އާޖެންޓީނާ އިން ޖަރުމަނު މޮޅުވިޔަނުދީ ހިފަހައްޓައިފި

މުޙައްމަދު ޤާސިމް
އާޖެންޓީނާއާ ދެކޮޅަށް ޖަރުމަން ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ މެޗުތަކުގެ ކުރީން ރޭ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި 2014 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ފައިނަލްގައި ބައްދަލުކުރި ދެ ޓީމުގެ ކުރިމަތިލުމުގައި، އަނިޔާގެ ސަބަބުން ގިނަ ބަދަލުތަކާއެކު ނިކުތް ޖަރުމަންގެ ޓީމާ ފަހަތުން އަރައި  އާޖެންޓީނާ 2-2 އިން އެއްވަރުކޮށްފިއެވެ.

އާޖެންޓީނާ އިން ރޭގެ މެޗަށް ނިކުތްއިރު ސަސްޕެންޝަނުގެ ސަބަބުން ކެޕްޓަން ލިއޮނަލް މެސީ ނުކުޅޭއިރު، ސާޖިއޯ އަގުއޭރޯ އާއި އެންހެލް ޑި މާރިއާ އަށް ވެސް މި ފަހަރުގެ ސްކޮޑުން ފުރުޞަތުދީފައެއްނުވެއެވެ.

މީގެއިތުރުން، ޖަރުމަނުން ރޭގެ މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ޓީމުގެ އެއްވެސް ކުޅުންތެރިއަކު ހިމަނާފައިނުވާއިރު، ގައުމީ ޖާޒީގައި މުޅީން އަލަށް ހަތަރު ކުޅުންތެރިއަކު ވަނީ ކުޅެން ނިކުމެފައެވެ. އަދި ރޭގެ މެޗުގައި އެ ޓީމުގެ ގޯލް ބެލެހެއްޓީ ވެސް ބާސެލޯނާގެ ކީޕަރު މާކް އަންދްރެ ޓަ ސްޓެގަން އެވެ.

ޖަރުމަންގެ ޑޯޓްމަންޑްގެ ސިގްނަލް އިޑޫނާ ޕާކްގައި ރޭ ކުޅުނު މި މެޗު ފެށިގެން 15 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ބަޔާން މިއުނިކްގެ ވިންގާ ސާޖް ނެބްރީ އެވެ. މިއީ ގައުމީ ޓީމަށް އޭނާ ކުޅެދިން 11 މެޗުގައި ޖެހި 10 ވަނަ ގޯލެވެ. އޭގެ ހަތް މިނެޓުފަހުން، ނެބްރީ ދިން ބޯޅައަކުން ބަޔާ ލެވަކޫސަންގެ އުއްމީދީ މިޑްފީލްޑަރު ކާއި ހަވާޓްޒް ވަނީ ޖަރުމަނަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ.

އޭގެފަހުން، ޖަރުމަނުގެ ލީޑް އިތުރަށް ފުޅާކުރުމަށް މާސެލް ހާލްސްޓެންބާގަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، އާޖެންޓީނާ އަށް ފުރަތަމަ ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ރޮޑްރިގޯ ޑެ ޕޯލް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން ޖަރުމަން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފަށް އާޖެންޓީނާ ނިކުތީ ދެ ބަދަލާއެކުގައެވެ. އެގޮތުން، އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ އެންހެލް ކޮރެއާ އާއި މާކޮސް ރޯހޯގެ ބަދަލުގައި ލޫކަސް އޮކަމްޕޯސް އަދި މާކޮސް އަކޫނިއާ ކުޅެން ނެރެފައެވެ. އެކަމަކު، ދެވަނަ ހާފުގެ ކުރީކޮޅު ޖަރުމަނުގެ ޖިއަން-ލޫކާ ވަލްޑްޝްމިޑް އާއި ނެބްރީ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، އެ ޓީމުގެ އެމްރޭ ޗާން އަދި ޖޫލިއަން ބްރެންޓް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ އާޖެންޓީނާގެ ކީޕަރު އަގަސްޓިން މާޗެސިން އެވެ.

މެޗުގެ 66 ވަނަ މިނެޓުގައި މި ހާފުގައި ކުޅެން ނިކުތް ލޫކަސް އަލާރިއޯގެ ގޯލުން އާޖެންޓީނާ ފަރަގު ކުޑަކުރިއިރު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އެ ޓީމަށް އެއްވަރުކޮށްދިނީ އަލާރިއޯ ދިން ބޯޅައަކުން އޮކަމްޕޯސް އެވެ.

ޖަރުމަނަށް ކުރިއަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު ޔޫރޯ ކޮލިފައިންގައި ރަށުން ބޭރުގައި އެސްޓޯނިއާ އާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ. 

ކިޔުންތެރިންގެ ހިޔާލު