ފަހުވަގުތު މިލްނާ ކާމިޔާބުކުރި ލަނޑުން ލިވަޕޫލަށް ތާރީޚީ ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގެ ފަހުވަގުތު ލިބުނު ޕެނަލްޓީއަކުން ޖޭމްސް މިލްނާ ކާމިޔާބުކުރި ލަނޑާއެކު އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ އަތުން 2-1 އިން މޮޅުވެ، މިފަހަރުގެ ސީޒަނުގައި ލީގުގައި ވިދިވިދިގެން ހޯދީ 8 ވަނަ މޮޅާއެކު ރެކޯޑެއް ގާއިމުކޮށްފިއެވެ.

ލިވަޕޫލުން އެންމެ ފަހުން ލީގުގައި ކުޅުނު 17 މެޗުން ވެސް މޮޅުވެފައިވާއިރު، މިހާތަނަށް އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް އޮތް މެންޗެސްޓާ ސިޓީ ވަނީ 18 މެޗު ހަމަކޮށްފައެވެ.

ރޭގެ ނަތީޖާއާއެކު ލިވަޕޫލް ވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީޚުގައި ފުރަތަމަ އަށް މެޗުން ދެ ސީޒަނެއްގައި މޮޅުވި ހަމައެކަނި ޓީމަށެވެ. މިއާއެކު އެ ޓީމުން ވަނީ ތާވަލްގެ އެއްވަނައިގައި އަށް ޕޮއިންޓްގެ ލީޑެއްވެސް ނަގާފައެވެ. އެ ޓީމަށް ސައްތައިގެ ރެކޯޑަކާއެކު 24 ޕޮއިންޓް ލިބިފައިވާއިރު، މިވަގުތު ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ހަތް މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އެ ޓީމަށް ލީޑްނަގައިދިނީ ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. މިއީ އެ ޓީމުގެ މިލްނާ ދިން ރީތި ބޯޅައަކުން މާނޭ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި އޭނާ ލިވަޕޫލަށް ކުޅުނު 100 މެޗުގައި ޖެހި 50 ވަނަ ލަނޑެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ލިވަޕޫލްގެ ލީޑްފުޅާކުރުމަށް އެންޑްރޫ ރޮބަޓްސަން އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ލެސްޓާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އަނިޔާއަށްފަހު ކުޅުމަށް އެނބުރިއައި ޖޭމްސް މެޑިސަން އެވެ. މިނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް، މެޗުގެ އިތުރުވަގުތުގައި ލިވަޕޫލްގެ މާނޭ އަށް ލެސްޓާގެ މާކް އޯލްބްރައިޓަން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީން އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މިލްނާ އެވެ. މި ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ބެލުމަށް ފަހު އެވެ.


މެޗަށްފަހު ވާހަކަދައްކަމުން ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ވަނީ އެ ޕެނަލްޓީ ރަނގަޅު ނޫން ކަމަށާއި، ލިވަޕޫލް ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ޖުމްލަކޮށް ލެސްޓާ އިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ.

ރޭގެ މެޗުގައި ލެސްޓާގެ މިޑްފީލްޑަރު ހަމްޒާ ޗޯދުރީ ކުރި ޓެކުލެއްގެ ސަބަބުން ލިވަޕޫލްގެ ސަލާހުގެ ކުޑަހުޅަށް އަނިޔާވެފައިވާއިރު، މިކަމާ ގުޅޭގޮތުން އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނީ ސަލާހަށް ކުރި ފައުލަށް އެ ކުޅުންތެރިޔާ އަށް ރަތް ކާޑު ހައްގުކަމަށެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޓޮޓެންހަމް ހޮޓްސްޕާ އަތުން 3-0 އިން ބްރައިޓަން ހޯވް އެންޑް އެލްބިއަން މޮޅުވިއިރު، އެސްޓަން ވިލާ ވަނީ ރަށުން ބޭރުގައި 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނޯވިޗް ސިޓީ ބަލިކޮށްފައެވެ. އެވަޓަން އަތުން 1-0 އިން އަމިއްލަ ދަނޑުގައި ބާންލޭ މޮޅުވިއިރު، ކްރިސްޓަލް ޕެލަސް ވަނީ 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފައެވެ. ވަޓްފޯޑާ ދެކޮޅަށް ޝެފީލްޑް ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު، ރާއްޖޭގަޑިން 18:00 ގައި ސައުތެމްޓަނާ ދެކޮޅަށް ޗެލްސީ ނިކުންނައިރު، ސިޓީ ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ. ހަމަ އެގަޑީގައި ކުޅޭ ތިންވަނަ މެޗުގައި އާސެނަލް ނިކުންނާނީ ބޯންމައުތުއާ ދެކޮޅަށެވެ. މިރޭގެ ފަހު މެޗުގައި 20:30 ގައި ބައްދަލުކުރާނީ މެންޗެސްޓާ ޔުނައިޓެޑާ ނިއުކާސަލް ޔުނައިޓެޑެވެ.

ކިޔުންތެރިންގެ ހިޔާލު