ލޮރިސް އަށް ލިބުނު އަނިޔާގެ ސަބަބުން މި އަހަރު ދެން ނުކުޅެވޭނެ!

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ބްރައިޓަން ހޯވް އެންޑް އެލްބިއަން އަތުން 3-0 އިން ޓޮޓެންހަމް ހޮޓްސްޕާ ބަލިވި މެޗުގައި އެ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް އަށް ލިބުނު އަނިޔާގެ ސަބަބުން މި އަހަރު ދެން ނުކުޅެވޭނެކަން އެ ކްލަބުން ހާމަކޮށްފިއެވެ.

ފްރާންސްގެ ގައުމީ ޓީމުގައިވެސް ކެޕްޓަންކަން ކުރަމުން އަންނަ ލޮރިސްގެ އަތުގެ އުޅަނބޮށްޓަށް އަނިޔާވީ، ލީގުގައި ޓޮޓެންހަމް އެންމެ ފަހުން ކުޅުނު މެޗުގެ ތިންވަނަ މިނެޓުގައި ބްރައިޓަންގެ ޕަސްކަލް ގްރޮސް ޕެނަލްޓީއޭރިޔާތެރެއަށް ހުރަސް ކުރި ބޯޅައެއް ގޯލްގެ ރޮނގުމަތިން ހިފަން އުޅުމުގެ ތެރޭގައި ވެއްޓިގެންނެވެ.

މި އަނިޔާއާ ގުޅޭގޮތުން އޭނާގެ ކްލަބު، ޓޮޓެންހަމުން ވަނީ ލޮރިސްގެ އަތުގެ އުޅަނބޮށީގެ ލިގަމެންޓަށް އަނިޔާވިކަން ކަށަވަރުކޮށްދީފައެވެ. އެހެން ނަމަވެސް، މި އަނިޔާގެ ސަބަބުން އޮޕަރޭޝަނެއް ކުރަންނުޖެހޭ ކަމަށް ޓޮޓެންހަމްގެ އިތުރުން ފްރާންސްގެ ގައުމީ ޓީމުގެ މެޑިކަލް ޓީމުން ވަނީ ޔަގީންކޮށްދީފައެވެ.

"އަހަރެމެންގެ ކެޕްޓަން ލޮރިސްގެ އަތުގެ އުޅަނބޮށީގެ ލިގަމެންޓަށް ވަނީ އަނިޔާވެފައި. ނަމަވެސް، އޮޕަރޭޝަނެއް ކުރާކަށް ނުޖެހޭ. އެކަމަކު އޭނާ އަށް އެންމެ އަވަހަށް ދަނޑަށް ކުޅެން ނިކުމެވޭނީ އަންނަ އަހަރު." ޓޮޓެންހަމުން ނެރުނު ބަޔާނެއްގައިވެއެވެ.

އުމުރުން 32 އަހަރުގެ ލޮރިސް އަށް މި ލިބުނު އަނިޔާގެ ސަބަބުން ފްރާންސްގެ ގައުމީ ޓީމަށް މި އަހަރުގައި ކުރިއަށް އޮތް ޔޫރޯ ކޮލިފައިން މެޗުތަކުގެ އިތުރުން ޓޮޓެންހަމްގެ މުހިއްމު ގިނަ މެޗުތަކެއް ގެއްލޭނެއެވެ. އެންމެ ފަހުގެ ވޯލްޑްކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ލޮރިސް ވަނީ މިހާތަނަށް ގައުމީ ޓީމަށް 111 މެޗު ކުޅެދީފައެވެ.

ކިޔުންތެރިންގެ ހިޔާލު