ޔުރޮޕާ ލީގު: ޔުނައިޓެޑާއި ސެލްޓިކް އަދި ސެވިއްޔާ ނޮކްއައުޓް ބުރަށް ދަތުރުކޮށްފި

މުޙައްމަދު ޤާސިމް
ޕާޓިޒަން ބެލްގްރޭޑް ކޮޅަށް ލަނޑުޖެހުމަށްފަހު މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް ޕާޓިޒަން ބެލްގްރޭޑް ކޮޅަށް ލަނޑުޖެހުމަށްފަހު މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ޔުރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑާއި ސެލްޓިކް އަދި ސެވިއްޔާ އެ މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ސާބިއާގެ ޕާޓިޒަން ބެލްގްރޭޑް އަތުން 3-0 އިން ޔުނައިޓެޑް މޮޅުވިއިރު، ސެލްޓިކް ވަނީ ރަށުން ބޭރުގައި 2-1 އިން ލާޒިއޯ ބަލިކޮށްފައެވެ. ސެވިއްޔާ ވަނީ ލަގްޒެމްބާގުގެ ޑުޑްލާންޖް އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ރޭގެ ނަތީޖާތަކަށްފަހު ގްރޫޕް އެލްގެ އެއްވަނައިގައި އުޅޭ ޔުނައިޓެޑަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އޭޒެޑް އަލްކްމާރް އަށް ލިބިފައިވަނީ 8 ޕޮއިންޓެވެ. ޕާޓިޒަން އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އެންމެ ފުލުގައި އޮތް އަސްތާނާ އަށް މިހާތަނަށް ޕޮއިންޓެއް ނުލިބެއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ދެލަނޑުޖެހިއެވެ. މެޗުގެ 22 ވަނަ މިނެޓުގައި ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ލީޑްނަގައިދިންއިރު، މި ހާފު ނިމުމުގެކުރީން އެންތަނީ މާޝިއަލް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު، ޔުނައިޓެޑްގެ ފަހު ލަނޑުޖަހައިދިނީ އިތުބާރު ފޯވާޑް މާކަސް ރަޝްފޯޑް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޗީރޯ އިމޯބިލޭގެ ގޯލުން ލާޒިއޯ ލީޑްނަގާފައިވަނިކޮށް ޖޭމްސް ފޮރެސްޓް އާއި އޮލިވިއޭ ނިޗަމް ކާމިޔާބުކުރި ލަނޑުތަކުން ސެލްޓިކް ވަނީ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފައެވެ. 

ސެވިއްޔާ އިން 5-2 އިން ޑުޑްލާންޖް ބަލިކުރިއިރު، އެ ޓީމުގެ މުނީރު އެލް ހަދާދީ ހެޓްރިކް ހެދިއިރު އަނެއް ދެލަނޑުޖަހައިދިނީ މުނާސް ޑަބޫރު އެވެ. އަމިއްލަ ދަނޑުގައި ލުޑޮގޮރެޓްސް އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހޯދީ މޮޅާއެކު އެސްޕަންޔޯލް ވަނީ ނޮކްއައުޓް ބުރަށް ދަތުރުކުރިއިރު، މިދިޔަ ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި އާސެނަލް ކުޅުނު މެޗުގައި ޕޯޗުގަލްގެ ވިޓޯރިއާ ސެޓުބާލްއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވެ، އިތުރު އިންތިޒާރެއް ކުރަންޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު