އާސެނަލް މޮޅުވިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

ސްޓެންޑާޑް ލީޖް ކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ޔުރޮޕާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ސްޓެންޑާޑް ލީޖް އަތުން 4-0 އިން އާސެނަލް މޮޅުވިއިރު، ރަށުން ބޭރުގައި ނެދަލެންޑްސްގެ އޭޒެޑް އަލްކްމާރާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެއްޖެއެވެ.

ރޭގެ މެޗުތަކަށްފަހު އާސެނަލުން ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހަމަކޮށްފައެވެ. އެއާ ހިލާފަށް ޔުނައިޓެޑް ހިމެނޭ ގްރޫޕުގައި އެ ޓީމުގެ އިތުރުން ޕާޓިޒަން ބެލްގްރޭޑަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ 16 މިނެޓުގެތެރޭގައި އެ ޓީމުން ދެލަނޑުގެ ލީޑެއްނަގާފައިވާއިރު، މިލަނޑުތައް ޖަހައިދިނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމަށް ގެނައި ބްރެޒިލްގެ އުމުރުން 18 އަހަރުގެ ފޯވާޑް ގެބްރިއެލް މާޓިނެއްލީ އެވެ. އޭގެފަހުން، މެޗުގެ 22 ވަނަ މިނެޓުގައި އާސެނަލްގެ ތިންވަނަ ލަނޑުޖަހައިދިނީ އިނގިރޭސި މިޑްފީލްޑަރު ޖޯ ވިލޮކް އެވެ.

މި މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމުގެ ފަހުލަނޑުޖަހައިދިނީ ސްޕެއިނުގެ މިޑްފީލްޑަރު ޑެނީ ސެބަޔޯސް އެވެ. މިއީ އެ ޓީމުގެ ޒުވާން ފޯވާޑް މާޓިނެއްލީ ދިން ބޯޅައަކުން ޖެހި ގޯލެކެވެ.

އަލްކްމާރްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑަށް މި ސީޒަނުގައި ދިމާވެފައިވާ ލަނޑުނުޖެހުމުގެ މައްސަލަ އިތުރަށް ގޯސްވެ، އިދިކޮޅު ޓީމުގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއްނުވެއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އަލްކްމާރުގެ މިރޮން ބޯޑޫ ގޯލެއް ކާމިޔާބުކުރިއިރު، ރެފްރީ ވަނީ އޮފްސައިޑްކަމަށް ނިންމާ އެ ލަނޑު ގަބޫލުނުކުރިއެވެ. މުޅި މެޗުގައިވެސް އަލްކްމާރުގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޕްރިމިއާ ލީގުގެ ކްލަބު ވުލްވްސް ވަނީ ރަށުން ބޭރުގައި 1-0 އިން ތުރުކީގެ ބެސިކްޓާސް ބަލިކޮށްފައެވެ. އޮސްޓްރިއާގެ ވުލްފްސްބާގުން 1-1 އިން އޭއެސް ރޯމާއާ އެއްވަރުކުރިއިރު، ފެޔަނޫޑް ވަނީ 2-0 އިން ޕޯޓޯ އަތުން މޮޅުވެފައެވެ. ސްކޮޓްލެންޑްގެ ރޭންޖާސް ވަނީ 2-1 އިން ޔަންގް ބޯއީސް އަތުން ބަލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު