އެއް ބިލިއަން ޔޫރޯގެ އަގުހުރި ފުރަތަމަ ސްކޮޑަކަށް މެންޗެސްޓާ ސިޓީ!

މުޙައްމަދު ޤާސިމް
މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ގެޓީ އިމޭޖަސް

ދުނިޔޭގެ ފުޓްބޯޅައިގައި މިހާތަނަށް އެއް ބިލިއަން ޔޫރޯގެ އަގުހުރި ސްކޮޑެއް އޮތް ފުރަތަމަ ކްލަބަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ކަމަށް ސީއައިއީއެސް ފުޓްބޯލް އޮބްޒާވެޓަރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ސްވިޓްޒަލެންޑަށް ނިސްބަތްވާ ފުޓްބޯޅައިގެ ރިސާޗް ގްރޫޕެއްކަމަށްވާ ސީއައިއީއެސް އިން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2008 ވަނަ އަހަރު އަބޫ ދާބީ ގްރޫޕުން ސިޓީ ގަތްފަހުން، ބޮޑު ހޭދައެއް ކުރަމުން އަންނައިރު އެ ޓީމުގެ ސްކޮޑުގައި މިހާރު ހިމެނޭ ކުޅުންތެރިން ހޯދުމަށް ގާތްގަނޑަކަށް 1.014 ބިލިއަން ޔޫރޯ (906 މިލިއަން ޕައުންޑް) ހަރަދުކޮށްފައެވެ.

މި ލިސްޓްގައިވާ ގޮތުން، ދެވަނައިގައި އޮތް ޕީއެސްޖީގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ އަގު 913 މިލިއަން ޔޫރޯގައި ހުރިއިރު، 902 މިލިއަން ޔޫރޯގެ އަގަކާއެކު ތިންވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.

ސީއައިއީއެސް އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުން، ސިޓީގެ ސްކޮޑުގެ އަގު، ޕްރިމިއާ ލީގުގައި މިފަހަރު ވާދަކުރަމުން އަންނަ ނޯވިޗް ސިޓީގެ މުޅި ސްކޮޑުގެ އަގުގެ ގާތްގަނޑަކަށް 32 ގުނައާ އެއްވަރެވެ. އިނގިރޭސި ވިލާތުގެ ދެވަނަ އަށް އެންމެ އަގުބޮޑު ސްކޮޑެއް އޮތީ ކުރީގެ ގަދަބާރެއްކަމަށްވާ މެންޗެސްޓާ ޔުނައިޓެޑްގައެވެ. އެ ކްލަބުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ އަގަކީ 751 މިލިއަން ޔޫރޯ އެވެ.

މި ލިސްޓުގައިވާގޮތުން، ދުނިޔޭގައި މިވަގުތު އޮތް އެންމެ އަގުހެޔޮ ސްކޮޑެއް އޮތީ މިފަހަރު ޖަރުމަން ބުންޑަސްލީގާ އަށް އަލަށް ޕްރޮމޯޓުވި ޕެޑަބޯން އެެވެ. އެ ކްލަބުގެ ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިންގެ އަގަކީ ގާތްގަނޑަކަށް 4 މިލިއަން ޔޫރޯ (3.57 މިލިއަން ޕައުންޑް) އެވެ.

ސީއައިއީއެސް އިން ނެރުނު ލިސްޓްގެ ގަދަ 10:

  1. މެންޗެސްޓާ ސިޓީ – 1.014 ބިލިއަން ޔޫރޯ
  2. ޕީއެސްޖީ – 913 މިލިއަން ޔޫރޯ
  3. ރެއާލް މެޑްރިޑް – 902 މިލިއަން ޔޫރޯ
  4. މެންޗެސްޓާ ޔުނައިޓެޑް – 751 މިލިއަން ޔޫރޯ
  5. ޔުވެންޓަސް – 719 މިލިއަން ޔޫރޯ
  6. ބާސެލޯނާ – 697 މިލިއަން ޔޫރޯ
  7. ލިވަޕޫލް – 639 މިލިއަން ޔޫރޯ
  8. ޗެލްސީ - 561 މިލިއަން ޔޫރޯ
  9. އެތުލެޓިކޯ މެޑްރިޑް – 550 މިލިއަން ޔޫރޯ
  10. އާސެނަލް – 498 މިލިއަން ޔޫރޯ

ފާހަގަކޮށްލެވޭ އެހެން ޓީމުތަކަށް:

11. އެވަޓަން – 486 މިލިއަން ޔޫރޯ

12. ޓޮޓެންހަމް ހޮޓްސްޕާ - 465 މިލިއަން ޔޫރޯ

19. ލެސްޓާ ސިޓީ - 312 މިލިއަން ޔޫރޯ

21. ވެސްޓް ހޭމް ޔުނައިޓެޑް - 259 މިލިއަން ޔޫރޯ

ކިޔުންތެރިންގެ ހިޔާލު