ޓެކުހުގެ މައްސަލާގައި ބާސެލޯނާ ދޫކޮށްލުމަށް ވިސްނިން: މެސީ

ސްޕެއިނުގެ ޓެކްސް އޮތޯރިޓީން ބާސެލޯނާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ މައްޗަށް ޓެކުހަށް މަކަރުހެދިކަމަށް ބުނެ ކުރި ތުހުމަތުތަކުގެ ސަބަބުން އެ ގައުމު ދޫކޮށްލުމުގެ ވިސްނުމެއް ގެންގުޅުނުކަމަށް އޭނާ ބުނެފިއެވެ.

އެގޮތުން، މެސީ ބުނީ 2013 ވަނަ އަހަރުގައި އޭނާ އާއި އޭނާގެ ބައްޕައާ މެދު ސްޕެއިނުގެ ޓެކްސް އޮތޯރިޓީން އަމަލުތައް ބެހެއްޓީ ވަރަށް ގޯސްކޮށް ކަމަށާއި، އެކަމުގެ ސަބަބުން އެ ދުވަސްވަރުގައި ބާސެލޯނާ ދޫކޮށްލުމަށްފަހު ޔޫރަޕްގެ އެހެން ކްލަބަކަށް ބަދަލުވުމަށް ވިސްނިކަމަށެވެ. އެހެންނަމަވެސް، އެކަމާ ވިސްނި ބާސެލޯނާއާ މެދު އޮތް ހިތްހަމަނުޖެހުމެއްގެ ސަބަބުން ނޫން ކަމަށެވެ.

"2013 އާއި 2014 ވަނަ އަހަރުގައި އަހަރެން ބާސެލޯނާގައި ހޭދަކުރީ ވަރަށް އުނދަގޫ ދުވަސްތަކެއް. އޭރު އަހަރެންނާ އަހަރެންގެ އާއިލާއަށް ކަންތައް ދިމާވިގޮތުން ބާސެލޯނާ ދޫކޮށްލަން ނިންމީ، އެއީ އެއްގޮތަކަށްވެސް މި ކްލަބު ދޫކޮށްލަން ބޭނުންވެގެނެއް ނޫން. އެއީ މި ގައުމު ދޫކޮށްދާން ބޭނުންވެގެން." މެސީ ބުންޏެވެ.

އުމުރުން 32 އަހަރުގެ މެސީ ވަނީ އޭރު އެގޮތަށް ކަންތައްތައް ދިމާވި ނަމަވެސް، މިހާރު އޭނާގެ އަމާޒަކީ ބާސެލޯނާގައި ހުރެ ފުޓްބޯޅަ ކެރިއަރު ނިންމާލުން ކަމަށް ބުނެފައެވެ.

"ކްލަބުގައި އަހަރެން ބެހެއްޓުމަށް ބޭނުންވާކަމަށް ވާނަމަ، އަހަރެންގެ އަމާޒަކީ ކެރިއަރު އެއްކޮށް ބާސެލޯނާގައި ހޭދަކުރުން." މެސީ ބުންޏެވެ.

މީގެއިތުރުން، މެސީ ވަނީ ރެއާލް މެޑްރިޑަށް ކުރީން ކުޅުނު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތުމުން ސްޕެނިޝް ލީގުގައި ވާދަވެރިކަމެއް ނެތް ކަމަށް ބުނެފައެވެ.

"އަހަރެން އަސްލު ވަރަށް ބޭނުންވި ރެއާލްގައި ރޮނާލްޑޯ މަޑުކުރުމަށް. އޭރުން އެލް ކްލެސިކޯގެ އިތުރުން ލަލީގާގައި މި ދެ ކްލަބުގެ ވާދަވެރިކަން ބޮޑުވާނެ." މެސީ ބުންޏެވެ.

މެސީ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި މިހާތަނަށް އެންމެ ކާމިޔާބު އަދި އުފާވެރި ދުވަސްތައް ހޭދަކުރީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ބާސެލޯނާ ކުޅުނު ދުވަސްވަރުގައި ކަމަށާއި، މިހާތަނަށް އޭނާ އަށް ކާމިޔާބުކުރެވުނު އެންމެ ފުރިހަމަ ގޯލަކީ 2009 ވަނަ އަހަރުގައި ރޯމްގައި ކުޅެވުނު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ބޮލުން ވައްދާލި ލަނޑު ކަމަށެވެ.

މި ފަހަރުގެ ސީޒަނުގައި އަނިޔާގެ ސަބަބުން ބާސެލޯނާ ކުޅުނު ގިނަ މެޗުތަކެއް ގެއްލިފައިވާ މެސީ ވަނީ އުމުރުން 14 އަހަރުގައި ގުޅުނު ކްލަބަށް މިހާތަނަށް އައިއިރު 600 އަށް ވުރެ ގިނަ ލަނޑުޖަހައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު