ހޮފެންހެއިމުން ބަޔާން ހަމަބިމަށް ތިރިކޮށްލައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ނިމިދިޔަ ހަފްތާގައި އިނގިރޭސި ކްލަބު ޓޮޓެންހަމް ހޮޓްސްޕާ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލުމަށްފަހު ޖަރުމަން ލީގުގައިވެސް މެޗަކުން ބަލިނުވެ ރަނގަޅު ފޯމެއްގައި އޮތް ބަޔާން މިއުނިކް އަތުން 2-1 އިން ހޮފެންހައިމް މޮޅުވެއްޖެއެވެ.

މިއީ ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ބަޔާންގެ ދަނޑުގައި ލީގު މެޗަކުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ. މިއާއެކު ލީގުގައި މިހާތަނަށް ހަތް މެޗު ކުޅެވިގެންދިޔައިރު، ބަޔާންގެ އިތުރުން ފްރެއިބާގް އާއި އާރްބީ ލިޕްޒިގު އަދި ޝާލްކާ އާއި ބަޔާ ލެވަކޫސަން އަށް ވެސް ލިބިފައިވަނީ 14 ޕޮއިންޓެވެ. ބަޔާން އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ލީގުގައި ބޮރޫޝިއާ މޮންޗެންގްލަޑްބަކް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ތާވަލްގެ އެއްވަނަ ލިބޭނެއެވެ.

ބަޔާންގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، މެޗުގެ ކުރީކޮޅު ލީޑްނެގުމަށް ހޮފެންހައިމަށް ވަނީ ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. މި ހާފުގައި ބަޔާނަށް އެކަށީގެންވާ ވަރުގެ ހުސް ފުރުޞަތެއްލިބިފައިނުވާއިރު، ލިބުނު މަދު ފުރުޞަތުތަކުގެވެސް ބޭނުންހިފޭގޮތެއްނުވިއެވެ.

އޭގެނަތީޖާއެއްގެ ގޮތުން، ދެވަނަ ހާފުގެ ކުޅުން ފެށިގެން ނުވަ ވަނަ މިނެޓުގައި ކުރީން ލީޑްނެގީވެސް ހޮފެންހައިމުންނެވެ. މިލަނޑު އެ ޓީމަށް ޖަހައިދިނީ އަރުމީނިއާގެ ފޯވާޑް ސާގިސް އަޑަމިއަން އެވެ. މެޗުގެ 73 ވަނަ މިނެޓުގައި ޕޯލެންޑްގެ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީގެ ގޯލުން ބަޔާން އެއްވަރުކުރިނަމަވެސް، އޭގެ ހަ މިނެޓުފަހުން އަޑަމިއަން ވަނީ އިތުރު ގޯލެއްޖަހައި ހޮފެންހައިމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ފްރެއިބާގްއާ ދެކޮޅަށް ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެކްސެލް ވިޓްސެލްގެ ލަނޑުން ޑޯޓްމަންޑް ލީޑްނަގާފައިވާއިރު، ދެވަނަ ހާފުގެ ކުރީކޮޅު ލުކާ ވަލްޑްޝްމިޓް ވައްދާލި ގޯލުން ފްރެއިބާގް އެއްވަރުކުރިއެވެ. އޭގެފަހުން، އަޝްރަފް ހަކީމީ ކާމިޔާބުކުރި ގޯލާއެކު ޑޯޓްމަންޑް މޮޅުވާން ދަނިކޮށް އެ ޓީމުގެ ޑިފެންޑަރު މެނުއެލް އަކާންޖީ އަތުން ބައިކޮޅަށް ވަން ގޯލަކުން ފްރެއިބާގުން ދެވަނަ ފަހަރަށް އެއްވަރުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު