ވީއޭއާރްގެ ސަބަބުން ރެއާލް ބަލިނުވެ ސަލާމަތްވެއްޖެ

މުޙައްމަދު ޤާސިމް
ބްރޫޖް ކޮޅަށް ލަނޑުޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް ބްރޫޖް ކޮޅަށް ލަނޑުޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީއާ އެކު އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖްއާ 2-2 އިން އެއްވަރުކޮށް ރެއާލް މެޑްރިޑް ބަލިނުވެ ސަލާމަތްވެއްޖެއެވެ.

މި މެޗުން ރެއާލަށް މޮޅުނުވެވުނުއިރު، ގްރޫޕް އޭގައި މިހާތަނަށް ކުޅުނު ދެ މެޗުން އެންމެ ޕޮއިންޓަކާއެކު އެ ޓީމު އޮތީ އެންމެ ފުލުގައެވެ. އެއްވަނައިގައި އުޅެނީ ހަ ޕޮއިންޓް ހަމަކޮށްގެން ސައްތައިގެ ރެކޯޑަކާއެކު ޕީއެސްޖީ އެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ކްލަބް ބްރޫޖް އެވެ. ގޯލްގެ ތަފާތުން ތިންވަނައިގައި އޮތް ގަލަތަސާރޭ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ރެއާލްގެ ސެންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މި މެޗުގައި ހީކުރިގޮތާއި ހިލާފަށް ކުރީން ލީޑްނެގީ ބެލްޖިއަމްގެ ޗެމްޕިއަން ބްރޫޖް އިންނެވެ. މެޗުގެ 9 ވަނަ މިނެޓުގައި އެ ޓީމުން އުފެއްދި އަވަސް އެޓޭކެއްގައި މިލަނޑުޖަހައިދިނީ އެމަނުއެލް ބޮނަވެންޗުރޭ އެވެ. މިއީ އޮފްސައިޑް ގޯލެއްކަމަށް އެސިސްޓެންޓް ރެފްރީ ދިދަ ނަގާފައިވަނިކޮށް، މެޗުގެ ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު ލަނޑެއްކަމަށް ނިންމާފައެވެ. 

ފުރަތަމަ ހާފު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް، ރެއާލްގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލުކާ މޮޑްރިޗަށް ހެދުނު ގޯހެއްގެ ފައިދާނަގައި ބްރޫޖްގެ ފޯވާޑް ބޮނަވެންޗުރޭ ވަނީ އެ ޓީމަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. މި ހާފުގައި ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާ އާއި މޮޑްރިޗްގެ އިތުރުން ރަފައެލް ވަރާން އަދި ޓޯނީ ކްރޫސް އާއި ކަސެމީރޯ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ރެއާލްގެ ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ބްރޫޖްގެ ގޯލްކީޕަރު ސިމޮން މިންޔޮލޭ އެވެ.

ދެވަނަ ހާފު ފެށިއިރު، ރެއާލުން ވަނީ ބެލްޖިއަމްގެ ކީޕަރު ތިބައުޓް ކޯޓުއާގެ ބަދަލުގައި އަލްފޮންސޭ އަރެއޯލާ އާއި ނާޗޯ ހެނާންޑޭޒްގެ ބަދަލުގައި މާސެލޯ ކުޅެން ނެރެފައެވެ. މި ހާފުގެ ކުރީކޮޅު ރެއާލްގެ ބެންޒެމާ އާއި އެޑެން ހަޒާޑް އަދި ކަސެމީރޯ އަށް ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާއިރު، ބްރޫޖްގެ ބޮނަވެންޗުރޭ ވަނީ އެ ޓީމަށް ތިން ލަނޑުގެ ލީޑެއްނެގުމާއި ގާތަށް ޖެހިލާފައެވެ. ނަމަވެސް، ބޮނަވެންޗުރޭ ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު އަރެއޯލާ މަތަކުރިއެވެ.


މެޗުގެ 55 ވަނަ މިނެޓުގައި ރެއާލުން ނެގި ކޯނަރެއްގައި ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ފަރަގު ކުޑަކޮށްދިނެވެ. މެޗުގެ ރެފްރީ މިލަނޑު ގަބޫލުކުރަން ނިންމީ ވީއޭއާރްގެ އެހީ ހޯދުމަށްފަހުގައެވެ. 

އޭގެފަހުން، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ރެއާލްގެ ވިނީޝަސް ޖޫނިއާ އަށް ބްރޫޖްގެ ކެޕްޓަން ރޫޑް ވޮމާ ކުރި ފައުލަކަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. އޭގެނަތީޖާއެއްގެ ގޮތުން، މެޗުގެ 85 ވަނަ މިނެޓުގައި ރެއާލަށް އެއްވަރުކޮށްދިނީ ކްރޫސް ނަގައިދިން ހިލޭޖެހުމަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ކަސެމީރޯ އެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ރެއާލް މޮޅުކޮށްދިނުމަށް ރާމޯސް އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

މި ގްރޫޕްގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ޕީއެސްޖީ ވަނީ ރަށުން ބޭރުގައި 1-0 އިން ތުރުކީގެ ގަލަތަސާރޭ އަތުން މޮޅުވެފައެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑުޖަހައިދިނީ މައުރޯ އިކާޑީ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ގްރޫޕް ޑީގައި ހިމެނޭ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ޖަރުމަނުގެ ބަޔާ ލެވަކޫސަން ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ގޮންޒާލޯ ހިގުއައިން އެ ޓީމަށް ލީޑްނަގައިދީފައިވާއިރު، ދެވަނަ ހާފުގައި ޔުވެންޓަސްގެ އަނެއް ދެލަނޑުޖަހައިދިނީ ފެޑެރީކޯ ބާނަޑެސްކީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި މެޗުގައި ރޮނާލްޑޯ ޖެހި ގޯލާ އެކު އޭނާ ވަނީ ރެއާލްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް މީގެކުރީން ޗެމްޕިއަންސް ލީގުގައި ތަފާތު 33 ޓީމު ކޮޅަށް ލަނޑު ޖަހައިގެން ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފައެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ލޮކޮމޯޓިވް މޮސްކޯގެ ދަނޑުގައި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް ވަނީ 2-0 އިން މޮޅުވެފައެވެ. މި މެޗުގައި އެ ޓީމުން ޖެހި ދެލަނޑުވެސް ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ އުއްމީދީ ފޯވާޑް ޔާއޯ ފެލިކްސް އާއި އިތުބާރު މިޑްފީލްޑަރު ތޯމަސް ޕާޓޭ އެވެ.

ކިޔުންތެރިންގެ ހިޔާލު