ހިގުއައިންގެ ލަނޑުން ޔުވެންޓަސް އެއްވަނަ އަށް

މުޙައްމަދު ޤާސިމް

އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު 'ޑާބީޑިއިޓާލިއާ'ގެ ނަން ދެވިފައިވާ ބޮޑު މެޗުގައި ރަށުން ބޭރުގައި ގޮންޒާލޯ ހިގުއައިން ވައްދާލި ލަނޑުން އިންޓަ މިލާން އަތުން 2-1 އިން ޔުވެންޓަސް މޮޅުވެއްޖެއެވެ.

ރޭގެ ނަތީޖާއާއެކު މި ފަހަރުގެ ސީޒަނުގައި އިންޓަ އިން ދަމަހައްޓަމުން އައި ސައްތައިގެ މޮޅުވުމުގެ ރެކޯޑް ވަނީ ނިމުމަކަށް އައިސްފައެވެ. މިއާއެކު ލީގުގެ އެއްވަނައިގައި އޮތް ޔުވެންޓަސް އަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އިންޓައެވެ. ތިންވަނައިގައި އޮތް އެޓަލާންޓާ އަށް 16 ޕޮއިންޓް ލިބިފައިވާއިރު، ނަޕޯލީ އޮތީ 13 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

އިންޓަގެ ސެންސީރޯގައި ރޭ ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ކުރީން ލީޑްނެގީ ޔުވެންޓަސް އިންނެވެ. އެ ޓީމުގެ ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ދިން ބޯޅައަކުން މިލަނޑުޖަހައިދިނީ ޕައޮލޯ ޑިބާލާ އެވެ. އޭގެ ފަސް މިނެޓުފަހުން، ޔުވެންޓަސްގެ ލީޑް ފުޅާކުރުމަށް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، އިންޓަ އަށް އެއްވަރުކޮށްދިނީ މެޗުގެ 18 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އާޖެންޓީނާގެ ފޯވާޑް ލޮޓާރޯ މާޓިނޭޒް އެވެ. މިއީ ޔުވެންޓަސްގެ ނެދަލެންޑްސް ޑިފެންޑަރު މަތައިސް ޑި ލިޓް އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ޔުވެންޓަސް އިން ގޯލެއް ކާމިޔާބުކުރިނަމަވެސް، ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ގޯލް ގަބޫލުނުކޮށްފައެވެ. އެއީ އެ ޓީމުގެ ޕޯޗުގަލް ތަރި ރޮނާލްޑޯ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލުމުގެ ކުރީން، ޑިބާލާ އޮފްސައިޑް މަގާމެއްގައި ހުރެ އެ ބޯޅަ ރޮނާލްޑޯ އަށް ދިނުމުންނެވެ.

ދެވަނަ ހާފު ފެށިގެންވެސް، ޔުވެންޓަސްގެ ލީޑް ފުޅާކުރުމަށް ގިނަ ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާއިރު، މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް އެ ޓީމު މޮޅުކޮށްދިނީ މި ޙާފުގައި ކުޅެން ނިކުތް ފޯވާޑް ހިގުއައިން ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، އިންޓަ އަށް އެއްވަރުކޮށްދިނުމަށް މަޓިއަސް ވެސީނޯ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ގޯލާ ވަރަށް ކައިރިން އޭނާ ފޮނުވާލި ބޯޅަ ޔުވެންޓަސްގެ ކީޕަރު ވޮޝިއެކް ޝެޒްނީ މަތަކުރިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ޔުވެންޓަސް އަކީ އެހެން ޓީމުތަކަށްވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ޓީމެއް ކަމަށާއި، އަމާޒަކީ ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ކުޑަކުރުން ކަމަށެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޓޮރީނޯއާ ނަޕޯލީ ބައްދަލުކުރި މެޗު ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވިއިރު، އޭއެސް ރޯމާއާ ދެކޮޅަށް ކަލިއާރީ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ލާޒިއޯއާ ދެކޮޅަށް ބޮލޯނިއާ ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، އެޓަލާންޓާ ވަނީ 3-1 އިން ލެއްޗެ ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު