއަމް އަތުން 4-0 އިން ސްކޮޓްލެންޑް ބަލިވިއިރު، އަޒަރުބައިޖާންއާ ދެކޮޅަށް ކްރޮއޭޝިއާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ރޭގެ ނަތީޖާއާއެކު ގްރޫޕް ސީ ގެ އެއްވަނައިގައި 12 ޕޮއިންޓާއެކު އޮތީ ޖަރުމަނެވެ. ނޮދަން އަޔަލެންޑަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު ޖަރުމަނަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ނެދަލެންޑްސް އަށް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.

ޖަރުމަނުން ރޭގެ މެޗަށް ނިކުތްއިރު އާއްމުކޮށް ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ގިނަ ކުޅުންތެރިންތަކެއް އަނިޔާގެ ސަބަބުން ނުކުޅޭއިރު، އެންމެފަހުން ނެދަލެންޑްސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި 4-2 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރައަށް ދެ ބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން، ކުރީ މެޗުގައި ކުޅުނު ނިކޯ ޝުލްޒް އާއި ޖޮނަތަން ޓާ ގެ ބަދަލުގައި ރޭގެ މެޗުން ޖާގަދީފައިވަނީ މާސެލް ހާލްސްޓެންބާގް އާއި ޖޫލިއަން ބްރެންޓް އަށެވެ.

ބެލްފާސްޓްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުގެ ކުޅުންތެރިންނަށް ނޮދަން އަޔަލެންޑްގެ ގޯލަށް މާ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލެވިފައިނުވާއިރު، އެ ޓީމުގެ ޓިމޯ ވާނާ އާއި ޓޯނީ ކްރޫސް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މީގެއިތުރުން، ފުރަތަމަ ހާފު ނިމެން ދަނިކޮށް ޖަރުމަނުގެ ޑިފެންޑަރު މަތިއަސް ގިންޓާ އަށް އަނިޔާވެގެން ބަދަލުކޮށްފައިވާއިރު، އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ޓާ އެވެ. މި ހާފުގައި ނޮދަން އަޔަލެންޑަށް ލީޑްނަގައިދިނުމަށް ކޮނާ ވޮޝިންޓަނަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ޖަރުމަނުގެ ކީޕަރު މެނުއެލް ނޯޔާ މަތަކުރިއެވެ.


ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި ޖަރުމަނަށް ލީޑްނަގައިދިނީ ހާލްސްޓެންބާގް އެވެ. އޭގެފަހުން، ޖަރުމަނުގެ ލީޑްފުޅާކުރުމަށް ވާނާގެ އިތުރުން މާކޯ ރޮއިސް ފޮނުވާލި ހަމަލާތައް ނޮދަން އަޔަލެންޑްގެ ކީޕަރު މަތަކުރިއިރު ކައި ހަވާޓްޒް ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަ ކިރިޔާއެވެ. މި މެޗުގައި ޖަރުމަނުން ކާމިޔާބުކުރި ދެވަނަ ލަނޑު، މެޗުގެ އިތުރުވަގުތުގައި ޖަހައިދިނީ ސާޖް ނެބްރީ އެވެ. މިއީ ގައުމީ ޓީމަށް އެންމެފަހުން ކުޅުނު ފަސް މެޗުގައި އޭނާ ޖެހި ފަސްވަނަ ލަނޑެވެ.

ކޮލިފައިންގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރަށުންބޭރުގައި އެސްޓޯނިއާ އަތުން 4-0 އިން ނެދަލެންޑްސް މޮޅުވިއިރު، އެ ޓީމުގެ ރަޔަން ބަބެލް ވަނީ ދެލަނޑުޖަހާފައެވެ. އަނެއް ދެލަނޑު ޖެހީ މެމްފިސް ޑިޕާއީ އާއި ޖޯޖީނިއޯ ވައިނަލްޑަމް އެވެ. ގްލާސްގޯގައި ސްކޮޓްލެންޑްއާ ދެކޮޅަށް ބެލްޖިއަމް ކުޅުނު މެޗު 4-0 އިން ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ތިން ގޯލް ކާމިޔާބުކޮށްފައެވެ. ބެލްޖިއަމްގެ ލަނޑުތައް ޖަހައިދިނީ ރޮމެލޫ ލުކާކޫ އާއި ތޯމަސް ވާމެލަންގެ އިތުރުން ޓޮބީ އަލްޑަވިރެލްޑް އަދި ކެވިން ޑި ބްރައިނާ އެވެ.

މީގެއިތުރުން، ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ހައިރާންކުރަނިވި ނަތީޖާއެއް ނިކުތީ އަޒަރުބައިޖާންއާ ދެކޮޅަށް ކްރޮއޭޝިއާ ކުޅުނު މެޗުގައެވެ. އެ މެޗުގެ ކުރީކޮޅު، ލުކާ މޮޑްރިޗް ކާމިޔާބުކުރި ޕެނަލްޓީއަކުން ކްރޮއޭޝިއާ މޮޅުވާން ދަނިކޮށް ފަހު ހާފުގައި އަޒަރުބައިޖާން އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޓަމްކިން ހަލިލްޒާދޭ އެވެ. ޕޮލެންޑްއާ އޮސްޓްރިއާ ބައްދަލުކުރި މެޗު 0-0 އިން ދެ ޓީމު އެއްވަރުވިއިރު، ސްލޮވީނިއާ ވަނީ 3-2 އިން އިޒްރޭލް ބަލިކޮށްފައެވެ. ހަންގޭރީ އަތުން 2-1 އިން ސްލޮވޭކިއާ މޮޅުވިއިރު، ސައިޕްރަސް ވަނީ ރަށުންބޭރުގައި 4-0 އިން ސެން މަރީނޯ އަތުން މޮޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު