އިންގްލެންޑްގެ ފޯވާޑުންނަށް ސައުތުގޭޓް ތައުރީފްކުރިނަމަވެސް ޑިފެންސާމެދު ކަންބޮޑުވެފައި!

މުޙައްމަދު ޤާސިމް

އަންނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 5-3 އިން ކޮސޯވޯ އަތުން އިންގްލެންޑް މޮޅުވުމުން އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ ކުޅުންތެރިންނަށް ކޯޗު ގަރެތު ސައުތުގޭޓްގެ ތައުރީފްކުރިނަމަވެސް، ޑިފެންސަށް ހެދުނު ގޯސްތަކާމެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސައުތުހެމްޕްޓަންގެ ސޭންޓް މޭރީސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ހީކުރިގޮތާއި ހިލާފަށް ކުރީން ލީޑްނެގީވެސް ކޮސޯވޯ އިންނެވެ. މެޗުގެ ފުރަތަމަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ވަލޯން ބެރީޝާ އެވެ. ނަމަވެސް، އޭގެ ހަތް މިނެޓުފަހުން ރަހީމް ސްޓާލިންގެ ގޯލުން އިންގްލެންޑް އެއްވަރުކޮށްފައިވަނިކޮށް، މެޗުގެ 19 ވަނަ މިނެޓުގައި ކެޕްޓަން ހެރީ ކޭން ވަނީ އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ.

އޭގެފަހުން، މެޗުގެ 38 ވަނަ މިނެޓުގައި ކޮސޯވޯގެ މެރްގިމް ވޮޖްވޮޑާ އަތުން ބައިކޮޅަށް ވަން ގޯލަކުން އިންގްލެންޑުން ދެލަނޑުގެ ލީޑެއްނެގިއިރު، މި ހާފު ނިމުމުގެ ކުރީން ޖޭޑަން ސަންޗޯ ވައްދާލި ދެ ލަނޑާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 5-1 އިން ކުރީގައިއޮވެގެންނެވެ.







އެކަމަކު، ދެވަނަ ހާފުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ބެރީޝާ އާއި ވެޑާޓް މުރިޤީ ކާމިޔާބުކުރި ލަނޑުތަކުން ކޮސޯވޯ އިން ވަނީ އިންގްލެންޑް ހާސްކޮށްލާފައެވެ. އޭގެފަހުން، އިންގްލެންޑަށް ލިބުނު ޕެނަލްޓީ ކޭން ފޮނުވާލުމުން ކޮސޯވޯގެ ކީޕަރު އަރޯ މުރިޗް މަތަކުރިއެވެ.

މި ނަތީޖާއާއެކު، އިންގްލެންޑް ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި އެ ޓީމު އޮތީ ހަތަރު މެޗުން 12 ޕޮއިންޓް ހަމަކޮށްގެންނެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި ޗެކް ރިޕަބްލިކް އޮތްއިރު، ތިންވަނައިގައި އަށް ޕޮއިންޓާއެކު އޮތީ ކޮސޯވޯ އެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން އިންގްލެންޑްގެ ކޯޗު ސައުތުގޭޓް ބުނީ އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާ މެދު ހިތްހަމަޖެހޭކަމަށާއި، އެހެންނަމަވެސް ޑިފެންސްލައިނުން ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އެހެންނަމަވެސ،ް ހެދުނު ގޯސްތަކުން އަރައިގަތުމަށް ކުރި މަސައްކަތަށް ވަނީ ތައުރީފްކޮށްފައެވެ. އެގޮތުން، ކުރިއަށް ހުރި މެޗުތަކުގެ ޓީމުގެ ޑިފެންސުން ވަރަށް ރަނގަޅަށް މަސައްކަތްކުރުމަށްވަނީ ގޮވާލާފައެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު