ޗެމްޕިއަން ސިޓީ ބަލިކޮށް ލިވަޕޫލަށް 8 ޕޮއިންޓްގެ ލީޑެއް

މެންޗެސްޓާ ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް މެންޗެސްޓާ ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ބޮޑު މެޗުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް ލިވަޕޫލުން ތާވަލްގެ އެއްވަނައިގައި 8 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. މި މެޗުން ލިވަޕޫލް މޮޅުވީ 3-1 އިންނެވެ.

މިއީ ލީގުގައި ބަލިނުވެ ވިދިވިދިގެން ލިވަޕޫލުން ހަމަކުރި 29 ވަނަ މެޗެވެ.

ލީގުގައި މިހާތަނަށް ކުޅެވިގެންދިޔަ 12 މެޗަށްފަހު ލިވަޕޫލް ވަނީ 34 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ތިންވަނައިގައި އޮތް ޗެލްސީ އަށް ވެސް ލިބިފައިވަނީ 26 ޕޮއިންޓެވެ. ފައިދާގޯލްގެ ތަފާތުން ދެވަނަ ލިބެނީ ލެސްޓާ އަށެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ ރޭގެ މެޗުން ބަލިވި ސިޓީ އެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗު ފެށިގެން ހަވަނަ މިނެޓުގައި ސިޓީގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ގޯލާއި ގާތްގަނޑަކަށް 25 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާއަކުން އެ ޓީމަށް ލީޑްނަގައިދިނީ ބްރެޒިލްގެ އިތުބާރު މިޑްފީލްޑަރު ފަބީނިއޯ އެވެ. އޭގެކުރީން، ސިޓީގެ ބެނާޑޯ ސިލްވާ ފޮނުވާލި ބޯޅައެއް ޕެނަލްޓީއޭރިޔާތެރެއިން ލިވަޕޫލްގެ ފުލްބެކް ޓްރެންޓް އެލެކްސެންޑާ-އާނޯލްޑްގެ އަތުގައި ޖެހުނު ކަމަށް ބުނެ ޕެނަލްޓީއަކަށް އެޕީލްކުރިނަމަވެސް ރެފްރީ ވަނީ އެކަމާ ދެކޮޅުހަދާފައެވެ.

އޭގެ ހަތް މިނެޓުފަހުން، ލިވަޕޫލުން ވަނީ އިތުރު ލަނޑެއްޖަހައި ސިޓީ ސިއްސުވާލައިފައެވެ. މިއީ އެ ޓީމުގެ އެންޑްރޫ ރޮބަޓްސަން ނަގައިދިން ހުރަހަކުން މިސްރުގެ ތަރި މުހައްމަދު ސަލާހު ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މި ބޯޅަ ފޮނުވާލިއިރު، ސަލާހު ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށް ބުނެ ސިޓީގެ ކުޅުންތެރިން އެޕީލްކުރިނަމަވެސް ރެފްރީ އެކަމަށް އިޖާބައެއް ނުދިނެވެ. މި ހާފުގައި ސިޓީ އަށް މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް ވަނީ ރަނގަޅު ތިން ފުރުޞަތެއްލިބި ބޭނުންހިފޭގޮތްނުވެފައެވެ.


ލިވަޕޫލްގެ ތިންވަނަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަވަނަ މިނެޓުގައި ޖަހައިދިނީ ސަޑިއޯ މާނޭ އެވެ. މިއީ އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަރިމަތިން ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް މާނޭ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ސިޓީގެ ކީޕަރު ކްލައުޑިއޯ ބްރާވޯގެ އަތުގައިޖެހިފައެވެ. 

މި މެޗުގައި ސިޓީން ޖެހި ހަމައެކަނި ލަނޑު، މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ބެނާޑޯ އެވެ. އޭގެފަހުން، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ސިޓީގެ ރަހީމް ސްޓާލިން ފޮނުވާލި ބޯޅައެއް ލިވަޕޫލްގެ އޭރިޔާތެރެއިން އެލެކްޒެންޑާ އާނޯލްޑްގެ އަތުގައި ޖެހުމުން އެ ޓީމުގެ ކުޅުންތެރިން ޕެނަލްޓީއަކަށް އެޕީލްކުރުމުންވެސް ރެފްރީ އެކަމަށް ސަމާލުކަމެއް ނުދިނެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މިވަގުތު ދަށް ފޯމެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ބްރައިޓަން ހޯވް އެންޑް އެލްބިއަން ބަލިކޮށް ތާވަލްގެ ހަތްވަނަ އަށް ޖެހިލާފައެވެ. މި މެޗުގައި އެ ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެލަނޑު ޖަހައިދިނީ އަންދްރެއަސް ޕެރޭރާ އާއި މާކަސް ރަޝްފޯޑް އެވެ. އެ ޓީމުގެ އަނެއް ލަނޑަކީ ބްރައިޓަންގެ ޑޭވީ ޕްރޮޕާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ކިޔުންތެރިންގެ ހިޔާލު