ނެބްރީގެ ހެޓްރިކާއެކު ބަޔާނުން ސްޕާސް ލަދުގަންނަވާލައިފި

މުޙައްމަދު ޤާސިމް
ޓޮޓެންހަމް ކޮޅަށް ލަނޑުޖެހުމަށްފަހު ބަޔާންގެ ސާޖް ނެބްރީ އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުގައި ޖަރުމަންގެ އިތުބާރު ވިންގާ ސާޖް ނެބްރީ ކާމިޔާބުކުރި ހަތަރު ލަނޑާއެކު ބަޔާން މިއުނިކުން ރަށުން ބޭރުގައި 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށްފިއެވެ.

ރޭގެ ނަތީޖާއާއެކު ގްރޫޕް ބީގެ އެއްވަނައިގައި އުޅޭ ބަޔާން އަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެޑްސްޓާ ބެލްގްރޭޑަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގްރޫޕުގެ އެންމެ ފުލުގައި އުޅޭ ޓޮޓެންހަމް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އޮލިމްޕިއާކޯސް އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ.

ބަޔާނުން ރޭގެ މެޗަށް ނިކުތީ ބުންޑަސްލީގާގައި އެންމެ ފަހުން ޕެޑަބޯން އަތުން ރަށުން ބޭރުގައި 3-2 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ލޫކަސް ހެނާންޑޭޒް އާއި ތިއާގޯ އަލްކަންތަރާގެ ބަދަލުގައި ރޭގެ މެޗުން ފުރުޞަތުދީފައިވަނީ ޑޭވިޑް އަލަބާ އާއި ކޮރެންޓިން ޓޮލީސޯ އަށެވެ. 

މީގެއިތުރުން، ޓޮޓެންހަމުން ރޭގެ މެޗަށް ނިކުތްއިރު ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި 2-1 އިން ސައުތެމްޓަން އަތުން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ގެނެސްފައިވަނީ އެންމެ ބަދަލެކެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކްރިސްޓިއަން އެރިކްސަންގެ ބަދަލުގައި ރޭގެ މެޗުން ޖާގަ ދީފައިވަނީ އިނގިރޭސި މިޑްފީލްޑަރު ޑެލޭ އަލީ އަށެވެ.


ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީވެސް އެ ޓީމުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ޓޮޓެންހަމް އަށް މިލަނޑުޖަހައިދިނީ ދެކުނު ކޮރެއާގެ ސޮން ހެއުން-މިން އެވެ. އޭގެ ތިން މިނެޓުފަހުން ބަޔާނަށް އެއްވަރުކޮށްދިނީ ޖޯޝުއާ ކިމިޗް އެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެކުރީން، ޕޯލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ބަޔާނަށް ލީޑްނަގައިދީފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން މާގިނައިރުތަކެއް ނުވަނީސް، މެޗުގެ 53 އާއި 55 ވަނަ މިނެޓުގައި ނެބްރީ ވަނީ ބަޔާންގެ ލީޑް އިތުރަށް ފުޅާކޮށްފައެވެ. ނަމަވެސް، އޭގެ ހަ މިނެޓުފަހުން ޓޮޓެންހަމަށް ލިބުނު ޕެނަލްޓީއަކުން އިނގިރޭސި ފޯވާޑް ހެރީ ކޭން ފަރަގު ކުޑަކޮށްދިންއިރު، މެޗުގެ 83 ވަނަ މިނެޓުގައި ޖެހި ގޯލުން ނެބްރީ ވަނީ ހެޓްރިކް ފުރިހަމަކޮށް ނަތީޖާ 5-2 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، މެޗުގެ ފަހު ތިން މިނެޓުގައި ނެބްރީ އާއި ލެވަންޑޯސްކީ ކާމިޔާބުކުރި ލަނޑުތަކުން ބަޔާން ވަނީ ޓޮޓެންހަމް ލަދުގަންނަވާލައިފައެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ވާދަވެރި ކްލަބު އާސެނަލް އަށް ކުރީން ކުޅުނު ނެބްރީ ބުނީ ހަތަރު ގޯލް ޖެހޭނެކަމަށް ކުރިން ހީ ވެސް ނުކުރާކަމަށާއި، ބައްޕަގެ އެދުމުގެ މަތީން ރަނގަޅު ކުޅުމެއް ދެއްކުނީ ޕްރެޝަރުގެ ސަބަބުން ކަމަށެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މި ގްރޫޕުގައި ހިމެނޭ ރެޑްސްޓާ ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 3-1 އިން އޮލިމްޕިއާކޯސް ބަލިކުރިއިރު، ގްރޫޕް ސީ ގައި ހިމެނޭ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ އަމިއްލަ ދަނޑުގައި ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އަތުން 2-0 އިން މޮޅުވެފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ރަހީމް ސްޓާލިން އާއި ފިލް ފޯޑެން އެވެ. އަދި ޝަކުތަރު ޑޮނެސްކް ވަނީ 2-1 އިން އެޓަލާންޓާ ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު