ސްޕެނިޝް ލީގަށް ފަހު ފޭސްބުކްގެ އަމާޒު ކްރިކެޓަށް

މުޙައްމަދު ޤާސިމް

ސްޕެނިޝް ލީގުގެ މެޗުތައް ލައިވްކޮށް ހަމައެކަނި ގެނެސްދޭ ޕްލެޓްފޯމްކަމަށްވާ ފޭސްބުކުން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ކުރިއަށް އޮތް ހަތަރު އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކްރިކެޓްގެ ހުރިހާ މުބާރާތްތަކެއްގެ އެކްސްކްލޫސިވް ޑިޖިޓަލް ރައިޓްސް ގަނެފިއެވެ.

އެގޮތުން، އައިސީސީ އިން 2023 ވަނަ އަހަރުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ތަފާތު 8 މުބާރާތެއްގެ ޑިޖިޓަލް ކޮންޓެންޓް ދެކުނު އޭޝިއާ ސަރަހައްދަށް ފޭސްބުކް މެދުވެރިކޮށް ގެނެސްދޭނެއެވެ.

ފޭސްބުކް މެދުވެރިކޮށް ގެނެސްދޭން ހަމަޖެހިފައިވަނީ ކުރިއަށް އޮތް 2020 އަދި 2021 ވަނަ އަހަރުގެ މެންސް ޓީ20 ވޯލްޑްކަޕްގެ އިތުރުން 2020 އަދި 2022 ވަނަ އަހަރު ބާއްވާ ވިމެންސް ޓީ20 ވޯލްޑްކަޕާއި 2021 ވަނަ އަހަރުގެ ވިމެންސް ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) ވޯލްޑްކަޕް އަދި 2023 ވަނަ އަހަރުގެ މެންސް އޯޑީއައި ވޯލްޑްކަޕެވެ. އަދި މީގެއިތުރުން، 2021 އާއި 2023 ވަނަ އަހަރުގެ ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕްގެ މެޗުތައްވެސް ގެނެސްދޭނެއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމަށް އައިސީސީގެ ކުރިއަށް އޮތް ހުރި ކްރިކެޓްގެ ގިނަ މުބާރާތްތަކުގެ ޑިޖިޓަލް ކޮންޓެންޓްގެ ރައިޓްސް ދިން އަގެއް ހާމައެއް ނުކުރެ އެވެ.

އެހެންނަމަވެސް، 2023 ވަނަ އަހަރުގެ ނިޔަލަށް އައިސީސީގެ ކުރިއަށް އޮތް ހުރިހާ ކްރިކެޓްގެ އިވެންޓްތަކެއް ޓީވީ އިން ދެއްކުމުގެ ރައިޓްސް, ސްޓާ އިން 2015 ވަނަ އަހަރުގައި ސޮއިކުރި އެއްބަސްވުމާއެކު ލިބިފައިވާއިރު، ފޭސްބުކް މެދުވެރިކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މެޗުތައް ފެށުމުގެ ކުރީން ގެނެސްދޭ ޝޯވގެ އިތުރުން މެޗުގެ މުހިއްމު ދަނޑިވަޅުތަކުގެ ވީޑިއޯ އާއި މެޗަށްފަހު ދޭ ހާއްސަ އިންޓަވިއު އަދި އުސްއަލިތައް ހިމެނެއެވެ.


ކްރިކެޓަކީ އިންޑިޔާގެ އެންމެ މަޤުބޫލް ކުޅިވަރަށްވާއިރު، މި ސަރަހައްދުގައި ގާތްގަނޑަކަށް 350 މިލިއަން މީހުން ފޭސްބުކް ބޭނުންކުރާއިރު އޭގެ ތެރެއިން 270 މިލިއަން މީހުން ނިސްބަތްވަނީ ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް އިންޑިއާ އަށެވެ. މިއާއެކު ފޭސްބުކް މެދުވެރިކޮށް ކްރިކެޓާއި ގުޅުންހުރި ކޮންޓެންޓް ގެނެސްދޭނަމަ މިހާރަށްވުރެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެ ކުޅިވަރުގައި އިތުރު ކުރިއެރުންތައް ހޯދޭނެއެވެ.

ދުނިޔޭގެ ކްރިކެޓްގެ މައި އިދާރާކަމަށްވާ އައިސީސީ އިން ދާދިފަހުން ނެރުނު ބަޔާނެއްގައިވާގޮތުން، ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށް އެންމެ ފަހުގެ މެންސް ކްރިކެޓް ވޯލްޑްކަޕް ބެލިމީހުންގެ އަދަދު 4.6 ބިލިއަނަށް އަރާފައިވާކަމަށެވެ.

ފޭސްބުކުން މިދިޔަ އަހަރު ސްޕެނިޝް ލަލީގާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން މިހާރު ކުރިއަށްދާ ސީޒަނުން ފެށިގެން ސްޕެނިޝް ލީގުގެ މެޗުތައް ކުރިއަށް އޮތް ދެ އަހަރުގައިވެސް ދެކުނު އޭޝިއާ ސަރަހައްދަށް ދެއްކުމުގެ އެކްސްކްލޫސިވް ރައިޓްސް ގަނެފައެވެ.




































މިކަމުގެ ތެރެއިން ފޭސްބުކްގެ އިތުރުން އެހެނިހެން ޓެކް ކުންފުނިތަކުން އަންނަނީ އެކިއެކި ލީގުތައް ދެއްކުމުގެ ރައިޓްސް ގަންނަމުންނެވެ. އެގޮތުން، އެމޭޒަނުން މިހާރު ކުރިއަށްދާ ޕްރިމިއާ ލީގު ސީޒަނުގެ 20 މެޗުގެ އެކްސްކުލޫސިވް ރައިޓްސް ގަނެފައިވާއިރު، ސްޕެނިޝް ލީގާއި އިޓާލިއަން ލީގުގެ މެޗުތަކެއް އިނގިރޭސި ވިލާތުގައި ސްޓްރީމްކުރުމަށް އިލެވަން ސްޕޯޓްސްއާ އެކު އެއްބަސްވުމެއް ހަދާފައިވެއެވެ. މީގެއިތުރުން، ފޭސްބުކުން މިހާރުވެސް އެމެރިކާގެ މޭޖާ ލީގު ބޭސްބޯލް މެޗުތައް ސްޓްރީމް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު