ސެވިއްޔާ ބަލިކޮށް ބާސެލޯނާ ދެވަނަ އަށް

މުޙައްމަދު ޤާސިމް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު ސެވިއްޔާ އަތުން 4-0 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.

ބައިނަލް އަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލިއިރު، ތާވަލްގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް މިހާތަނަށް ކުޅުނު އަށް މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ވާދަވެރި ބާސެލޯނާ އެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 15 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ރޭ ރަށުން ބޭރުގައި ރެއާލް ވަޔަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއްނުޖެހި 0-0 އިން އެއްވަރުވުމުން ލީގުގެ ދެވަނަ އަށް އަރަން ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ. ހަތަރުވަނައިގައި އޮތީ 14 ޕޮއިންޓާއެކު ގްރަނާޑާ އެވެ.

ބާސެލޯނާ އިން ރޭގެ މެޗަށް ނިކުތީ އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާން އަތުން 2-1 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ތިން ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ލީގުގައި އެންމެ ފަހުން ގެޓަފޭއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ފްރާންސް ޑިފެންޑަރު ކްލެމެންޓް ލެންގްލޭ ރޭގެ މެޗަށް ސަސްޕެންޑްވެފައިވާއިރު، ސާޖިއޯ ބުސްކެޓްސް އަދި އެންޓޮއިން ގްރީޒްމަން ރޭގެ މެޗު ފެށީ ބެންޗުންނެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ތިން ލަނޑުޖެހިއެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، މެޗުގެ 27 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާތެރެއިން ފޮނުވާލި އޯވަހެޑް ކިކަކުން ކާމިޔާބުކުރީ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެވެ. މިއީ ބާސެލޯނާ އަށް އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ޖެހި ހަތަރުވަނަ ލަނޑެވެ. އޭގެ ފަސް މިނެޓުފަހުން، އެ ޓީމުގެ ދެވަނަ ލަނޑު ޗިލީގެ މިޑްފީލްޑަރު އާތުރޯ ވިޑާލް ކާމިޔާބުކުރިއިރު، މެޗުގެ 35 ވަނަ މިނެޓުގައި އޮސްމާނޭ ޑެމްބެލޭ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

ބާސެލޯނާގެ ފަހު ގޯލު، މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. މި ސީޒަނުގައި މެސީ ކާމިޔާބުކުރި ފުރަތަމަ ގޯލު ޖެހީ ހިލޭޖެހުމަކުންނެވެ. ފަސޭހަކަމާއެކު ބާސެލޯނާ އިން މި މެޗު ކާމިޔާބުކުރި ނަމަވެސް، އެ ޓީމުން މި މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާ އެކު އެވެ. 

އެއީ މެޗުގެ ފަހު ތިން މިނެޓުގައި އެ ޓީމުގެ އުރުގުއޭ ޑިފެންޑަރު ރޮނާލްޑް އަރައުހޯ އާއި ޑެމްބެލޭ އަށް ރަތް ކާޑު ދެއްކުމުންނެވެ. ބާސެލޯނާގެ ޑިފެންޑަރު ޓޮޑީބޯ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ދެވަނަ ހާފުގައި އޭނާގެ ބަދަލުގައި ކުޅެން ނިކުތް އަރައުހޯ އަށް ރަތް ކާޑު ދެއްކީ ސެވިއްޔާގެ ފޯވާޑް ހަވިއޭ ހެނާންޑޭޒަށް ފައުލުކުރުމުންނެވެ. އަދި ޑެމްބެލޭ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކީ ރެފްރީގެ ނިންމުމާ މެދު މާ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެތުލެޓިކް ބިލްބާއޯ އަތުން ސެލްޓާ ވިގޯ 1-0 އިން މޮޅުވިއިރު، ގެޓަފޭ ވަނީ ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް 2-1 އިން ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު