އާސެނަލް އާއި ޔުނައިޓެޑް މޮޅުވިއިރު، ވުލްވްސް ބަލިވެއްޖެ

މުޙައްމަދު ޤާސިމް
އެއިންޓްރަކް ފްރޭންކްފާޓް ކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް އެއިންޓްރަކް ފްރޭންކްފާޓް ކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކުން އިނގިރޭސި ކްލަބުތައް ކަމަށްވާ އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، ވުލްވަހެމްޕްޓަން ވޮންޑަރާސް ބަލިވެއްޖެ އެވެ.

އެއިންޓްރަކް ފްރޭންކްފާޓްގެ ދަނޑުގައި ރޭ ކުޅުނު މެޗު 3-0 އިން އާސެނަލް މޮޅުވިއިރު، އަމިއްލަ ދަނޑުގައި ކަޒަކްސްތާނުގެ ޗެމްޕިއަން އަސްތާނާ އަތުން ޔުނައިޓެޑް މޮޅުވީ 1-0 އިންނެވެ. ވުލްވްސް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ޕޯޗުގަލްގެ ސްޕޯޓިން ބްރާގާ އަތުން ބަލިވެފަ އެވެ.

އާސެނަލުން ރޭގެ މެޗަށް ނިކުތީ ޕްރިމިއާ ލީގުގައި އެ ޓީމު އެންމެފަހުން ރަށުން ބޭރުގައި 2-2 އިން ވަޓްފޯޑްއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގެ ފުރަތަމަ އެގާރައަށް ހަތް ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ވަޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ޖާގަ ދީފައިވަނީ ކެޕްޓަން ގްރެނިޓް ޒާކާ އާއި ޕިއޭރް-އެމެރިކް އޯބަމަޔަންގެ އިތުރުން ސެއަދު ކޮލާސިނަޗް އަދި ޑޭވިޑް ލުއިޒް އަށެވެ. ރޭގެ މެޗުގައި އެ ޓީމުގެ ގޯލް ބެލެހެއްޓީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް އެވެ.

މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ގޯލް، 38 ވަނަ މިނެޓުގައި ޖަހައިދިނީ ޖޯ ވިލޮކް އެވެ. ފުރަތަމަ ހާފުގައިވެސް ފްރޭންފާޓަށް ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭކާރުވެފައިވާއިރު، އެ ޓީމުގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް އާސެނަލްގެ ކީޕަރު މާޓިނޭޒް މަތަކުރި އެވެ. 


ދެވަނަ ހާފު ފެށިގެން ވެސް ރަނގަޅަށް ކުޅެމުންދިޔަ ފްރޭންކްފާޓަށް އިތުރު މައްސަލަތައް ކުރިމަތިވީ، މެޗު ނިމެން 11 މިނެޓަށްވެފައި ވަނިކޮށް އެ ޓީމުގެ ޑޮމިނިކް ކޯރް އަށް ދެވަނަ ރީނދޫކާޑަކާ އެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 85 އާއި 87 ވަނަ މިނެޓުގައި އާސެނަލުން ވަނީ ލަނޑުޖަހާފަ އެވެ. މިލަނޑުތައް ޖަހައިދިނީ ގެބޯންގެ ފޯވާޑް އޯބަމަޔަން އާއި އުމުރުން 18 އަހަރުގެ ބުކަޔޯ ސާކާ އެވެ. ސަކާ އަކީ މި މުބާރާތުގައި އާސެނަލަށް ގޯލު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

ގިނަ ބަދަލުތަކާ އެކު 2017 ވަނަ އަހަރުގެ ޗެމްޕިއަން ޔުނައިޓެޑުން ރޭގެ މެޗަށް ނިކުތްއިރު، ޒުވާން އާ ކުޅުންތެރިންނަށް ފުރުޞަތުދީފައިވެ އެވެ. އެގޮތުން، ރޭގެ މެޗުގައި އެންމެ ފާހަގަކޮށްލެވުނީ އެ ޓީމުގެ ހަމައެކަނި ލަނޑު، ދެވަނަ ހާފުގައި ޖަހައިދިން އުމުރުން 17 އަހަރުގެ ފޯވާޑް މޭސަން ގްރީންވުޑް އެވެ. މި މެޗުގައި އެ ޓީމުގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑަށް ލަނޑުޖެހުމަށް ގިނަ ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވެ އެވެ. މީގެއިތުރުން، ރޭގެ މެޗުގައި އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ފްރެޑް ފޮނުވާލި ހަމަލާ އަމާޒްވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

ޔުރޮޕާ ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި އަމިއްލަ ދަނޑުގައި ބްރާގާ އަތުން ވުލްވްސް ބަލިވިއިރު، މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ ރިކާޑޯ ހޯރްޓާ އެވެ. މި މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އަމިއްލަ ދަނޑުގައި ޔަންގް ބޯއީސް އަތުން 2-1 އިން ޕޯޓޯ މޮޅުވިއިރު، އިޓަލީގެ އޭއެސް ރޯމާ ވަނީ 4-0 އިން އިސްތަންބޫލް ބަޝަކްޝެހިރް ބަލިކޮށްފަ އެވެ. ގަރަބަގް އަތުން ސެވިއްޔާ 3-0 އިން މޮޅުވިއިރު، ސީއެފްއާރް ކްލޫޖް އަތުން 1-0 އިން ލާޒިއޯ ވަނީ ބަލިވެފަ އެވެ. އަދި އޮސްޓްރިއާގެ ވުލްފްސްބާގާ ވަނީ ރަށުން ބޭރުގައި 4-0 އިން ޖަރުމަންގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކް ބަލިކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު