ނެދަލެންޑްސް އާއި ޖަރުމަން ކޮލިފައިވުމުގެ ފުރުޞަތު ބޮޑުކުރިއިރު، ރަޝިޔާ އަދި ޕޮލެންޑް ޖާގަ ހޯދައިފި

ބެލަރޫސް ކޮޅަށް ލަނޑުޖެހުމަށްފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް ބެލަރޫސް ކޮޅަށް ލަނޑުޖެހުމަށްފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިިފައިވުމަށް ރޭ ކުޅުނު މެޗުތަކަށްފަހު ނެދަލެންޑްސް އާއި ޖަރުމަން ކޮލިފައިވުމުގެ ފުރުޞަތު ބޮޑުކުރިއިރު، ރަޝިޔާ އަދި ޕޯލެންޑުން އެ މުބާރާތުން ޖާގަ ކަށަވަރުކޮށްފިއެވެ.

ބެލަރޫސްއާ ދެކޮޅަށް ކުޅެ 2-1 އިން ނެދަލެންޑްސް މޮޅުވިިއިރު، އެއް ކުޅުންތެރިއަކު މަދުން ކުޅެ ޖަރުމަނުން ވަނީ 3-0 އިން އެސްޓޯނިއާ ބަލިކޮށްފައެވެ. ރަޝިޔާ އިން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސައިޕްރަސް ބަލިކުރިއިރު، ޕޯލެންޑް ވަނީ 2-0 އިން ނޯތު މެސެޑޯނިއާގެ މައްޗަށް ކުރިހޯދައިފައެވެ.

ރޭގެ މެޗުތަކަށްފަހު ގްރޫޕް ސީގެ އެންމެ ކުރީގައި އުޅޭ ނެދަލެންޑްސް އާއި ޖަރުމަނަށް ހަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. ނެދަލެންޑްސް އަށް ކުރިލިބެނީ ހެޑް ޓު ހެޑް ރެކޯޑުންނެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ޔޫރޯ އިން ޖާގަ ކަށަވަރުވެގެންދާއިރު، މި ގްރޫޕުގެ ތިންވަނައިގައި 12 ޕޮއިންޓާއެކު އޮތް ނޮދަން އަޔަލެންޑަށް ވެސް އަދި ފުރުޞަތު ނުގެއްލެއެވެ.

ބެލަރޫސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ނެދަލެންޑްސް އިން ޖެހި ދެލަނޑުވެސް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ލިވަޕޫލްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް އެވެ. ބެލަރޫސްގެ ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުރީކޮޅު ޖަހައިދިނީ ސްޓަނިސްލާވް ޑްރާހުން އެވެ.


ޔަކީމް ލޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޖަރުމަނުން ވަނީ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ޔުވެންޓަސްގެ މިޑްފީލްޑަރު އެމްރޭ ޗާން އަށް ދެއްކި ރަތް ކާޑާއެކު މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުން ކުޅެ އެސްޓޯނިއާގެ ދަނޑުގައި 3-0 އިން މޮޅުވެފައެވެ. މި މެޗުގައި ޖަރުމަނުން ޖެހި ތިން ލަނޑުވެސް ދެވަނަ ހާފުގައި ކާމިޔާބުކުރިއިރު، އޭގެއިން ދެ ލަނޑުޖަހައިދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިލްކާއި ގުންޑޮގަން އެވެ. އެ ޓީމުގެ ފަހުލަނޑުޖަހައިދިނީ ޓިމޯ ވާނާ އެވެ.

ކޮލިފައިންގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އިތުރު މެޗުތަކަށް ބަލާއިރު، ބެލްޖިއަމުން ރޭގެ މެޗުގައި ރަށުން ބޭރުގައި 2-0 އިން ކަޒަކްސްތާން ބަލިކޮށް ސައްތައިގެ ރެކޯޑް ދެމެހެއްޓިއިރު، ގްރޫޕް އީގައި ހިމެނޭ ވޭލްސްއާ ދެކޮޅަށް ކްރޮއޭޝިއާ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. 

ރޭގެ ނަތީޖާއާއެކު ކްރޮއޭޝިއާ އަށް އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވުމަށް އިތުރު އިންތިޒާރެއް ކުރަންޖެހިފައިވާއިރު، މި ގްރޫޕުގައި ހިމެނޭ ހަންގޭރީ ވަނީ 1-0 އިން އަޒަރުބައިޖާން ބަލިކޮށް ފުރުޞަތު ބޮޑުކޮށްފައެވެ. މީގެއިތުރުން، ގްރޫޕް ޖީގައި ހިމެނޭ އޮސްޓްރިއާ ވަނީ 1-0 އިން ސްލޮވީނިއާގެ މައްޗަށް ކުރިހޯދައި ޔޫރޯގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ޖެހިލާފައެވެ. 

މިހާތަނަށް އައިއިރު އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ކަށަވަރުކޮށްފައިވަނީ، ބެލްޖިއަމާއި އިޓަލީގެ އިތުރުން ޕޯލެންޑް އަދި ރަޝިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު