ރެއާލުން ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފި

މުޙައްމަދު ޤާސިމް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 4-2 އިން ގްރަނާޑާ އަތުން މޮޅުވެ ރެއާލް މެޑްރިޑުން ތާވަލްގެ ކުރީގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރޭގެ ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުން 18 ޕޮއިންޓާއެކު ރެއާލް އެއްވަނައިގައި އޮތްއިރު، އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ރޭގެ މެޗުން ބަލިވި ގްރަނާޑާ އެވެ. އެތުލެޓިކޯ މެޑްރިޑަށްވެސް ހަތް މެޗު ކުޅެގެން މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ގްރަނާޑާ އަށް ކުރިލިބެނީ ގޯލްގެތަފާތުންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އޮތީ 13 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ސެންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ރެއާލަށް ލީޑްނަގައިދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް ކަރީމް ބެންޒެމާ އެވެ. މިއީ އެ ޓީމުގެ ވޭލްސް ވިންގާ ގަރެތު ބޭލް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބެންޒެމާ ގޯލްގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ. 

ރެއާލްގެ ލީޑް ފުޅާކުރުމަށް އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްގެ އިތުރުން ޑެނީ ކަރްވަހާލް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުނުނަމަވެސް، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އެ ޓީމަށް މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެންމެ އަގުބޮޑުކޮށް ގެނައި ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް ކާމިޔާބުކުރި ރީތި ގޯލާއެކު މި ހާފު ނިންމާލީ ދެލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 16 ވަރަކަށް މިނެޓުގެ ތެރޭގައި ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާގެ މިޑްފީލްޑަު ލުކާ މޮޑްރިޗް ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، މެޗުގެ 69 ވަނަ މިނެޓުގައި ގްރަނާޑާގެ އަލްވާރޯ ވަޑީލޯ އަށް ރެއާލްގެ ކީޕަރު އަލްފޮންސޭ އަރެއޯލާ ކުރި ފައުލަކަށް ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމަށްފަހު ގްރަނާޑާ އަށް ޕެނަލްޓީއެއް ދީފައެވެ. 

ޑާވިން މާޗިސް ފޮނުވާލި ޕެނަލްޓީން އެ ޓީމު ފަރަގު ކުޑަކުރިއިރު، މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް ގްރަނާޑާގެ ޑޮމިންގޯސް ޑުއާޓޭ ކާމިޔާބުކުރި ގޯލާއެކު އެ ޓީމުން ރެއާލް ހާސްކޮށްލިއެވެ. ނަމަވެސް، މެޗުގެ އިތުރުވަގުތުގައި ރެއާލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑުޖަހައިދިނީ ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް އެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރެއާލް ބެޓިސްއާ ދެކޮޅަށް އެއިބާ ކުޅުނު މެޗު 1-1 އިން އެއްވަރުވެފައެވެ. ލެގަނޭސް އަތުން 2-1 އިން ލެވަންޓޭ މޮޅުވިއިރު، ވެލެންސިއާ އިން އަލަވެސް ބަލިކުރީވެސް ހަމަ އެ ނަތީޖާއިންނެވެ. މީގެއިތުރުން، ވިޔަރެއާލް އަތުން އޮސަސޫނާ މޮޅުވީވެސް 2-1 އިންނެވެ.

ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު، ރާއްޖޭގަޑިން 00:00 ގައި ސެވިއްޔާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ބާސެލޯނާ ނިކުންނައިރު، މިރޭ ރާއްޖޭގަޑިން 19:00 ގައި ކުޅޭ މެޗުގައި އެތުލެޓިކޯ ނިކުންނާނީ ރެއާލް ވަޔަޑޮލިޑާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު